ސައުތް ސިނަމާގެ މަގުބޫލު ބަތަލާ ރަޝްމިކާ މަންދަނާ ހިންދީ އިންޑަސްޓްރީއަށް ތަޢާރަފްވާ ފިލްމު "ގުޑްބާއި" ރިލީޒްކުރުން މިއަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހަށް ޝެޑިއުލްކޮށްފިއެވެ.

ކާމިޔާބު ޑައިރެކްޓަރު ވިކާސް ބާލްގެ މިފިލްމުގައި ރަޝްމިކާ އާއިއެކު ފެނިގެންދާނީ އެކްޓަރު އަމީތާބް ބައްޗަންއެވެ.

އެކްޓަރު އަމީތާބްގެ އިތުރުން ބަތަލާ ނީނާ ގުޕްތާ، ސުނިލް ގްރޯވަރ، ސާހިލް މެހެތާ އަދި ޕަވައިލް ގުލާޓީވެސް ފިލްމުގެ މުހިއްމު ރޯލްއިން ފެނިގެންދާނެއެވެ.

ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ބާލާޖީ މޯޝަންސް ޕިކްޗާސްއާއި ގުޑް ކޯ ކުންފުނި ގުޅިގެން ގެނެސްދޭ މިފިލްމަކީ، ބަދަހި އާއިލީ ގުޅުން ދައްކުވައިދޭ ކޮމެޑީ ޑްރާމާއެކެވެ. ފިލްމުގައި ހެއްވާ ހާދިސާތައް ދައކުވައިދޭއިރު ބެލުންތެރިން ރޮއްވާލާނެކަހަލަ ސީންތައްވެސް ހިމެނޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ރަޝްމިކާގެ ފުރަތަމަ ބޮލީވުޑް ފިލްމު ރިލީޒްކުރުމުގެ މަރުހަލާގައި އޮތްއިރު އޭނާ އަންނަނީ އިތުރު ހިންދީ ޕްރޮޖެކްޓްތަކެއްގައިވެސް މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި މިހާރު މަސައްކަތް ފެށިފައިވާ ފިލްމު "އެނިމަލް" ހިމެނެއެވެ. މިފިލްމުގައި ރަޝްމިކާ ފެނިގެންދާނީ އެކްޓަރު ރަންބީރް ކަޕޫރާއެކުއެވެ.

މީގެއިތުރުން ބަތަލާވަނީ އެކްޓަރު ޓައިގާ ޝްރޮފްއާއެކު ފިލްމު "ސްކްރޫ ދީލާ" ނަމަކަށްކިޔާ ފިލްމަކަށް ސޮއިކޮށްފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔައަހަރު ރިލީޒްވި ފިލްމު "ޕުޝްޕާ" އިން ބޮޑު ތަރުހީބެއް ލިބިފައިވާ ރަޝްމިކާއަކީ ސައުތް ސިނަމާގައި މިވަގުތުހުރި އެންމެ ކާމިޔާބު ޒުވާން ބަތަލާއެވެ.

ފިލްމު "ޕުޝްޕާ" ގެ 2 ވަނަ ބައެއް އުފެއްދުމަށް ތައްޔާރުވެފައި ވާއިރު ފިލްމުގެ 2 ވަނަ ބައިންވެސް ބަތަލާގެ ރޯލްއިން ފެނިގެންދާނީ ރަޝްމިކާ ކަމަށް ރިޕޯޓުތައް ބުނެއެވެ.