2005 ވަނަ އަހަރު ރިލީޒްވި ހެއްވާ މަޖާ ފިލްމު "ނޯ އެންޓްރީ" ގެ ސީކުއަލް މިއަހަރުގެ ޑިސެމްބަރ މަހުގެތެރޭ ފެށޭވަރުވާނެކަމުގެ އިޝާރާތެއް އެކްޓަރު ސަލްމާން ޚާން ދީފިއެވެ.

"ނޯ އެންޓްރީ-2" އާއި ބެހޭގޮތުން އެކްޓަރު ވާހަކަ ދައްކާފައިވަނީ ދާދިފަހުން މުމްބާއިގައި ބޭއްވި އިވެންޓެއްގައި މީޑިއާއިން ކުރިމަތިކުރުވި ސުވާލުތަކަކަށް ޖަވާބު ދެމުންނެވެ.

އެކްޓަރު ބުނެފައިވަނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ބައިޖާން" ގެ މަސައްކަތް ނިންމާލުމަށްފަހު ފިލްމު "ނޯ އެންޓްރީ" ގެ ސީކުއަލް ފަށަން ވިސްނާކަމަށެވެ.

މިސީކުއަލް މީގެކުރިން ފަށާނެކަމަށް ބުނެފައިވީ ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ މަސައްކަތް ލަސްވެފައިވަނީ "ނޯ އެންޓްރީ" ގެ މެއިން 2 ލީޑް ރޯލް ކަމަށްވާ އެކްޓަރު އަނިލް ކަޕޫރާއި ސަލްމާން ޚާންއަށް ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.

ދާދިފަހުން ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފައިވަނީ މިކޮމެޑީ ފިލްމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރ މަހަށް ޝެޑިއުލްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މީގެކުރިންވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މިފިލްމުގެ ސީކުއަލްއަށްވެސް ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ އުއްމީދު އެބައޮތްކަމަށް އަނީސް ބަޒްމީވަނީ ބުނެފައެވެ.

އެކްޓަރު ސަލްމާން ޚާންގެ ފިލްމުތަކެއް މިދިޔައަހަރު ރިލީޒްވެފައިވާއިރު އޭގެތެރޭގައި އެކްޝަން ފިލްމު "ރާދޭ" އާއި ފިލްމު "އަންތިމް" ހިމެނެއެވެ.

މީގެއިތުރުން ސަލްމާން ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ކާގަޒް" އަކީވެސް މިދިޔަ އަހަރު ރިލީޒްވި ފިލްމެކެވެ.

ސަލްމާން ޚާންގެ ކުރިޔަށްހުރި ފިލްމުތަކުގެ ތެރެއިން މިއަހަރު ރިލީޒްކުރާނެކަމަށް ބެލެވޭ ފިލްމުތަކަކީ ފިލްމު "ގޯޑް ފާދަރ"، "ބައިޖާން"، "ކަބީ އީދު ކަބީ ދިވާލީ"، އަދި އެކްޓަރުގެ ހާއްސަ ފެނިލުމެއް ހިމެނޭ މަރާޓީ ފިލްމު "ވެދް ބައު" އެވެ.