ދައުލަތުގެ އެންމެ އިސް ޒިންމާއަކީ، މި ޤައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދަމަހައްޓައި، ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.

ޤައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުންކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާލުވީ، ސުލްޙަ މަސަލަސްކަމާއި، ހަމަޖެހުމާއި، އުފާފާގަތިކަމާއި، ތަރައްޤީ ގުޅިލާމެހެނީ، މިނިވަންކަމުގެ ފޮނި މީރުކަމާ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށާއި އެކަމަމުގެ މިސާލަކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވެފައިވާކަން މާޒީން ފެނިފައިވުން ކަމަށެވެ.

"އިންޑިއާ ކަނޑަށް ދޮށީ މި ޤައުމުގެ، ލިޔެވިފައި ނެތް ޤަދީމީ ތާރީޚާއި، އޭގެފަހުގެ ތާރީޚުން މި މަންޒަރު ސާފުކޮށް ބަޔާންވޭ. މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫންގޮތަކީ، ދިވެހިން ރުހޭ ގޮތެއްނޫން. އަޅުގަނޑުމެންގެ ޖީލުތައް، އެގޮތުގައި އެތައްހާސް އަހަރެއް މިވަނީ ވޭތުކޮށްފައި. އެންމެން އެކުގައި، އެއްބައިވަންތަވެ އެކަތިގަނޑަކަށް ވެގެންމެނުވީ، މިނިވަންކަން ލިބުނު ޤައުމެއް، ޖަމާޢަތެއް ނެތް. އަދި މިނިވަންކަމުގެ މަތީގައި ދެމިތިބުމަށްޓަކައިވެސް، އެނޫން އެހެން ގޮތެއް ނޯވޭ. އެދޭގޮތާއި، ދެކޭގޮތާއި، ގަބޫލުކުރާގޮތާ އެކުއެކީ، ކަންކަމުގައި ޚިޔާލު ތަފާތުވުމަކީ އިންސާނީ ޠަބީޢަތް. ކޮންމެ ބައެއް ކަމުގައިވިޔަސް، އެއީ އެކަން އޮންނަ ގޮތް. އެހެން ނަމަވެސް، މިނިވަންކަމުގެ ރާސްތާ އޮމާންކަމާއި، އަމާންކަމުގައި ޤަރާރުވެ ދެމިއޮތުމަށްޓަކައި، މި ދެންނެވި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ.."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސްގެ ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިނިވަންކަމަށްޓަކައި ޤައުމެއްގެ ދާޚިލީ، އަދި ޚާރިޖީ ސިޔާސަތުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ ވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި، ތަރައްޤީއާއި، ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ކުރިއަށް ޖެހިލާފައިވާ މިންވަރަށް ވެސް އަލިއަޅުވާލައްވާފައެވެ.

ޤައުމެއްގެ ސިޔާދަތީ މިނިވަންކަމަކީ، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ ޢާއިލާއާއެކު، ގުޅިގެން އުޅުމަށް ލިބޭ އެންމެ ބޮޑު ފަހިކަން. ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތް ހަމަ، ހަރުދަނާ ސިޔާސަތެއްކަން ފާހަގަކުރައްވާފައެވެ.

ޤައުމުތަކާއެކު އޮންނަ ގުޅުންތައް، މިހާރު ބަދަހި ކަމަށާްއި ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ އަދާކުރާ ދައުރު، މި ކަމަށް ހެކިދޭ ކަމަށް ރައީސް ޞާލިޙް ވިފާޅުވިއެވެ.

ހަމައެހެންމެ، ރާއްޖޭގެ ޚާރިޖީ ތަރުތީބު އަބަދުވެސް ހިނގާންޖެހޭނީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް، އެންމެ މަންފާ ބޮޑު ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ އެންމެ އިސް ޒިންމާއަކީ، މި ޤައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދަމަހައްޓައި، ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން. ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން، ރެޔާ ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެ މަސައްކަތް. އެތެރެއާއި ބޭރުން ނުރައްކާކޮށްފާނެ ކޮންމެ ޙާލަތަކަށް، އަބަދާ އަބަދު ހޭލާ ތިބެނީ، ރާއްޖޭގެ ސިފައިންނާއި ފުލުހުން. އެބޭފުޅުންގެ މުޤައްދަސް ޤައުމީ ވާޖިބު އަދާކުރެއްވުމުގައި، ހިމަ ނަރެއްގެ ޖާގަ ދެއްވުމަށްވެސް، ތައްޔާރެއް ނޫން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމަށް ސަލާމަތީބާރުތަކުން އަދާކުރަމުން ގެންދާ ދައުރު ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދައުލަތުގެ އެންމެ އިސް ޒިންމާއަކީ، މި ޤައުމުގެ އަމިއްލަ ވެރިކަމާއި މިނިވަންކަން ދަމަހައްޓައި، ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން، ރެޔާ ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ މި މަސައްކަތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެތެރެއާއި ބޭރުން ނުރައްކާކޮށްފާނެ ކޮންމެ ޙާލަތަކަށް، އަބަދާ އަބަދު ރާއްޖޭގެ ސިފައިންނާއި ފުލުހުންތިބެނީ ހޭލާ ކަމަށެވެ.

ރައީސްގެ އަސަރުގަދަ ހިތާބުގައި ވަނީ ސިފައިންނާއި ފުލުހުން ޤައުމީ ވާޖިބު އަދާކުރެއްވުމުގައި، ހިމަ ނަރެއްގެ ޖާގަ ދެއްވުމަށްވެސް، އެއްވެސް އިރެއްގައި ތައްޔާރު ނޫން ކަމަށް ވިދާޅުވެފައެވެ.

އޭގެ ނަތީޖާއަކީ އޭރުވެސް، މިހާރުވެސް، އަދި އިރާދަކުރެއްވިއްޔާ ތާއަބަދަށްވެސް، މިނިވަން ދިވެހިރާއްޖެ، މިނިވަންކަމުގައި ދެމިއޮތުން ކަމަށް ރައީސް އަސަރާއެކު ވިދާޅުވިއެވެ.