އާއިލާގެ އިތުރުން އަމިއްލަ މީހާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަތިޔާރު ގެންގުޅުމުގެ ހާއްސަ ހުއްދައަކަށް އެކްޓަރު ސަލްމާން ޚާން އެދިއްޖެއެވެ.

ސަލްމާން ޚާން މިފަދަ ހުއްދައަކަށް އެދިފައިވަނީ، ދާދިފަހުން ނުރައްކާތެރި ގޭންގަކުން ސަލްމާނު މަރާލާނެކަމުގެ އިންޒާރުދީ އެކަމަށް ހާއްސަ ތައްޔާރީތަކެއް ވެފައިވާކަމުގެ ރިޕޯޓުތައް ލިބިފައިވަނިކޮށެވެ.

ސަލްމާން ޚާން މަރާލާނެކަމުގެ އިންޒާރު ދިންކަން ފެންމަތިވެފައިވަނީ ދާދިފަހުން މަރާލި ޕަންޖާބީ މިއުޒިކީ ފަންނާނު ސިދޫ މޫސާވާލާ މަރާލި ހާދިސާގެ ތަހުގީގުތައް ކުރުމުގެތެރޭގައި ލިބުނު މައުލޫމާތު ތަކުންނެވެ.

ބޮލީވުޑުގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރު މަރާލަން އިންޒާރު ދީފައިވަނީ މަޝްހޫރު ރެޕް ސިދޫ މޫސާވާލާ މެރިކަމުގެ ޒިންމާވެސް ނެގި ލޯރެންސް ބިޝޯނީގެ ގޭންގުންނެވެ.

ސަލްމާނަށް މަރުގެ އިންޒާރު ލިބިނުއިރު އޭނާގެ ބައްޕަ ސަލީމް ޚާނަށްވެސްވަނީ މަރުގެ އިންޒާރު ލިބިފައެވެ. މިކަމުގެ ފަހަތުގައި ވަނީވެސް އެއްބައެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ހަތިޔާރު ގެންގުޅުމުގެ ހާއްސަ ހުއްދައަކަށް ސަލްމާނު އެދިފައިވަނީ ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރު ލިބުމާއި ގުޅިގެންނެވެ. މިއިންޒާރުތަކާއެކު ސަލްމާންވަނީ އޭނާގެ ސެކިއުރިޓީ ކަންތައްތައް ކުރިޔަށްވުރެ ވަރުގަދަ ކޮށްފައެވެ.

މިކަމުގައި މުމްބާއީ ފުލުހުންގެ އެއްބާރުލުންވެސް ލިބިފައިވާއިރު ހަތިޔާރު ގެންގުޅުމުގެ ހުއްދައާއި ގުޅޭގޮތުން ފުލުހުންގެ ފުރިހަމަ އެއްބާރުލުން ސަލްމާނަށް ލިބިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުވެސް ވަރަށް މުހިއްމު ފިލްމީ ޕްރޮޖެކްޓުތަކުގައި އަވަދިނެތި އުޅެމުން އަންނަ އެކްޓަރަށް މަރުގެ އިންޒާރު ދިނުމާއެކު އޭނާގެ ސަޕޯޓަރުންވަނީ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފުޅާގޮތެއްގައި ނުރުހުން ފާޅުކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސަލްމާނަށް މަރުގެ އިންޒާރު ދިންކަމަށް ތުހުމަތުކުރާ ގޭންގުންވަނީ ސަލްމާނު މުމްބާއީގައި ދިރިއުޅޭ ބިލްޑިންގް ގެލެކްސީ އެޕާޓްމަންޓްގެ ބޭރުގައިވެސް ހަރަކާތްތެރިވެފައެވެ.