ދިވެހި ދިދައިން ރަމްޒު ކޮއްދެނީ އެ ގައުމަކީ މިނިވަން މުސްތަގިއްލު އަމިއްލަ ވެރިކަމެއްއޮތް އަމިއްލަ ބަހާއެއްގެ މައްޗަށް ބިނާވެފައިވާ އަމިއްލަ ގުޅުންތަކެއް އެކުލެވޭ ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށެވެ.

ދިދައިގައި ހިމެނޭ ކޮންމެ ކުލައަކީ އޭގެއިން އެތައް ވާހަކަތަކެއް ބުނެދޭ ކުލަކަތަކާއި ނިޝާންތަކެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާތައް ގުޅިފައިވަނީ އެ ބައެއްގެ އަޤީދާ އާއި އެ ބައެއްގެ ޤައުމިއްޔަތާއެވެ. ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއް ރަމްޒުކޮށްދޭ ދިދައަކީ އެ ޤައުމެއްގެ ޤައުމީ ދިދައެވެ.

ދިވެހި ޤައުމީ ދިދައިގައި ހިމެނޭ ކޮންމެ ކުލަޔަކުންވެސް ކަންތައްތަކެއް ރަމްޒުކޮށްދެއެވެ. ރަތްކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެ އަކީ ޤައުމަށްޓަކައި ލެއާއި ފުރާނައިން ޤުރުބާންވުމަށް ފަސްނުޖެހޭ ދަރިންތަކެއް ތިބި ޤައުމެއް ކަމެވެ. ފެހިކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަކީ މިނިވަންކަމާއި އަމާންކަން ޤާއިމުވެފައިވާ ޤައުމެއް ކަމެވެ. ހުދު ކުލައިގެ ހަނދުފަޅިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއް ކަމެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދިދައެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ރަތްކުލައިގެ ދިދައެއް ކަމަށް ތާރީޚީ ލިޔުންތަކުން އެނގެއެވެ. ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާޢިލް ވަޙީދު ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ދިދައެއްގެ ގޮތުގައި ބޭނުންކުރަމުން އައި ދިދައަށް ބަދަލުގެންނެވީ ދައުލަތް ހިންގެވުމުގައި ސުއްމުވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވި ދުވަސްވަރު އެކިލެގެފާނުގެ އަމުރުފުޅަށެވެ.

އެގޮތުން 1930 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތިނެއްގެ ވެރިކަމުގައި ދިދަ ފަރުމާކުރެއްވީ ނަޚްދާ ހަސަން ކަލޭގެފާނެވެ. އޭރު ދިދަ ފަރުމާކުރީ ހަނދުފަޅިއަކާއެކު އިތުރު ތަރިއެއް ހުންނަ ގޮތަށެވެ. މިބަދަލަށްފަހު ދިވެހިންނަށް މިހާރު ފެންގޮތަށް ހަނދުފަޅި ބޭރަށް ހުންނަ ގޮތަށް ބަދަލުކުރެވުނީ 1938 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގައެވެ.

1953 ވަނަ އަހަރު ރާއްޖެ ވެގެންދިޔައީ ޖުމްހޫރިއްޔާ އަކަށެވެ. އެއާއެކު ދިދައަށް އަނެއްކާވެސް ބަދަލު ގެންނަން ޖެހުނެވެ. ކުރިން ބޭނުންކުރި ދިދަ ވައްޓާލައި ހަނދުފަޅި އަނެއްފަޅިއަށް އެނބުރިއެވެ. ނަމަވެސް ފަހުން ކުރީގެ ދިދަ އަލުން ވުޖޫދަށް ގެނައުމުގެ ބަދަލުގައި މުހައްމަދު ފަރީދު ދީދީ ކުރެއްވި ކަމަކީ އާ ދިދައެއް އުފެއްދުމެވެ. އެއީ ހަނދުފަޅި ކައިރިއަށް 5 ތުނޑުލީ ތަރިއެއް އިތުރުކޮށްގެންނެވެ. މި ދިދަ މިހާރުވެސް ރަސްމީ ކަންކަމުގައި ރާއްޖޭގައި ބޭނުންކުރެވެއެވެ.

1965 ވަނަ އަހަރު އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންވުމާއެކު ގައުމީ ދިދައިގައި ހުރި ކަޅާއި ހުދު ރޮނގުތައް ފުހެލެވުނެވެ. އަދި ދިދަ މިހާރު ދިދަހުރި ގޮތަށް ރުޖޫއަ ކުރެވުނެވެ.

