• ދިވެހިރާއްޖޭގެ މިނިވަންކަމަށް 57 އަހަރު ފުރި، 58 ވަނަ އަހަރަށް ލައިގަތުން

ޖުލައި 26 އަކީ މީލާދީ ކަލަންޑަރުގެ 207 ވަނަ ދުވަހެވެ. ލީޕް އަހަރެއްގައިނަމަ 208 ވަނަ ދުވަހެވެ. އެކަމަކު ދިވެހީންގެ ކަލަންޑަރުގައި ފަޚުރުވެރި މިނިވަންދުވަހެވެ. ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ޖުލައި މަހުގެ 26 ވަނަ ދުވަސް ރަސްމީކޮށް ކަނޑައަޅާފައި ވަނީ 1965 ވަނަ އަަހަރުގެ މިދުވަހު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ސޮއިކުރީތީއެވެ.

26 ޖުލައި 1965ގެ ހެނދުނު 10:00 ގައި ދިވެހިންނަށް ލިބުނު ފުރިހަމަ މިނިވަންކަމަުގެ ޒިކުރާ މިއަދު އާކުރާއިރު، ދިވެހީންގެ މިނިވަންކަން ދިވެހީންނަށް ގެްލުނު ގޮތާއި އަނބުރާ ލިބުނު ގޮތާމެދު ފުންކޮށް ވިސްނާލަންޖެހެއެވެ. ތާރީޚުގެ ފަތްފޮތްތަކަށް ނިއުޅާލައި މާޒީގެ ތެރެއަށް ފީނާލަން ޖެހެއެވެ. ދިވެހީންނަށް މިނިވަންކަން ގެއްލި ލިބިފައިވަނީ އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. އެކަން ދިވެހި ތާރީޚުން ހެކިދެއެވެ. އެގޮތުން ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ހާދިސާއަކީ ދުރު މާޒީގައި ހިނގި ނަމަވެސް ތާރީޚު ލިޔުންތެރިންގެ ޤަލަމުން އަހަރެމެންނާ ހަމައަށް ފޯރުކޮށްދީފައިވާ އަގުބޮޑު ފިލާވަޅެކެވެ.

ކޮންމެ ޖުމާދަލްއާޚިރާ މަހެއްގެ ތިންވަނަ ދުވަސް، ރާއްޖޭގެ ރައްޔިތުންނަށް ޚާއްސަވަނީ ކީއްވެގެންތޯއެވެ. މިދުވަހާއި ރާއްޖެއާއި އޮތީ ކޮން ގުޅުމެއް ތޯއެވެ. އާދެ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިނެއްވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ނުވަތަ މަލާބާރީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީޚެވެ.

ޚުލާސާކޮށް ބަޔާންކުރާނަމަ، ހޮޅީންގެ ލަޝްކަރެއް މިރާއްޖެ އައިސް، އޭރު ތަޚުތުގައި އިންނެވި ރަދުން އައްސުލްޠާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަންނޫރަށް ގެންގޮސް، މާލޭގައި އެބައިމީހުންގެ ވެރިކަން ޤާއިމުކުރިއެވެ. މިކަން ހިނގުމަށް ދިމާވީ ޤައުމަށް ޚިޔާނަތްތެރިވި ދެ ދިވެހީން އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދެދަރިކަލުން ކަމުގައިވާ އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު ކަލޭގެފާނު މުޙައްމަދު ޝަމްސުއްދީނާއި، އޭނާގެ އެއްބަނޑުއެއްބަފާ، ޚަޠީބު އަޙްމަދު މުޙްޔިއްދީނު، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވައި، އަލީރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯއްދަވައިދެއްވަން ވިދާޅުވެގެންނެވެ.

ހޮޅީން ދިވެހިރާއްޖެ އަޅުވެތިކުރިތާ ބަރާބަރު ތިންމަހާއި ވިހި ދުވަސް ވުމުން، މުލީގޭ ޙަސަން މަނިކުފާނު (ދޮންބަންޑާރައިން) އަދި އޭނާގެ ހަތަރު އެކުވެރީންނާއި މިބައިމީހުންނަށް ތަބަޢުވީ މީހުންގެ ތެރެއިން ހިތްވަރުގަަދަ ފަހުލަވާނުންގެ ބަޔަކު ސައްލާކޮށް، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ ތިނެއްވީ އާދީއްތަ ވިލޭރޭގެ މެންދަމުގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.

