ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަންކޮށް އެމަޖިލިސް ހަރަކާތްތެރި ކުރުވުމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް މިފަދައިން ގޮވާލައްވާފައިމިވަނީ ދާދިފަހުން ފެންމަތިވި ޔޯގާ މައްސަލާގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި، ސަރުކާރުގެ ޚިޔާލު ތަފާތުވެ، އެކަމާއި ގުޅިގެން އާންމުންގެ މެދުގައިވެސް ހަމަނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، ޔޯގާއަކީ އިސްލާމްދީނާ ޚިލާފު ޝިރުކުގެ އަމަލެއް ކަމަށް ބައެއް އިލްމުވެރިން ބުނަމުން ދިޔަނަމަވެސް، ބައެއް ސިޔާސީ ބޭފުޅުންވެސް ވަނީ އެކަމާމެދު އެބޭފުޅުންގެ އަމިއްލަ ޚިޔާލު ފާޅުކުރައްވާފައެވެ. ޔޯގާ އާއި ގުޅިގެން އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ނެރުނު އިލްމީ ރިޕޯޓެއްގައި ބުނީ، ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން، އެއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އަދި، ޔޯގާއަކީ ހަމައެކަނި ހަށިގަނޑުގެ ހަރަކާތްތަކާއި ވިސްނާ ފިކުރު ކުރުންތަކެއް ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް، އެއާ ހިލާފަށް ޔޯގާއަކީ އަށް އުންސުރެއްގެ މައްޗަށް އެކުލެވޭ އަދި ދުނިޔޭގެ އެދުމާ ދުރުހެލިވެ ކުރާ އަޅުކަންތަކެއްގެ މައްޗަށް އެކުލެވޭ ނިޒާމެއް ކަމަށާއި އޭގެ އަސްލު ހަގީގީ މަގްސަދާ ހަމައަށް ދިއުމަށް އެ ބައިތަކަށް ބަރާބަރަށް އަމަލުކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ފަތުވާ މަޖިލިސް ހަރަކާތެރި ކުރުވުމަށް ތަކުރާރުކޮށް ގޮވައިލާ ކަމަށާއި، އެކަން ނުކޮށްފިނަމަ ގައުމު ދީނީ ގޮތުން ބައިބައިވެގެން ހިނގައިދާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ހަރަކާތައް ހުރަސް އެޅު ހިސާބުން ފެށިގެން މި މައްސަލަ ވަނީ ވަރށް ބޮޑަށް ހޫނުވެފައެވެ. އަދި، ޔޯގާއަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްތޯ ނުވަތަ ނޫންތޯ އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ފެށިފައި ވީނަމަވެސް ރާއްޖޭގެ ފަތުވާ މަޖިލީސް އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

އަދި މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީންވެސް ވަކި ބަހެއް ބުނެފައެއް ނުވެއެވެ.

ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހަށް މެމްބަރުން އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރާ ހަތަރު މެންބަރަކާއި މިނިސްޓަރުގެ ލަފާ މަތިން އައްޔަން ކުރާ އެއް މެންބަރުގެ މައްޗަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފަތުވާ މަޖިލީހަށް އައު މެމްބަރުން އައްޔަންކޮށްފައެއް ނުވެއެވެ.