ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އަންނަ ހޯމަ ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް އިންޑިއާއަަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، ރާއްޖޭގެ ތަރައްޤީގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ދެޤައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެއެވެ.

ރައީސް އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި، ދެގައުމުގެ ޚާރިޖީ ބައްދަލުވުންތައް ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށްފަހު، އިންޑިއާގެ ވިޔަފާރި ކެޕިޓަލް މުމްބާއީގައިވެސް ބައްދަލުވުންތަކެއް ބާއްވާނެއެވެ. އެގޮތުން އިންޑިއާގެ ބޮޑެތި ވިޔަފާރި ލީޑަރުންނާއި ރައީސް ބައްދަލުކުރައްވަން ނިންމަވާފައިވާކަމުގެ މައުލޫމާތު ލިބެއެވެ.