މީގެފަހުން ވެސް އެތައް ފަހަރެއްގެ މަތިން ކަންނަންނޫރުން ރާއްޖެއަށް ހަނގުރާމަވެރި އުޅަނދުތައް ފޮނުއްވައިފައިވެއެވެ. މިފަދަ ކޮންމެ ފަހަރަކުވެސް ދޮންބަންޑާރައިންވަނީ ލަޝްކަރުތަކާއި ހަނގުރާމަކުރައްވައި ދުޝްމިނުން ބަލިކުރައްވައިފައެވެ.

ކ. ހުރާގައި ހުންނަ ދޮންބަންޑާރައިން މިސްކިތް، ދޮންބަންޑާރައިން ނިސްބަތްވަނީ މި ރަަށަށް

މިކަމެއް ހިނގީ ހިޖުރައިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުންނެވެ.

އެ ހާދިސާއަށް ޚުލާސާކޮށް ނަޒަރު ހިންގާލާނަމެވެ. ދިވެހިރާއްޖޭގެ ތަޚުތުގައި އެދުވަސްވަރު އިންނެވި ރަސްގެފާނު އައްސުލްތާނު ޢަލީ ޝަހީދު ކޮށްލުމަށް ފަހު ޕޯޗުގީޒުން ރާއްޖެ ހިފައި، އެމީހުންގެ ވެރިކަން ހިންގާން ފެށީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަހުއެވެ.

ޕޯޗުގީޒުންގެ ވެރިކަން ރާއްޖޭގެ ތިން އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކަށް ފަތުރާފައިވާ އިރު، ޕޯޗުގީޒުންގެ ފަރާތުން ރާއްޖޭގެ ވެރިކަން ހިންގާން ހުރީ އަނދިރިއަނދިރިންނެވެ. ޕޯޗުގީޒުންގެ ވެރިކަން ފޯރުވިފައިނުވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅަށްކަމަށް ތާރީޚުން ދައްކައެވެ. ބޮޑު ތަކުރުފާނަކީ ހއ. އުތީމު ބޭފުޅެކެވެ. މި ތަކުރުފާނާއި މި ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި ކޮއްކޯފުޅު ހަސަންތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ. ރާއްޖެއިން އިސްލާމް ދީން ފުހެވިދާނެ ކަމުގެ ބިރަށްޓަކައެވެ. މިކަމުގައި އިސްވެ ހުންނެވީ ބޮޑުތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނެވެ.

ބޮޑުތަކުރުފާނު ޕޯޗުގީޒުން ބަލިކުރަން ކުރެއްވި މަތިވެރި ޖިހާދުގެ ވާހަކަ!

މިމަސައްކަތުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ކުރެއްވި ކަމަކީ އާއިލާގެ މީހުން ރައްކާތެރި ތަނަކަށް ބަދަލުކުރެއްވުމެވެ. އެ ގޮތުން އާއިލާ ބަދަލުކުރެއްވީ އަވަށްޓެރި މަލިކަށެވެ. މިކަމަށް ތިން ބެއިން ދަތުރު ކުރައްވާނޭ އޮޑިއެއް ބެންނެވިއެވެ. އޮޑީގެ ނަމަކަށް ދެއްވީ "ކަޅުއޮއްފުންމި" އެވެ. ކަޅުއޮއްފުންމީގައި މަލިކަށް ކުރެއްވި ދަތުރުފުޅުގައި އެރަށުން ދެ ބޭފުޅަކާ ބައްދަލުވެވަޑައިގަތެވެ. އެއީ ޢަލީ ހާޖީއާއި ޙަސަން ހާޖީއެވެ. މިއީ ދެބެއިންނެވެ. މި ދެބޭފުޅުންނަށް ބޮޑުތަކުރުފާނުގެ ބޭނުންފުޅު އެނގިވަޑައިގަތީމާ، އެ ޖިހާދުގައި ބައިވެރިވެވަޑައިގެންފިއެވެ. މީގެ އިތުރަށް އުޅުއްވީ ދުވާފަރު ޢަލީ ދަންޑެހެލެވެ. ޢާއިލާ މަލިކަށް ބަދަލު ކުރެއްވުމަށްފަހު ރޭގަނޑު ކަނު އަނދިރީގައި ރާއްޖޭގެ އެކި ރަށްރަށަށް އަރާވަޑައިގެން ކާފަރުންނާ ދިމާކުރައްވާ އެމީހުން ގަތުލު ކުރައްވަމުން ގެންދެވިއެވެ. އިރުއަރާ އިރު ރާއްޖެ ނުފެންނަ ހިސާބަށް ބޭރަށް ނުކުމެ ވަޑައިގަންނަވައެވެ. މިއީ ޕޯޗުގީޒު ކާފަރުންނަށް ވަރަށް ބޮޑު އުނދަގުލަކަށް ވެއްޖެއެވެ. އެހެންނަމަވެސް އެ ބޭފުޅުން އަތުލައިގަނެވޭ ގޮތެއް ނުވެއެވެ.

