ބުރާސްފަތި ދުވަހު ފަށާ ކޮމަންވެލްތު ގޭމްސްގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ޝަރަފު ގައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ އާއި ތަޖުރިބާކާރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ޖުމާނާ ނިމާލަށް ދީފިއެވެ.

މި ޝަރަފު މި ދެ އެތްލީޓުންނާ ހަވާލުކުރީ އިއްޔެ ހަވީރު ބާމިންހަމް ކޮމަންވެލްތު ގޭމްސްގެ އެތުލީޓްސް ވިލެޖްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެތްލީޓުންނާއި ދިދަ ހަވާލުކޮށްދެއްވީ މިނިސްޓަރ މަހްލޫފުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

މިއީ ޖުމާނާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އަދި ޒަޔާން ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ހޯދި ތިން ވަނަ ފަހަރެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗްވޮލީބޯޅަ އަދި ބެޑްމިންޓަން އެވެ.

މި ގޭމްސްގައި އެތުލީޓުންނާއި އޮފިޝަލުން ހިމެނޭހެން ރާއްޖެއިން ޖުމްލަ 46 މެމްބަރުން ބައިވެރިވާނެއެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅިއެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅުން އެއީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދަށްވާއިރު، އެކަން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.