މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި 26 ޖުލައި 2022 ވީ އަންގާރަ ދުވަހުގެ ހަވީރު މާލޭގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަންގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އަދި ހާއްސަކޮށް ތުއްތުކުދިންގެ ނަޒަރު ހުއްޓިފައިވަނީ، އާންމުކޮށް ދިވެހިންނަށް ނުފެންނަ "އެޓަޔަރ" އެއްގައި ހުރި ސިފައިންގެ ބޭކަލަކަށެވެ. ސްޕެޝަލް ފޯސަސް (އެސްއެފް) އަށް ނިސްބަތްވާ އެ ސިފައިންގެ ބޭކަލު ހުންނެވީ ކެމަފްލާޖް ގިލީ ސޫޓެއްގައެވެ.

މިނިވަން ދުވަހުގެ ހަވީރު 4:30 ހާއިރު ޖުމްހޫރީ މައިދާން ކައިރީން ފެށި އެ ހަރަކާތް ބައްލަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އިސްތިގުބާލު ކުރެއްވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.

މި ހަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސްއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި، އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ގައުމީ ސަލާމް ކުޅުނެވެ. އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ކުރިއަށް ދިޔަ އިރު އާންމުންގެ ގިނަ ބަޔަކު ވެސް އެ ކުޅިވަރު ބަލަން ޕެރޭޑް ހުއްޓެން ހަމަޖެހިފައިވާ ސަރަހައްދުތަކަށް އެއްވެ ތިއްބެވެ.

ސޯސަންމަގުން ވީޓީވީ ކައިރިން ޕެރޭޑް ކުރިއަށް ދަނިކޮށް، އެ ވަގުތު މި މަންޒަރު ބަލަން ހުރި ކުޑަކުއްޖަކު ބުނީތީ އަޑު އެހީމެވެ. "މަންމާ. އެހެރަ ދަނީ މާއްޔެއް ދޯ؟'އެވެ. ދޭނެ ޖަވާބެއް ނެނގިފައި ކަހަލަ ގޮތަކަށް ހިނިތުންވަމުން އެ ތުއްތު ކުއްޖާގެ މަންމަ އާނއެކޭ ބުނާ މޭރުމުން ބޯޖަހާލިއެވެ.

ހަގީގަތަކީ އެ ތުއްތު ކުއްޖާ ކުރި ސުވާލަށް ރަނގަޅު ޖަވާބެއް ދޭން ނޭނގޭނެ ބޮޑެތިމީހުން ވެސް އަހަރެމެންގެ ތެރޭގައި ގިނަ އަދަދަކަށް ތިބިކަމެވެ. މި ލިޔުން އަމާޒު މި ކުރަނީވެސް އެފަދަ މީހުނަށެވެ. ސިފައިންގެ ތެރޭގައި، މަތީ ތައުލީމު ހޯދާ، ދާއިރާ އާއި ގުޅުންހުރި އެތައް ތަމްރީނެއް ހަދާފައިވާ ވަރުގަދަ ޝަހްސިއްޔަތުންތަކެއްވެސް ތިބިކަން، އާންމުންނަށް އަންގައިދިނުމުގެ މަގްސަދުގައެވެ.

ދަންނަވަންތޯއެވެ؟ ކެމަފްލާޖް ސްނައިޕަރ ސޫޓު ތުރުކުރައްވައިގެން އެ ހުރީ މާއްޔެއް ނޫނެވެ. އެޔަށް އިނގިރޭސިބަހުން ކިޔަނީ "ގިލިސޫޓް" އެވެ.

ސްނައިޕަރުންނަކީ ގައުމުތަކުގެ އަސްކަރީ ލަޝްކަރުތަކުގައި، ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށް، ދުޝްމަނުންގެ ލޯތަކުން ފިލާތިބި ދުރުރާސްތާއަކުން، އަމާޒަށް ބަޑިޖެހުމަށް އެންމެ ފަރިތަ އަދި މޮޅެތި ފަހުލަވާލުންނެވެ. ރާއްޖޭގައި ތިބި މި ފަދަ ސްނައިޕަރުންނަކީ ސިފައިންގެ ތެރެއިން ހޮވާލައިގެން، ރާއްޖޭން ބޭރަށް ފޮނުއްވާ، މަތީ ފެންވަރުގެ ތަމްރީން ލިބިގެން ގައުމަށް އައިސް ޚިދުމަތްކުރައްވާ ބޭފުޅުންނެވެ. ސްނައިޕަރަކަށް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަދަންޖެހެނީ ފަސޭހަ ތަމްރީންތަކެއް ނޫނެވެ.

