ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ލީގު، ފުރަތަމަ ޑިވިޝަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ކުޅޭނީ ލީގު އުސޫލަށް ކަމަށާއި، ކޮލިފިކޭޝަނުގައި އައު ކުޅުންތެރިން ޓީމަށް ނުގެނެވޭނެކަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

އެފްއޭއެމް އިން މިއަދު މީޑިއާތަކާ ހިއްސާކުރި ސާކިއުލާއެއްގައި ބުނެފައިވަނީ، ދިވެހި ލީގު ކޮލިފައިންގައި ވާދަކުރާނެ ހަތަރު ޓީމުން އެއްވެސް ޓީމަކަށް، ޓީމުގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ކުޅުންތެރިންގެ އިތުރުން އެއްވެސް އިތުރު ކުޅުންތެރިއެއް ނުހިމެނޭނެ ކަމަށެވެ. އެހެންކަމުން އެއްވެސް ޓީމަކަށް ކޮލިފިކޭޝަން މެޗުތަކަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން އެއްވެސް ކުޅުންތެރިއެއް ނުގެނެވޭނެކަމަށް މި ސާކިއުލާގައި ބުނެފައިވެއެވެ. ދެވަނަ ޑިވިޝަނުގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވުމަށް ކޮލިފިކޭޝަންގައި ވާދަކުރާ ޓީމުތަކަށްވެސް ކަން ހިނގާނީ މި އުސޫލުގެ ދަށުން ކަމަށް އެފްއޭއެމް އިން ބުނެއެވެ.

ދިވެހި ލީގު ކޮލިފިކޭޝަނުގައި ވާދަކުރާނީ، ދިވެހި ޕްރިމިއަރ ލީގު 2022 ގެ ރޭންކިންގ އަށް ބެލުމަށްފަހުމ އެންމެ ދަށުން ޕޮއިންޓު ހޯދާ ދެޓީމާއި، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމާއެކު ޖުމްލަ 4 ޓީމެކެވެ. މި 4 ޓީމު ހިމެނޭހެން ކޮލިފިކޭޝަން ކުރިއަށްދާނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް، 2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާ ގޮތަށާއި، އެންމެ މަދުން ޕޮއިންޓު ހޯދާ ދެޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓުވާ ގޮތަށެވެ.

ދިވެހި ލީގުގެ ޕޮއިންޓު ތާވަލުގައި ރޭންކިންގ ބެލުމަށް ހަމަޖެހިފައިވަނީ، ޕޮއިންޓުގެ ގޮތުން ދެޓީމުން ނުވަތަ އެއަށްވުރެ ގިނަ ޓީމު އެއްވަރުވެއްޖެ ނަމަ، ދެން މޮޅުވާ ޓީމެއް ގޯލްގެ ތަފާތުން ކަނޑައަޅާ ގޮތަށެވެ. އަދި ގޯލުގެ ތަފާތުންވެސް އެއްވަރުވެއްޖެނަމަ ދެން މޮޅުވާ ޓީމެއް ކަނޑައަޅާނީ އެންމެ ގިނަ ލަނޑުޖަހާ ޓީމަކަށް ކުރި ލިބޭ ގޮތަށެވެ. އެގޮތުންވެސް އެއްވަރުވެއްޖެނަމަ ދެން ކުރިލިބޭ ޓީމެއް ކަނޑައަޅާނީ އެއްވަރުވާ ޓީމުތަކުގެ މެދުގައި ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. އެގޮތުންވެސް އެއްވަރުވެއްޖެނަމަ ފަހު އޮޕްޝަނެއްގެ ގޮތުގައި މޮޅުވާ ޓީމެއް ކަނޑައަޅާނީ ގުރުއަތު ލައިގެންކަމަށް އެފްއޭއެމް އިން ބުނެއެވެ.

ދެވަނަ ޑިވިޝަނުގެ މެޗުތައް މިހާރު ކުޅެމުން އަންނައިރު، މިހާތަނަށް އަދި ދިވެހި ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނެ ޓީމުތައް ކަށަވަރުވެފައެއް ނުވެއެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ދެވަނަ ޑިވިޝަނުގައި މެޗުތައް ކުޅޭއިރު، ގުރޫޕު އޭގައި އެއްވަނައިގައި އޮތީ ކުޅުުނު 4 މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓު ހޯދާފައިވާ ބުރު ސްޕޯޓްސް ކުލަބެވެ. މި ގުރޫޕުގެ ދެވަނައިގައި އޮތީ 4 މެޗުން 9 ޕޮއިންޓު ހޯދާފައިވާ ކުޑަހެންވޭރެވެ.

ގްރޫޕް ބީގެ އެއްވަނައިގައި އޮތީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ނިއުވެސް ވަނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 9 ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައި 9 ޕޮއިންޓާއެކު އެލްޓީ ސްޕޯޓްސް އޮތްއިރު ތިންވަނައިގައި އޮތީ ނިއު އާއި ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމެއް ސެމީ ފައިނަލަށް ދާ ގޮތަށެވެ. ސެމީ ފައިނަލަށް ފަހު ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ހޮވޭނެ އެވެ.

ދިވެހި ޕްރިމިއާ ލީގަށް ބަލާލާއިރު، ރެލިގޭޝަންގެ ބިރު ހީވެ، ކޮލިފިކޭޝަންގައި ކުޅޭނެކަން ކަށަވަރުވެފައިވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޑަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. ސަސް އަށް 20 މެޗުން 15 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 7 ވަނައެވެ. ފުލުގައި ޑަ ގްރާންޑޭ އޮތީ 19 މެޗު ކުޅެ އެންމެ މެޗަކުންވެސް މޮޅުނުވެ އެއް ޕޮއިންޓާއެކުއެވެ.