ކޮންމެ ގައުމެއްގައިވެސް އެންމެ މަތީ ދަރަޖައިގައި ފާހަގަކުރާ ދުވަހަކަށްވާނީ ހަމަޔަގީނުންވެސް އެގައުމެއްގެ މިނިވަން ދުވަހެއެވެ. ގައުމެއްގެ މިނިވަންކަމަކީ އެގައުމެއްގެ ރައްޔިތުންގެ ފަޚުރާއި ޝަރަފެވެ. މިނިވަން ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަމުންދަނީ، 1887 ވަނަ އަހަރު ޑިސެމްބަރު މަހުން ފެށިގެން، 1965 ވަނަ އަހަރުގެ ޖުލައިމަހުގެ ސައްބީސްވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

އެތާރިޚީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ ސައްބީސްވީ ދުވަހު ރާއްޖޭ ގަޑިން ހެނދުނު ދިހައެއް ޖެހިއިރު، ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސިދައުލަތު ހައިކޮމިޝަނުގައެވެ.

މިކުލަގަދަ މުނާސަބާ ފާހަގަކުރުމުގެ ނަސީބު ދިވެހީންނަށް ލިބިފައިވާތާ 57 އަހަރު ފުރިފައިވާއިރު، ދިވެހި ފަސްގަނޑު ހިމާޔަތްކުރުންމަތީ ދެމިތިއްބެވި، އަދި މި ލޮބުވެތި ވަތަނަށްޓަކައި ގުރުބާންވެވަޑައިގެންނެވި މަތިވެރި ބަތަލުންގެ ހަނދާން އައު ކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ވާޖިބެއް ކަމަށް ދެކެމެވެ.

އާދެ! މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު މޭ އައްޑަނައަށް ދިއްކޮށް މި ހިތްގައިމު ވަތަނަށް ވަފާތެރިވި، މިނިވަންކަމުގެ އަސްލުކަމުގައިވާ މިނިވަންދުވަހުގެ ބަތަލުންނެވެ.

މިނިވަންކަން ގެއްލިގެން ދިޔަ ކޮންމެ ފަހަރަކުމެ، އަޅުގަނޑުމެންނަށް އަލުން މިނިވަންކަން ހޯދިފައިވަނީ، ކާބަފައިންގެ ތެރެއިން އެތައް ބަޔަކު ކުރި މިންނެތް މަސައްކަތުންނެވެ. އެއިން ކޮންމެ ފަހަރަކުވެސް މިނިވަންކަމުގެ އަގު ވަޒަންކޮށް، މިނިވަންކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައި ވެއެވެ.

ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލާއިރު، ޕޯޗުގީޒުންގެ ބޮޑު ލަޝްކަރުގެ އަތްދަށުން މި ގައުމު ސަލާމަތް ކޮށްދެއްވި ކުޑަކުޑަ ލަޝްކަރުގެ ވާހަކައަކީ ދިވެހި މާޒީގެ ސަފްހާތަކުން ދުވަހަކުވެސް ފަނޑުވެގެންދާނެ ވާހަކައެއް ނޫނެވެ. ޕޯޗުގީޒުންގެ ބޮޑު ލަޝްކަރުގެ އަތްދަށުން ގައުމު ސަލާމަތްކުރެއްވި އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާން) އާއި އެމަނިކުފާނުގެ ކުޑަ ލަޝްކަރުގެ ނަންވަނީ ދިވެހި ތާރީޚުގައި ރަންއަކުރުން ފަވާލާފައެވެ. ޕޯޗުގީޒުންގެ ވެރިއަކަށް ހުރި އަނދިއަނދިރިން މަސައްކަތް ކުރަމުން ދިޔައީ ރާއްޖެއިން މާތްވެގެންވާ އިސްލާމްދީން ފޮހެލާށެވެ.

ބޮޑުތަކުރުފާނުގެ ޤައުމީ ވާޖިބު އަދާކޮށް، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައި އެކަމަށްޓަކައި މަޝްހޫރު ކަޅުއޮއްފުންމި ބެންނެވިއެވެ. ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދު ނިމެންދެން ކޮންމެރެއަކު އިރުއޮއްސުމުން އެ އޮޑީގައި ދަތުރުކުރައްވައި ރަށްރަށަށް އަރުއްވައި އެރަށްރަށުގައި ތިބި ޕޯޗުގީޒު ސިފައިން މަރުއްވައެވެ. މުޙައްމަދު ތަކުރުފާނު އެމަނިކުފާނުގެ އެކުވެރިންނާ މާލެ އަރުއްވައި ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލް އައްވަލް 1 ވަނަ ދުވަހު ރާޖެއަށް އަލުން މިނިވަންކަމާއި ދިވެހިންގެ ދީން ކަމަށްވާ މާތްވެގެންވާ އިސްލާމްދީން ހޯއްދަވައި ދެއްވިއެވެ.

ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ކުރެއްވި ޖިހާދު ފާހަގަކޮށްލެވެއެވެ. ހޮޅިންގެ އަތްތަދުން ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަތިވެރި ކަމަރު ބަންވައި އެމަސައްކަތަށް ނުކުމެ ވަޑައިގެންނެވީ ހުރަވީދުވަސް އެބޭފުޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނުލް ހުރަވީ ނުވަތަ މުލީގެ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންނެވެ.

މާތްﷲ މިންވަރު ކުރެއްވި ނަޞްރާއި ފަތަޙައިގެ ސަބަބުން އަނެއްކާވެސް ދިވެހިރާއްޖެއަށް މިނިވަންކަން މިންވަރު ކުރައްވައި، ހޮޅީންގެ ވަކިތަކުން ރާއްޖެ ސަލާމަތް ކުރައްވައި މިނިވަން ޖައްވަކަށް ނޭވާލުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔައެވެ. ހިޖުރީ ސަނަތުން 1166 ވަނަ އަހަރު ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހަށް އަލިވިލުނީ އަޅުވެތި ކަމަކުން މިނިވަން ކަމަކަށް ދިވެހީން ނޭވާ ލައިލައި ތިއްބައެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މިނިވަންކަމަށް ދިމާވި އެންމެ ބޮޑު ނުރައްކަލަކީ ގައުމަށް ޚިޔާނާތްތެރި ޚާއިނުންތަކެއް އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޢީންގެ އެހީގައި ރާއްޖެއަށް ހަމަލާދީ ރާއްޖޭގެ އަމަން އަމާންކަން ނިގުޅައިގަންނަން ކުރި މަސައްކަތެވެ. މި ނުރައްކާތެރި ހަމަލާގައި، ކުށެއްނެތް އެތައް އާންމުންނެއް ޒަޚަމްވިއިރު ގައުމާއި ރައްޔިތުންނަށްޓަކައި މިގައުމު ދިފާޢުކުރަން ތިބި ސިފައިންގެ ފުރާނަވެސް ދިޔައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މިގައުމު ދިފާއުކުރުމަށްޓަކައި ފަސްޖެހުމެއްނެތި ހިތްވަރާއެކު ޖިހާދުކޮށް 8 ސިފައިންނާއި 11 ދިވެހި ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މުޅި ރާއްޖެ ފަޚުރުވެރިވާ ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުން ރާއްޖެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ވެގެންދިޔައެވެ. ސިފައިންގެ ހިފުމަށްފަހު، ދިވެހި ޤައުމު އެމީހުންގެ އަތްދަށަށް ގެނައުމަށް ރާވާފައިވީނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާ ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.

ދިވެހި ވަތަނަށް 58 އަހަރު ފުރޭ މިނިވަން ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، ދިވެހި ފަސްގަނޑު ދިފާއުކުރުމަށް މި ބަތަލުން ކުރެއްވި ޖިހާދުގެ މަތިވެރި ޒިކުރާ އައު ނުކޮށް މިނިވަންދުވަސް ފުރިހަމަ ނުވާނެއެވެ. މި ބަތަލުންނަކީ މިނިވަންކަމުގެ އަސްލެވެ. ދިވެހި ތާރީޚުގެ ތެރެއިން ފެންނަން ހުރި މި އަބްތާލުންގެ ވާހަކަތަކަކީ އުފަލާއި ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ވާހަކަތަކެކެވެ. މާތްވެގެންވާ އިސްލާމް ދީނަށާއި، ދިވެހި ގައުމަށްޓަކައި ދިވެހި ދަރީން އޮހޮރި ލެޔާއި ކޮށްދެއްވި އަގުބޮޑު ހިދުމަތްތަކުން އިބްރަތް ހާސިލްކޮށް ގައުމައިގެން ކުރިއަށް ދިއުމުގެ އަޒުމު އަޅުގަނޑުމެން ކޮންމެ ދިވެހި ދަރިއެއްވެސް އައު ކުރަންޖެހެއެވެ.