ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސްރީލަންކާގައި ބަޑިޖަހައި 4 މީހުން މަރާލައިފިއެވެ.
ސްރީލަންކާ ފުލުހުން ބުނެފައިވަނީ، މިއަދުގެ ހެނދުނާ ހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސްރީލަންކާގެ އެކި ހިސާބުތަކުގައި ބަޑިޖެހުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށާއި، އެ ހާދިސާތަކުގައި ޖުލްމަ 4 މީހުން މަރުވެފައިވާ ކަމަށެވެ.
މައްސަލައެއްގެ ޝަރީއަތަށް ސްރީލަންކާގެ ގަމްޕަހަ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ 4 މީހަކު ހާޟިރުކުރި ވަގުތު ވެހިކަލެއްގައި އައި ބަޔަކުވަނީ ބަޑިޖަހައި، ސްރީލަންކާގެ އައްޑަރވޯލްޑް ގޭންގްސްޓަރ ސަމަން ރޯހިތާ މަރާލާފައެވެ. މިހާދިސާގައި އަނެއް ތިންމީހުން ޒަޚަމްވިއެވެ.
ސްރީލަންކާގެ ރަޓްމަލަނާގައި ރޭގައި ދެމީހަކުވަނީ ގެއަކަށް ވަދެ ބަޑިޖަހައި އުމުރުން 30 އަހަރުގެ މީހަކު މަރާލާފައެވެ. ބަޑިޖެހުމަށްފަހު އެމީހުންވަނީ ފިލާފައެވެ.
މީގެއިތުރުން، އަމްބަލަންގޮޑާގައި އިއްޔެ ހަވީރު ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައިވެސް ދެމީހުން މަރާލާފައި ވެއެވެ. ބަޑިޖެހުމުގެ ހާދިސާގެ ވަގުތުގައި އެކަކު މަރުވި ކަމަށާއި، އަނެއްމީހާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިހާދިސާ ހިނގާފައިވަނީ ޖަނާޒާއެއްގެ ތެރޭގައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ބަޑުއްލާގެ ޕެޓްރޯލް ސްޓޭޝަނެއްގެ ކައިރީގައި މިއަދުވެސް ބަޑިޖެހުމުގެ ހާދިސާއެއް ހިނގާފައި ވެއެވެ. ފުލުހުން ބުނެފައިވަނީ މީހަކު ވައިގެ ތެރެއަށް ބަޑިޖެހީ ކަމަށާއި، އޭނާގެ ބޭނުމަކަށްވީ ޕެޓްރޯލް ސްޓެޝަންގެ މުވައްޒަފުންނަށް ބިރުދެއްކުން ކަމަށެވެ.
މިހާދިސާގައި މީހަކަށް ކަމެއް ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސްރީލަންކާ މިހާރު ވެއްޓިފައިވާ ހާލަތުގެގޮތުން އެގައުމުގެ އެކި ހިސާބުތަކުގައި ކޮންމެ ދުވަހަކު ބަޑިޖެހުމުގެ ހާދިސާތައް ހިނގައި މީހުން މަރަމުން ގެންދެއެވެ.
ސަލާމަތީ ބާރުތަކާއި، ސަރުކާރުން މިހާރު އަވަދިނެތި އުޅެނީ، މިފަހުން ބޭއްވި މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، ސޯޝަލް މީޑިއާ އެކްޓިވިސްޓުން ހައްޔަރު ކުރުމުގައެވެ.