2015 ވަނަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "ބަދްލާޕޫރް" އަށްފަހު ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ އިތުރު ފިލްމަކަށް ބަތަލާ ހުމާ ގުރޭޝީ ސޮއިކޮށްފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ހުމާ ސޮއިކުރިކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ މެޑްޑޮކްސް ފިލްމްސްއިން އުފައްދާ "ޕޫޖާ މެރީ ޖާން" ނަމަކަށްކިޔާ ފިލްމަކަށެވެ.
ރިޕޯޓުތައް ބުނާގޮތުން ބަތަލާ ހުމާ ގްރޭޝީއާއި އެކު ދެން ފިލްމުން ފެނިގެންދާނީ ބަތަލާ މްރޫނާލް ތާކުރްއެވެ.
ދިނޭޝް ވިޖަން ޕްރޮޑިއުސަރެއްގެ ރޯލް އަދާކުރާއިރު ފިލްމުގައި ޑައިރެކްޓަރެއްގެ ދައުރު އަދާކުރާނީ ފިލްމު "ގިނީ ވެޑްސް ސަނީ" ގެ ޑައިރެކްޓަރު ނަވްޖޯތް ގުލާޓީއެވެ.
ބަތަލާ ހުމާ އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓު މެދުވެރިކޮށް ބުނެފައިވަނީ މިހާޜު ފިލްމުގެ ޝެޑިއުލް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި މިއީ އޭނާގެ ކުރިޔަށްއޮތް އުފަންދުވަސް ފާހަގަކުރުމުގެ ފެށުމެއްކަމަށް މިމަހުގެ 28 ވަނަ ދުވަހު އުފަންދުވަސް ފާހަގަކުރާ ބަތަލާވަނީ ބުނެފައެވެ.
މީގެއިތުރުން ބަތަލާ މެސެޖުގައި ފިލްމާމެދު ކުރާ އުއްމީދު ވަރަށް ބޮޑުކަމަށާއި ބެލުންތެރިން ފިލްމު ބަލާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށްވަނީ ބުނެފައެވެ.
ފިލްމުގައި ހުމާއާއެކު ދެން ފެނިގެންދާ ބަތަލާ މްރޫނާލް ބުނެފައިވަނީ މިފިލްމަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ބެލުންތެރިންނަށް ފިލްމު ކަމުދާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ފިލްމުގެ ކުޑަ ޓީޒާއެއް މިއަދު ޓްވިޓާގައި އާއްމުކޮށްފައިވާއިރު ޓީޒާއިން ފެންނަ 39 ސިކުންތުކޮޅުތެރޭގައިވެސް ފިލްމުގެ ވާހަކައިގެ ސަސްޕެންސް ދައްކުވައިދެއެވެ.
މިފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނުކޮށްފައި ނުވާއިރު މިއީ ބަތަލާ މްރޫނާލްއާއި ހުމާ އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.