އެކަމަކު އެއްރެޔަކު ތިލަންދުންމަތީ ތަކަންދުއަށް ކުރެއްވި ދަތުރެއްގައި އަލި ތަކުރުފާނު އޭނާގެ އަނބިކަނބަލުންގެ ގޭގައި އޮންނަވަނިކޮށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. އިރުއަރާން ގާތްވެ، ކަޅުއޮށްފުންމި ފުރާން ތައްޔާރުވީ އިރުވެސް އަލިތަކުރުފާނުގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން އެ ތަކުރުފާނާ ނުލާ ކަޅުއޮއްފުންމި ފުރީއެވެ. އަލިތަކުރުފާނު އެރަށުގައި އޮންނެވިކަން ޕޯޗުގީޒުންނަށް އެނގިގެން އެ ގެއަށްގޮސް ހަމަލާދީ އެ ތަކުރުފާނު ޝަހީދު ކޮށްލީއެވެ. ހިތާމަވެރި އެ ދަނޑިވަޅުގައި ބާކީ ތިއްބެވި ހަތަރު ބޭފުޅުންގެ މަޝްވަރާއަށްފަހު ބޮޑުތަކުރުފާނު އިންޑިއާގެ ކަންނަންނޫރަށް ވަޑައިގެން އެތާނގެ ޢަލީ ރާޖާޔާ ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. ބޮޑުތަކުރުފާނާ އެހީވާން ލަޝްކަރެއް ފޮނުއްވާން ޢަލީ ރާޖާ އެއްބަސްވެވަޑައިގެންފިއެވެ. އިސާހިތަކު ބޮޑުތަކުރުފާނު ލަޝްކަރާއިގެން މާލެ އަރާވަޑައިގެން ޕޯޗުގީޒުންނާ ހަމަލާ ދެއްވައިފިއެވެ. ވަރުގަދަ ހަނގުރާއަކަށް ފަހު ކާފަރުންގެ އެންމެން ޤަތުލުކުރައްވާ، ރާއްޖެ މިނިވަން ކުރެއްވިއެވެ. ބުނެވޭ ގޮތުގައި އަނދިރިއަނދިރިން މަރުވީ ސީދާ ބޮޑުތަކުރުފާނު ޖެއްސެވި ބަޑިއަކުންނެވެ.

ދިވެހީންގެ އަތުން މިނިވަންކަން ބީވެދިޔަ މިފަދަ ކޮންމެ ފަހަރަކުވެސް އަޑީގައި ތިބީ ދިވެހީންގެ ތެރޭގައި ވެރިކަމަށް ފެންބޮވައިގެންފައިވާ ޚާއިނުންގެ ބައެކެވެ. ޖުލައި 26 އާ ހަމައަށް ދިވެހީން މިނިވަކަން ހޯދަން ކުރި ދަތުރުގެ ތެރެއިންވެސް ފެނުނީ އެކަމުގެ މިސާލެވެ.

ދުވަސްވަރަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް އިނގިރޭސީންގެ އިސްތިޢުމާރީ ނުފޫޒު ފޯރުވަމުން ގެންދިޔަ ދުވަސްވަރެވެ. ސްރީލަންކާ އާއި އިންޑިއާވެސް ހިމެނޭ ގޮތުންނެވެ. އެ ދުވަސްވަރު ރާއްޖެ ވެފައިވަނީ ވަރަށް ވަރުގަދު ވިޔަފާރި ބަނދަރަކަށެވެ. ރާއްޖެ ވެފައިއޮތީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ އުޅަނދުތަކަށް ކާބޯތަކެތި ފޯރުކޮށްދޭ މައި އެއް މަރުކަޒަކަށެވެ. ނަތީޖާއެއްގެ ގޮތުން ބޭރު ގައުމުތަކުގެ ވިޔަފާރިތައްވެސް ރާއްޖޭގައި ހިންގައެވެ. އޭގެ ތެރޭގައި އެންމެ މަޝްހޫރު ބަޔަކީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ބުންބާ މީހުންކަމަށް ބުނެވެއެވެ.

