ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމުގައި، ޤުރުބާންވެވަޑައިގެންނެވި މަތިވެރި ބަތަލުންގެ ޤައުމީ ޖިހާދުގެ ހަނދާން އައުކުރުމަކީ، ދިވެހި ފަސްގަނޑަށް އުފަން ކޮންމެ ދިވެހި ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެކެވެ.

މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އިނގިރޭސީންގެ ޙިމާޔަތުން ދިވެހިރާއްޖެ މިނިވަންވިތާ 57 އަހަރު ފުރޭ، 58 ވަނަ މިނިވަން ދުވަހެވެ. ޙިކްމަތު ޢަމަލީގެ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވައި، ރާއްޖެއަށް މިނިވަންކަން ހޯދައިދެއްވީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުއެވެ. ހަމައެފަދައިން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައިދެއްވީ، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެމަނިކުފާނުގެ ދެ އަޚުންނާއި، ދެޙާޖީންނާއި ދަންޑެހެލުގެ ޤައުމީ ޖިހާދުގެ ހަނދާންވެސް އަޅުގަނޑުމެން މިއަދު އައު ކުރަންޖެހެވެ.

ކޮންމެ ޤައުމެއްގައިވެސް، އެންމެ މަތީ ދަރަޖައިގައި، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހަކަށް، މިނިވަން ދުވަސް ވެފައި އޮންނަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައެވެ. އެއީ އެ ޤައުމެއްގައި ދިރިއުޅޭ ބައެއްގެ އެންމެހައި އަސާސީ ޙައްޤުތައް ފުރިހަމަ ގޮތުގައި ޙާސިލުކުރެވެނީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުންވެސް، އެ ޤައުމަކަށް ފުރިހަމަ މިނިވަންކަން ލިބިގެން ކަމަށްވާތީއެޗެ. މިނިވަންކަމަކީ، އިންސާނީވަންތަކަމާ ގުޅިފައިވާ ސިފައަކަށްވާތީއެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މި އަންނަނީ، އަޅުގަނޑުމެންގެ އިންސާނީ އަސާސީ ޙައްޤުތައް ފުރިހަމަ ގޮތުގައި ލިބެން ފެށުމުގެ އުފާވެރި މުނާސަބާއެވެ. އަޅުގަނޑުމެން މިއަދު އައުކުރަމުން މި އަންނަނީ، އެ ޙައްޤުތައް ޙިމާޔަތްކުރެވި ރައްކާތެރި ކުރެވިފައިވާ ކަމުގެ އުފާވެރި ހަނދާންތަކެވެ.

ހަމަ މި މުނާސަބަތުގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އެ ޙައްޤުތައް ތާއަބަދަށް ކަށަވަރުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ދެމިތިބުމަށެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުން އަންނައިރު ވިސްނާލަން ޖެހޭ މުހިންމު ބައެއް އެހެންކަންކަންވެސް އެބަހުއްޓެވެ.

ތިމާގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ މިނިވަންކަން ނިމޭ ހިސާބުކަމަށްވާއިރު، މިނިވަންކަމުގެ ނަމުގައި ނުވަތަ މިނިވަންކަން ކަށަވަރުކުރުމަށް ކަމަށްބުނެ ބައެއް ފަހަރު މުޖުތަމައު ތެރޭގައި ފެންނަމުން އަންނަ ނޭދޭވެ ކަންކަމަކީ މިފަދަ ދުވަހެއްގައި އަލި އަޅުވާލުން މުހިއްމު ކަމެކެވެ.

ތިމަ ތިމާމެން ނުރުހޭ ބަޔަކަށްވީތީ ނުވަތަ ތިމަންނާމެންނާ ގުޅުން ހީނަރު ބަޔަކަށްވީތީ އެ ބަޔަކުގެ އަގު ވައްޓާލުމަށް އެ ބަޔަކީ ގައުމަށް ހުރި ނުރައްކަލެއްކަމަށް ދައްކާ އެބަޔަކާ މެދު ނަފްރަތު އުފެއްދުމުގެ އަމަލު ހިންގާ އެއީ މިނިވަންކަމުގެ ދިފާއުގައި ކުރާ ޖިހާދެއް ކަމަށް ބުނުމަކީ އެއީ މިނިވަންކަމަށް ކުރާ ޖިހާދަށް ބުރުވާ ހިރަފުހަކަށް މެނުވީ ނުވެއެވެ.

