ރާއްޖޭގައި އާންމުކޮށް ހުޅުވާލައިގެން ބޮޑުބެރު ޗެލެންޗެއް ނުބާއްވާތާ ގިނަ އަހަރުތަކަކަށް ފަހު އަނެއްކާވެސް ބޮޑުބެރު ޗެލެންޗެއް އިޢުލާންކޮށްފިއެވެ.

"ބޮޑުބެރު ޗެލެންޖް" ގެ ނަމުގައި މީގެ 10 ވަރަކަށް އަހަރު ކުރިން ގައުމީ ޓީވީން ފެށި ބޮޑުބެރު މުބާރާތުން ބޮޑުބެރަށް ހާއްސަ ލޯތްބެއް އުފެއްދިއެވެ. ގިނަ ޒުވާނުންތަކެއް މި ކަމުގެ ތެރެއަށް ނިކުތެވެ. ބޮޑުބެރު ގުރޫޕްތައް ވުޖޫދުވެ، މުޅި ރާއްޖޭގައި ސަޤާފީ މި ކުޅިވަރު އިތުރަށް ދިރުނެވެ. އޭރުން ފެށިގެން މިއަދާއި ހަމައަށް ގިނަ ޒުވާނުންތަކެއް ބޮޑުބެރުގެ ތެރެއަށް ނުކުމެ، ގިނަ ބޭންޑުތަކެއް އުފެދި އެކަމުން އާމްދަނީތަކެއްވެސް ދަނީ ހޯދަމުންނެވެ.

އެހެން ނަމަވެސް މި ފަހަރު ބޮޑުބެރު މުބާރާތް ބާއްވަނީ ދައުލަތުގެ ޓީވީއަކުން ނޫނެވެ. މި މުބާރާތް ގެނެސްދެނީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ބައިސްކޯފާ ގުޅިގެންނެވެ.

އަހަރުތަކެއް ކުރިން ޓީވީއެމް އިން ގެނެސްދިން މުބާރާތާއި މި މުބާރާތުގައި ތަފާތުތަކެއް ހުންނާނެއެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ މި ޗެލެންޖްގައި ބޮޑުބެރާއެކު، އެހެނިހެން މިއުޒިކަލް އިންސްޓްރުމެންޓްސްވެސް ބޭނުން ކުރެވޭނެއެވެ.

މުބާރާތުގެ ޕޯސްޓަރެއް

މި ބޮޑުބެރު ޗެލެންޖްގައި ބައިވެރިވުމަށް ވަކި އުމުރުފުރާއެއް ނެތި އެންމެންނަށްވެސް ވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހު ބަންދުވާނެއެވެ. މިއީ ކްރޮސްރޯޑްސް މޯލްޑިވްސްއިން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ވަކިވަކިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްއިރު، ފަސް މީހުންގެ ގްރޫޕަކުންވެސް ބައިވެރިވެވޭނެއެވެ.

މި މުބާރާތުގެ ގްރޭންޑް ފިނާލޭއަށް ހަތަރު ޓީމެއް ހޮވާނެއެވެ. އަދި ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ ދަ ހާޑް ރޮކް ކެފޭގައެވެ.

މުބާރާތުގެ އެއް ވަނަ ހޮވާނީ، އެ ޝޯވގެ ހުށަހެޅުންތަކަށް ބެލުމަށް ފަހުއެވެ.