މި އަހަރުގެ ނިޔަލަށް 1.95 ބިލިއަން ރުފިޔާ، ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދު ކުރަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ނާޒުކު ދަނޑިވަޅު ރާއްޖޭގެ އިގްތިސާދުގެ ހަމަ ހިފެހެއްޓުމަށް، އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮންމެހެން މުހިންމު ކަމަށާއި ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތަކަށް އަރާ ބުރުލާއި، އަންނަ ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ސަރުކާރުން މިދަނީ އެމަސައްކަތް ކުރަމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ކަމަށާއި އެގޮތުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް، ރިކަރަންޓް ޚަރަދުތައް ކުރާ މިންވަރު، މަހުން މަހަށް މި އަންނަނީ ހިފަހައްޓަމުން ކަމަށެވެ.
އަދި ސީދާ ބަޖެޓުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް، ފެށުން މިވަގުތަށް ވަނީ މަޑުޖައްސާލާފައި ކަމަށާއި ހަމައެއާއެކު، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި، ސިޔާސަތުތަކަށް ބަދަލު ގެންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ތެލަށްދޭ ސަބްސިޑީ އަމާޒުކުރަނީ މައިގަނޑު ދެ ކަމަކަށްކަން ފާހަގަކުރައްވާ ރައީސް ވަނީ ފުރަތަމަ ކަމަކަށް، ރައްޔިތުން ބޭނުންކުރާ ހަކަތަ ނުވަތަ ކަރަންޓްގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށްދޭ ސަބްސިޑީ މިހާތަނަށް ދެމުން އައި އުސޫލު އިސްލާހް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
ތެލުން ސަބްސިޑީދޭ އަނެއް ދާއިރާއަކީ، މަސްވެރިންނަށް ބޭނުންވާ ތެޔޮ ކަމަށާއި ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ޙާލަތަކަށް، ވިސްނާ ތިބުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ އެހިނދަކު ދުނިޔެއަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނައިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލައިލުން ކަމަށާއި ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދަމުން، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އަދި މުޖުތަމަޢުގެ ބައިބައިވުމާއި، ދެބަސްވުމާއި، ހަމަނުޖެހުމާއި، ހައިޖާނަކީ ގައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށާއި ޢާއިލާތެރެއިން ފެށިގެން ދިރިއުޅޭ މާޙައުލާއި، ރަށާއި، އަތޮޅާއި، މުޅި ޤައުމުގައިވެސް ހަމަޖެހުން އޮންނަންޖެހޭނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެއްވެސް ބަޔަކު ބާކީނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ، ޒުވާބުން އަރައެއްނުގަނެވޭނެ ކަމަށާއި ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބަލަގަ ތިފައިސާއަކީ އަގަރެމެން ރައްޔިތުންގެ ފައިސާއޭ.. އެއްބަޔަކު ލިބޭ ހުރިހާ ފައިސާއެއް ދަވާލުމަށްވުރެ ރައްޔިތުންނަށް ތީގެ ފައިސާ ފޮއްޗެއް ދޭންޖެހުނީމަ މިއޮށްފަދަ ދުވަހުވެސް ދައްކަންވީ އެވާހަކަތަ