މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރި ޕިކްނިކް އައިލެންޑް މާދަމާ އާންމުންނަށް ހުޅުވުމަށް ސަރުކާރުން ނިންމި ނަމަވެސް، އެ ނިންމުން އަނބުރާ ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕިކްނިކް އައިލެންޑު ހުޅުވުން ފަސްކޮށްފައި ވަނީ އެ ރަށުގައި ބައެއް ކަންކަން އަދިވެސް ފުރިހަމަވެފައި ނުވުމާއި، އެ ރަށް ފެހި ކުރުމަށް ކުރަން ހުރި ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމޭތީއެވެ.

އެރަށް ހުޅުވާނީ އެ މަސައްކަތްތައް ފުރިހަމަވުމުން ކަމަށް ވެއެވެ. ދެން ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވޭނެ ތާރީހެއް އަދި ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ ކުންފުނިތަކަކުން ގެންދަނީ އެރަށް ފެހިކުރުމަށް ގަސް އިންދައި ރަށުގައި ކުރަންހުރި މަސައްކަތްތައް ނިންމުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޕިކްނިކް އައިލެންޑްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައި މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި މިހާރު ހިނގަމުންދާ މަސައްކަތްތަކާއި އިތުރަށް ކުރަން ހުރި ކަންކަން އޮޅުންފިލުއްވާފައެވެ.

ޕިކްނިކް އައިލެންޑަށް ކަރަންޓް ދިނުމަށް ސްޓެލްކޯ އިން އެރަށުގައި ކަރަންޓް ކޭބަލް އަޅާފައިވާއިރު އެރަށުގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ފެނަކަ އަށެވެ. އަދި އެރަށުގައި މިހާރު މިސްކިތެއް ބިނާކުރަމުންދާއިރު ދަތުރު ގޮސް އާންމުން ތިބުމަށް އެކޮމަޑޭޝަން އިމާރާތްތަކަކާއި ފާހާނާ ފަދަ އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމުވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ.

ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެއެވެ.

ކުޑަގިރި ފަޅުގައި ހަދާފައިވާ ޕިކްނިކް އައިލެންޑްގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު ކ. އެނބޫދޫފަޅުން ހިއްކާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައިވެސް ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.