2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ވެބް ސީރީސް "ދެއްލީ ކްރައިމް" ގެ އިތުރު ސީޒަނެއް ކުރިޔަށްއޮތް އޯގަސްޓް މަހުގެ 26 ގައި ނެޓްފްލިކްސްއިން ޕްރިމިއާ ކުރާނެކަމަށް ވެބް ސީރީސް އުފައްދާ ޓީމުން ބުނެފިއެވެ.

މި ސީރީސްގެ ފުރަތަމަ ސީޒަންގައި ގެނެސްދީފައިވަނީ 2012 ވަނަ އަހަރު ނިއުދިއްލީގައި ބަހެއްގެތެރޭ ވަރަށް ރަހުމް ކުޑަގޮތަކަށް އަންހެން ކުއްޖަކު ރޭޕްކުރި ގޭންގު ރޭޕްގެ ހާދިސާއެވެ.

ފުރަތަމަ ސީޒަންއެކޭ އެއްގޮތަށް 2 ވަނަ ސީޒަންގައިވެސް ގެނެސްދޭނީ އިންޑިއާގެ ކުށުގެ މާހައުލުގައި ހިނގާ ނުރައްކާތެރި ޖަރީމާތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ހާދިސާއެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ސީރީސްގެ ޓީޒާއިން ފެންނަ ގޮތުގައި ފުލުހުންގެ ޓީމުން މަސައްކަތްކުރަނީ ނުރައްކާތެރި ސީރިއަލް ކިލާއެއް ހޯދުމަށް ފުލުހުންގެ ފޯސް އެކުވެގެންކުރާ މަސައްކަތެވެ.

"ދެއްލީ ކްރައިމް" ގެ ދެވަނަ ސީޒަންގައިވެސް ފެނިގެންދާނީ ފުރަތަމަ ސީޒަންއިން ފެނިގެންދިޔަ ތަރިންނެވެ. އޭގެތެރޭގައި ސީރީސްގެ އެންމެ މުހިއްމު ރޯލް ކުޅޭ ބަތަލާ ޝެފާލީ ޝާހް ހިމެނެއެވެ.

ޝެފާލީ މިފަހަރުވެސް ފެނިގެންދާނީ ޑީސީޕީ ވަރްތިކާ ޗަތުރްވޭޑީގެ ރޯލުންނެވެ. ހަމައެކަނި ޓީޒާއަށް ބެލުމަށްފަހު މިފަހަރުގެ ސީޒަން ކުރީ ފަހަރުގެ ސީޒަނަށްވުރެވެސް ފެންވަރު ރަގަޅުވާނެކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.

ބަތަލާ ޝެފާލީގެ އިތުރުން ރަސިކާ ދުގަލް، ރާޖެޝް ޓެއިލަންގް، އާދިލް ހުސައިން، އަނޫރާގް އަރޯރާ އަދި ސިދާތް ބަރްޖްވާޖް މިފަހަރުގެ ސީޒަންގައިވެސް ވަރަށް ވަރުގަދަ ރޯލްތަކުން ފެންނާނެއެވެ.

"ދެއްލީ ކްރައިމް" ގެ ފުރަތަމަ ސީޒަންއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބުނުއިރު ބައިނަލް އަޤްވާމީ ގައުމުތަކުގައިވެސް މިސީރީސް ވަރަށް ކާމިޔާބުކަމާއެކު ހިނގިއެވެ. އެގޮތުން 2020 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް އެމީ އެވޯޑްސް ހަފްލާގެ "އައުޓް ސްޓޭންޑިންގް ޑްރާމާ ސީރީސް" ގެ އެވޯޑް މިސީރީސްއަށް ވަނީ ލިބިގެންގޮސްފައެވެ.

މިއީ މިއެވޯޑް އިންޑިއާގެ ސީރީސްއަކަށް ހާސިލްވި ފުރަތަމަ ފަހަރުވެސްމެއެވެ.

https://www.youtube.com/watch?v=ydoqfYCwmxQ&t=52s