އެމްއެންޑީއެފް ސްޕެޝަލް ފޯސް (އެސްއެފް)އަކީ ކައުންޓަރ ޓެރަރިޒަމް، ހޮސްޓެޖް ރެސްކިޔު، އެންޓި ހައިޖެކިން އަދި މި ނޫން ވެސް ޤައުމީ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ހިންގަންޖެހޭ ސްޕެޝަލައިޒްޑް އަދި ޕްރެސިޝަން އޮޕަރޭޝަންތައް ހިންގުމަށް ދިވެހި އަސްކަރިއްޔާގައި ޤާއިމުކޮށްފައިވާ އަސްކަރީ އިސްތިރާޖީ ބާރެކެވެ.

މީގެ ކުރިން ދިވެހި ސިފައިންގެ އެއްވެސް ޕެރޭޑެއްގައި ސްނައިޕަރުންނާއި ސްނައިޕަރުންގެ ހަތިޔާރު ދައްކާލައިފައެއް ނުވެއެވެ. މިފަދަ ޤާބިލްކަން އަސްކަރިއްޔާއަށް ހޯދުމަކީ މި ޒަމާނުގެ ހައިބްރެޑް ތުރެޓްތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގައި ވަރަށް މުހިންމު ޤާބިލުކަމެވެ.

މާއްޔެއްގެ ގޮތުގައި ކޮއްކޮއަށް ފެނުނު ބޭބެއަކީ ހަމަ ޔަގީނުން ވެސް ވަރުގަދަ ޝަޙްސެކެވެ. މި ހަގީގަތް ޅަ ސިކުނޑިތަކަށް ވެއްދުމަކީ ބެލެނިވެރިން އަދާކުރަންޖެހޭ މުހިންމު ޒިންމާއެކެވެ. ރެއާއި ދުވާލު ސިފައިން ގައުމުގެ މިނިވަންކަމުގެ ދިފާޢުގައި ކުރާ މިންނެތް މަސައްކަތް އެ ކުދިންނަށް ބުނެދޭން ޖެހެއެވެ.

ސިފައިންނަކީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން، ގައުމާއި ދީނުގެ ދިފާއުގައި އެއްވެސް އަމިއްލަ އެދުމެއް، އެއްވެސް ޝަރަފެއް ފަޚުރެއް ބޭނުންނުވެ ގުރުބާންވުމަށް ތައްޔާރަށްތިބި ގައުމުގެ ބަތަލުންނެވެ. "އަހަރެންގެ މޭ ގައުމަށްޓަކައި، އައްޑަނައަކަށް ދިއްކޮށްލުމީ، ފަހުނޭވަޔަށް ދާންދެން މޮޓޯ، ކަމުގައި ހިޔާރުކުރާނަމޭ"، ބުނެ ދިވެހިންގެ ދިފާއުގައި ތެދުވާންތިބި ހިތްވަރުގަދަ ދިވެހި ދަރިންތަކެވެ. އެންމެފަހު ނޭވާޔާ ހަމައިންވެސް، އަމިއްލަ ފުރާނަ ދަނީކަން ކަށަވަރުވާ ހިނދުވެސް، "އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ" އޭބުނެ، މި ގައުމުން އިންޗިއެއްގެ މިންވަރުވެސް އެހެން ބައެއްގެ އަތްމައްޗަށް ދިއުމަށް ނޭދޭނެ ގައުމީ ދިފާއީ ބާރުގެ ތަނބުތަކެވެ.

އަތުގައި ހުރި ހަތިޔާރުން ވަޒަން ހުސްވުމުންވެސް ފަހަތަށް ނުޖެހި، "މަގޭ އަތުން ވަޒަން ހުސްވެއްޖެޔޭ، ވަޒަން ގެނެސްދޭށޭ" ގޮވަމުންދާނެ ބިރުކުޑަ ގަދަފަދަ ދިވެހި ސިފައިންނެވެ.

ގައުމެއްގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢުކުރުމުގައި ސިފައިންނަކީ ކިހާ މުހިންމު ބައެއް ކަމާއި އެއީ އިހުތިރާމާއި ޤަދަރާއި ލޯބި ލިބެންޖެހޭ ބައެއްކަން ޅަ ދަރިންނަށް ވިސްނައިދޭން ޖެހެއެވެ.