އަނެއް ކަމަކީ މިނިވަންކަމުގެ މާނަ އެކި ގޮތްގޮތަށް އެކި މީހުން ދޭހަކުރާއިރު، މީހުންގެ އަބުރާ ބެހި އެމީހުންގެ ކަރާމާތް ނަގާލާ މީހުންގެ ޒާތީ ކަންކަމާ ބެހި ލިޔާ ލިޔުންތަކާ ހިތުހުރި ގޮތަކަށް ޚަބަރުތައް ގެނެސްދިނުމަށްފަހު މަސްދަރު ހާމަނުކޮށް ހިތަށް އެރި ގޮތަކަށް މީހުންނާ ގުޅުވައިގެން ލިޔާ ލިޔުންތަކަކީ މިނިވަންކަމުގެ ބޭނުން ހިފައިގެން ލިޔާ އެއްޗެއް ކަމަށްބުނެ އަނެކާގެ މިނިވަންކަމަށް އަރައިގަތުމަކީ އެއީ ތަހުޒީބު މުޖުތަމައެއްގައި ހިނގައިގެން ވާނެ ކަންކަމެއް ނޫނެވެ.

ހަމަ އެހެންމެ ދީނީ މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެންގެ މައްޗަށް ވާޖިބުކަމަކަށްވީ ނަމަވެސް އަނެކާގެ ދީނީ ހައްގުތަކަކީވެސް އޮންނާނެ އެއްޗެއްކަން ހަނދުމަ ބެހެއްޓުމަކީވެސް މިނިވަންކަމުގެ މި މުނާސަބާގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ހަމައެހެންމެ ތަންތަނަށް އެއްވެ އަޑުގަދަކޮށް ހައްގުތައް ކަށަވަރުކުރުމަށް ގޮވާލަމުންދާއިރު ވިސްނަން ޖެހޭ ކަމަކީ އެ އަޑުގަދަކޮށް ހަޅޭއްލަވަމުންދާ ހިސާބުތަކުގައި އެހެން ރައްޔިތުންވެސް ދިރިއުޅޭ ކަމާ އެމީހުންގެ ވެސް ހައްގުތަކެއް ވާކަމެވެ. އެގޮތުން ރޭގަނޑު ދަން ގަޑިތަކުގައާއި އަދި ދުވާލަު ގަޑިތަކުގައިވެސް މަގުތަކަށް އެއްވެ އަޑުގަދަކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމުން ލިބިދޭ ހައްގުގެ ބޭނުން ހިފި ނަމަވެސް އޭގެ ސަބަބުން އެހެން ބަޔަކަށް އުނދަގޫ ފޯރައިގެން ނުވާނެއެވެ.

މަގުތަކުގެ ކާރުބާރު ބޮޑުވެ ދަތުރުފަތުރުތަކަށް ބުރޫ އަރުވާ މަގުތައް ބަންދުކޮށްގެން ނުވާނެއެވެ. ގޭގޭގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ތުރާލާ އުނދަގޫ ޖެހިގެން ނުވާނެއެވެ.

މިނިވަންކަމަކީ އެންމެންގެވެސް އެއްޗެކެވެ. ކޮންމެ މީހަކަށްވެސް މިނިވަންކަމަކީ ލިބެން ޖެހޭ އަސާސީ ހައްގެކެވެ. ނަމަވެސް އެ މިނިވަންކަމުގައި ހައްދާ ހުދޫދު އޮންނަން ޖެހޭނެއެވެ. މިއީ މި މުނާސަބާގައި ކޮންމެހެން ވިސްނާލުން މުހިއްމު ކަމެއް ކަމަށް ދެކެމެވެ.

އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަމާއި، އަޅުގަނޑުމެންގެ އިޤްތިސާދީ މިނިވަންކަމާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ރައްކާތެރިކުރުމުގެ ހެޔޮ ތައުފީޤާއި މަދަދު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.