20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލުގެ ޒުވާން ޓީމުން ރާއްޖޭގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގެ މައްޗަށް ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ.

އިންޑިއާގެ ބުބަނޭޝްވަރުގައި ކުޅެމުން އަންނަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ފަސް ގައުމެއް ވާދަކުރެއެވެ. އެއީ ރާއްޖެއާއި ނޭޕާލުގެ އިތުރުން އިންޑިއާ އާއި ބަންގްލަދޭޝް އަދި ސްރީ ލަންކާއެވެ. މުބާރާތް ކުޅޭނީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.

އިންޑިއާގެ ބުބަނޭޝްވަރުގައި ހުންނަ ކަލިންގާ ސްޓޭޑިއަމުގައި މިއަދު ހަވީރު ނޭޕާލާ ދެކޮޅަށްކުޅެ ރާއްޖެ ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް މޮޅަށްކުޅުނީ ނޭޕާލް ޓީމެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅާއި ހަމައަށް، ރާއްޖެ ކޮޅަށް ނޭޕާލަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނޭޕާލުން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލިއިރު، މިހާފުގައި އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކަށް ރާއްޖޭގެ ކީޕަރު، ޝައިހާން އަލީ އާއި ޓީމުގެ ފަހަތަށް ކުޅުނު ކުޅުންތެރިން ވަނީ ހުރަސް އަޅާފައެވެ.

ފުރަތަމަ ހާފުގައި ރާއްޖެއިން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ޒައިން ޒަފަރެވެ. ލިބުނު ހިލޭޖެހުމަކުން ނުރައްކާތެރި ހަމަލާއެއް ޒައިން ފޮނުވާލި ނަމަވެސް މި ހަމަލާއަށް ނޭޕާލުގެ ކީޕަރު އިޝްވޯރ ގުރުންގ ވަނީ ހުރަސް އަޅާފައެވެ.

މެޗުގައި ނޭޕާލުން ފުރަތަމަ ލަނޑުޖެހީ 41 ވަނަ މިނެޓުގައެވެ. މިއީ އޭރިއާގެ ކަނާތްފަރާތުން އަރިމަތީ ސައިޑް ލައިން ކައިރިން ލިބުނު ހިލޭޖެހުމަކުން ފޮނުވާލި ހަމަލާއެއް، ރާއްޖޭގެ ކީޕަރު ޝައިހާން ޕަންޗުކޮށްލާ ބޯޅަ ފޮނުވާލުމުން، ޑީ އޭރިއާގެވެސް ބޭރުގައި ހުރެފައި ނޭޕާލުގެ އަބީޝޭކް ވައިބާ ފޮނުވާލި ބާރު ހަމަލާއަކުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް މޮޅަށް ކުޅުނީ ނޭޕާލް އިންނެވެ. މިހާފުގައިވެސް ރާއްޖެއަށް މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައި ނުވާއިރު، މިހާފުގައިވެސް ރާއްޖެއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޒައިންއެވެ. އެގޮތުން ގޯލް އޭރިއާ ތެރެއަށްވަދެ ޒައިން ފޮނުވާލި ބާރު ހަމަލާއަށް މިފަހަރުވެސް ނޭޕާލުގެ ކީޕަރު އިޝްވޯރު ގުރުންގ ވަނީ ހުރަސްއަޅާފައެވެ.

މެޗުގައި ނޭޕާލުންޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 58 ވަނަ މިނެޓުައެވެ. އެޓީމުގެ ސުގަމް ސުވާލް މިލަނޑު ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑަކީ އޭގެ ދެމިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ ނޭޕާލްގެ ކެޕްޓަން އަޔުޝް ގަލަން އަށް ރާއްޖޭގެ ހުސެއިން ޝާވިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކްރިތިޝް ރަތްނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގައި ނޭޕާލްއިން ޖެހި ފަހު ލަނޑަކީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ އެންމެފަހު މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު ނޭޕާލަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އެޓީމުގެ ޖާޒީ ނަމްބަރު 17 އެވެ.

މިއާއެކު 4 ލަނޑުގެ ފަރަގަކުން ރާއްޖެ ބަލިކޮށް މުބާރާތުގެ ފެށުން ނޭޕާލުން ރަނގަޅުކުރިއިރު ރާއްޖެއަށް މުބާރާތުގައި ކުރިއަށް ދެން އޮތީ މިމަހު 29 ވަނަ ދުވަހު ބަންގްލަދޭޝާ ބައްދަލުކުރާ މެޗެވެ. އޭގެ ދެދުވަސް ފަހުން، މިމަހު 31 ވަނަ ދުވަހު ލަންކާއާ ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު ދެވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ކުޅޭނެ އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ކްލަބް އީގަލްސްގެ ޑިފެންޑަރު ހުމެއިދު ހުސެއިން އެވެ. ވައިސް ކެޕްޓަނުންނަކީ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލުކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.