ރާއްޖޭގެ ދަރިނި ކޮވިޑް-19 ޕެންޑެމިކްގެ ކުރިން ހުރި ވަރަށް ވުރެ ދަށްވެފައިވީ ނަމަވެސް ދަރަންޏަކީ އަދިވެސް ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ޖޫން މަހުގެ 21 ވަނަ ދުވަހުން 29 ވަނަ ދުވަހަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އިގްތިސާދީ ގޮތުން ލަފާވެސް އަރުވާފައެވެ.

މި ވަފުދުގެ އެންމެ އިސް ވެރިޔަކަށް ހުންނެވީ އައިއެމްއެފް އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓްގެ ޓިޑިއަނީ ކިންޑާއެވެ.

މި ރިޕޯޓުގައި އައިއެމްއެފުން ވަނީ ރާއްޖޭގެ އިގްތިސާދު ހަލުވިކަމާއެކު ކުރިއަރާ އިރު، ބޭރު ފައިސާގެ ރިޒާވް ދަށަށް ދާތީ އާއި ދަރަނި ބޮޑުވަމުން ދިޔުމާއި ގުޅިގެން އެކަމުގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑަށް އޮތްކަން ފާހަގަކޮށްފައެވެ.

އެގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަން މި އަހަރު 3.1 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު އިތުރުވާނެ ކަމަށާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއެކު އިތުރު ހަރަދުތައް ކުރަން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓްގައި ވަނީ ރަޝިއާ ޔޫކްރޭން ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާއިން އަންނަ ފަރުރުވެރިން މަދުވަމުން ދާނަމަވެސް ޔޫރޮޕްގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން ދާކަމަށް ވެސް ފާހަގަ ކުރައްވާފައެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ކޮވިޑް-19 ޕެންޑެމިކްގެ ކުރިން ހުރި ވަރާ އަޅާބަލާއިރު އެންމެ 6 އިންސައްތަ ދަށަށް ގޮސްފައި ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއިއެކު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގްތިސާދު ދަށަށް ދިއުމާ ގުޅިގެން، އެ ގައުމުތަކުން ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ބިރު އޮތްކަން ވެސް އައިއެމްއެފްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އައިއެމްއެފުން ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ފައިސާ ދޭން ޖެހުމާއި އެ ކުންފުނިތަކުގެ ދަރަނި ދައްކައިދޭން ސަރުކާރަށް ޖެހުމަކީ ވެސް ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރާއްޖޭގެ ރިޒާވް ދަށްވެފައިވާ ކަމަށް އައިއެމްއެފުން ބުނިއިރު، މިދިޔަ މަހު ސަރުކާރުން ވަނީ ރިޒާވްގައި ހުރި އަދަދުގެ ސީދާ ތަފްސީލުތައް ހާމަކުރުމަށް ދެކޮޅު ހަދާފައެވެ.