ކޮންމެ ޤައުމެއްގައި ވެސް ޤައުމީ ދިދައަށް ދެވިފައިވަނީ ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެކެވެ. ވަރަށް ބޮޑު ޝަރަފަކާއި ޢިއްޒަތެކެވެ. ދިދަ ނަގާއިރު އެހެން ހުރިހާ ދިދައަކަށްވުރެ ކުރިން ނަގަނީ ޤައުމީ ދިދައެވެ. ތިރިކުރާއިރު ޤައުމީ ދިދަ ތިރިކުރާނީ އެންމެ ފަހުންނެވެ.

އެހެންކަމުން ދިދައާބެހޭ ގަވައިދެއް އޮތުމަކީ ވަރަށް މުހިންމުކަމެކެވެ.

ރާއްޖޭގައި ދިދައާބެހޭ އެންމެ ފުރަތަމަ ގަވައިދެއް ހެދިފައިވަނީ 1989 ވަނަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު ރައީސް މައުމޫންގެ ދައުރުގައެވެ. ނަމަވެސް އެ ގަވައިދަށް އަމަލު ކުރަންފެށީ އެއަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުންފެށިގެންނެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖޭގެ ބަޔަކާ ގުޅިގެން ބޭރުގެ ބަޔަކު އަރާ ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ހިންގި ހަނގުރާމަވެރި އަމަލު ހިންގި އިރުގައި ރާއްޖޭގެ އެއްވެސްތާކު ދިވެހި ދިދައެއް ނެގިފައެއް ނުވެއެވެ. އޭރުގައި ދިވެހި ދިދަ ނަގަނީ ހެނދުނު ހަޔަކުން ހަވީރު ހަޔަކަށެވެ.

މިހާދިސާއަށްފަހު 1988 ވަނައަހަރުގެ ނޮވެންބަރ މަހުގެ 3 ވަނަ ދުވަހު ސަރުކާރުން ދިދައާއި ބެހޭ ގަވައިދެއް ހެއްދެވުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން 1989 ވަނަ އަހަރު ދިދައާއިބެހޭ ގަވާއިދެއް އެކުލަވާލާފައިވެއެވެ. އެގަވައިދުގައި ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ބަނޑޭރިގެޔާ އަދި މިހެންގޮސް ފަސް ތަނެއްގައި 24 ގަޑިއިރުވެސް ރާއްޖޭގެ ދިދަ ނަގައިފައި އޮންނަން ޖެހޭނެ ކަމަށެވެ.

މިދިދައިގެ ގަވައިދަށް ދެން ބަދަލެއް އައީ 2017 ވަނަ އަހަރުގަ ރައީސް ޔާމީންގެ ދައުރުގައެވެ. މި ބަދަލު ގެންނަން ޖެހުނު ސަބަބަކީ އެއަހަރު ގިނަ ސިޔާސީ ޕާޓީތަކެއް އުފެދިގެން އައިއިރު ސިޔާސީ ޕާޓިތަކުގެ ދިދަތައް މާ އުސްކޮއް ނަގަން ފެށުމުން ގައުމީ ދިދައިގެ ޝަރަފާ އިހްތިރާމް އަދި ގަދަރު ކުޑަވާން ފެށީމައެވެ. މި ގަވައިދުގައި ވަނީ ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ރަށެއްގައި އެއްވެސް މުއައްސަސާއަކުންނާއި، ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ދިވެހި ގައުމީ ދިދައަށްވުރެ އުސްކޮން އެހެން އެއްވެސް ދިދައެއް ނެގުން މަނާ ކަމަށެވެ.

މިގަވައިދު ބާތިލް ކުރެވުނީ 2019 ވަނައަހަރުގެ ފެބްރުވަރީ މަހުގެ 17 ވަނަ ދުވަހު ހޯމް މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެންނެވެ. މިގަވައިދު ބާތިލް ކުރުމަށް ފަހު ދިދަޔާބެހޭ އެއްވެސް އުސޫލެއް ނުވަތަ ގަވައިދެއް ރާއިޖޭގައި ނުވެއެވެ.

ނަމަވެސް މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ގައުމީ ދިދަ ނަގައި ބޭނުން ކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރާނެ ވަކި އުސޫލުތަކެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފައިވެއެވެ. އެ މިގަވައިދުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގެ އިމާރާތްތަކާއި، ރަސްމީ ކަންކަމުގައި ދިދަ ބޭނުންކުރެވޭނެ މިންތައްވެސް ކަނޑައަޅާފައިވެއެވެ.