ރާއްޖެ އޮތް ހިސާބުގެ މުހިއްމުކަމުން ބޭރުގެ ބާރުތަކުން ރާއްޖެއަށް ވެރިވެގަތުމަށް ތިބީ އިންތިހާއަށް ފެންބޮވައިގަނެފައެވެ. ވަކިން ހާއްސަކޮށް އެ ދުވަސްވަރުގައި އިންޑިއާ ކަނޑުގެ ގައުމުތަކަށް ނުފޫޒު ފޯރުވަމުން ގެންދިޔަ އިނގިރޭސީން ރާއްޖެއަށް ދަހިވެތިވެފައިވާ މިންވަރު ބޮޑެވެ.

1887 ގައި އިނގިރޭސި ދައުލަތާއި ދިވެހިރާއްޖޭގެ ރަދުން، ސުލްޠާން މުޙައްމަދު މުޢީނުއްދީން (2) އާއި ސިލޯނުގައި ހުންނެވި، އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްން އާއި ދެމެދު، ކުރެވުނު މުޢާހަދާއެއްގެ ދަށުން، ރާއްޖެ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ދިޔައެވެ. އެމުޢާހަދާގައި ވާގޮތުން ރާއްޖެއަކީ، ޚާރިޖީ ހުރިހާ ކަމެއް އިނގިރޭސި ދައުލަތް މެދުވެރިވެގެން ހިންގަންޖެހޭ، އިނގިރޭސިންގެ ހިމާޔަތް ލިބިގެންވާ ޤައުމެކެވެ. އަދި ރާއްޖޭގެ ރަސްގެފާނަކީ އިނގިރޭސި ދައުލަތުގެ ރުހުން ލިބިފައިވާ މީހަކަށްވުމުގެ އިތުރުން، އިނގިރޭސި ދައުލަތަށް ކޮންމެ އަހަރަކު ރާއްޖެއިން ޖިޒީ ފޮނުވަންޖެހޭނެ ކަމަށްވެސް އެ މުޢާހަދާގައި ބުނެފަވެއެވެ.

އެ މުއާހަދާ ކުރީކޮޅު ދެފަރާތުންވެސް އެއާ އެއްގޮތަށް ޢަމަލުކުރަމުން ދިޔަނަމަވެސް އިނގިރޭސީން ދިޔައީ މަޑުމަޑުން މުއާހަދާއާއި ޚިލާފުވެ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންނެވެ. އެގޮތުން 1903 ވަނައަހަރު އައްސުލްޠާން މުޙަންމަދު ޢިމާދުއްދީން ރަސްކަމުން ބޭރުކޮށް ވަކިކޮށް މުޙަންމަދު ޝަމްސުއްދީން ރަސްކަމަށް އިސްކުރި ޙާދިސާގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރެއަށް ވަދެ އިނގިރޭސީން ފިޔަވަޅުތައް، އަޅާފައި ހުރިކަން ތާރީޚުން އެނގެއެވެ. އެއަށްފަހު ވެސް ދެޤައުމުގެ ދެމެދުގައި ވެފައިވާ މުއާހަދާއިން ބޭރުން އިނގިރޭސީން ދިޔައީ ކަންތައްތައް ކުރަމުންނެވެ. އެގޮތުން 1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަކުޑަ ރަމްޒީ ފީއަކަށް ސަތޭކައަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 110 އޭކަރު ބިން އިނގިރޭސީން ކުއްޔަށް ހިފިއެވެ.

ރާއްޖޭގެ ބޮޑުވަޒީރު އަލްމަރްހޫމް އިބްރާޙިމް ނާސިރު، މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ

އެދުވަސްވަރު، ދެޤައުމުގެ ދެމެދުގައި ކުރެވިފައިވާ މުއާހަދާ އަލުން އައުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އެކަމުގައި ދިވެހި ސަރުކާރުން ބުނަމުންދިއައީ، އަލަށް ކުރެވޭ އެގްރީމެންޓުގައި ދިވެހިރާއްޖޭގެ ސިޔާސީ ޙައިޘިއްޔަތު ކަނޑައެޅިގެން ބަޔާންވެ އެނގެން އޮންނަންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަކީ އަމިއްލަ ވެރިކަމެއްގެ ބާރު ލިބިގެންވާ މިނިވަން ޤައުމެއް ކަމުގައި އިނގިރޭސި ސަރުކާރުން ޤަބޫލު ކުރުމަށް ރާއްޖެއިން ހުށައެޅިއެވެ. އެހެން ނަމަވެސް އެކަން ޤަބޫލުކުރުމަށް އިނގިރޭސިން ފުރަތަމަ ދެކޮޅު ހެދިއެވެ.

ގިނަދުވަސްތަކެއްގެ މަޝްވަރާތަކަށް ފަހު 1960 ވަނަ އަހަރު ދިވެހިސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ދެވަނަ މުއާހަދާ އެއްގައި ސޮއެ ކުރެވުނެވެ. އެމުއާހަދާގައި ދިވެހިރާއްޖެއަކީ މިނިވަން އަމިއްލަ ވެރިކަމެއް ކުރާ ޤައުމެއް ކަމުގައި އިނގިރޭސީން އެއްބަސްވެފައިވެއެވެ. އެހެން ނަމަވެސް އިނގިރޭސީން މެދުވެރިވެގެން ނޫނީ ބޭރު ޤައުމަކާ ސިޔާސީ ގުޅުމެއް އުފެއްދުމަކަށް އެ މުއާހަދާއިން ވެސް ތަނެއް ނުދެއެވެ. މީގެ އިތުރުން އެދުވަސްވަރު ހިނގާދިޔަ މަޝްހޫރު ހުވަދޫ އައްޑޫ ގަޑުބަޑާއި ގުޅިގެން ހުވަދުއަތޮޅުން ދެކުނުގައި ވަކި ސަރުކާރެއް އުފައްދައިގެން އުޅުނު މީހުންނާއި އިނގިރޭސީންނާއި ދެމެދު އޮތް ގުޅުންތައްވެސް ވެގެންދިޔައީ އިނގިރޭސީންގެ ކިބައިން ރާއްޖެ ސަލާމަތްކުރަން ޖެހުނު ސަބަބަކަށެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއިދެމެދު ކުރެވުނު އައު މުއާހަދާގެ ދަށުން ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއް ކަމުގައި އިނގިރޭސި ސަރުކާރު ޤަބޫލު ކުރިއެވެ. އެ މުއާހަދާ އެކުލަވާލީ ދެވަނައަށް ވެވިފައިވާ މުއާހަދާއަށް އިސްލާޙު ގެނެސްގެންނެވެ. މި އިސްލާޙު ގެންނެވީ މުހައްމަދު އަމީން ދޮށި މޭނާ ކިލޭގެފާނެވެ. މި ދެންނެވި އިސްލާޙުގައި އޮތީ، "ދިވެހިރާއްޖޭގެ ރަސްކަމަކީ އިންތިޚާބީ ރަސްކަމެކެވެ. ދިވެހިރާއްޖޭގެ ދައުލަތަކީ، ފުރިހަމައަށް މިނިވަންކަން ލިބިގެންވާ ދައުލަތެކެވެ. ދިވެހި ދައުލަތަކީ އިނގިރޭސި ދައުލަތުގެ ޙިމާޔަތްތެރިކަން ލިބިގެންވާ ދައުލަތެއް މެއެވެ." މިހެންނެވެ.

އެ ތާރީޚީ މުއާހަދާގައި ސޮއިކުރެވުނީ، 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވީ ދުވަހު ރާއްޖޭ ގަޑިން ހެނދުނު 10:00 ގައި ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭ މިނިވަންދުވަހުގެ ގޮތުގައެވެ. މިއީ އިބުރަތުން ފުރިގެންވާ ތާރީޚީ ދަރުހެއް ނޫންތޯއެވެ؟ ދުޢާއަކީ މި ލޮބުވެތި ޤައުމު މިނިވަންކަމުގެ ހިޔަލުގައި އަބަދުގެއަބަދަށްމެ ލެހެއްޓެވުމެވެ. - އާމީން