ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، މިފެށޭ އޮގަސްޓްމަހުގެ 1 ވަނަ ދުވަހު ކޯޓަށް ހާޟިރުވުމަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން އަމުރު ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިއަމުރު ނެރުނީ، ސްރީލަންކާގެ ސިޔާސީ ފަރާތްތަކުންނާއި، ސިވިލް ސާވަންޓުން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ.

އެ މައްސަލަތަކުގައި ހިމެނެނީ، ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ކާރިޘާއަކީ ރާޖަޕަކްސަ އާއިލާގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށް ބުނެ، އެއާއިލާގެ ބޭފުޅުންނާ ދެކޮޅަށް ހުށަހަޅާފައިވާ ވަކިވަކި މައްސަލަތަކެވެ.

އޭގެތެރެއިން އެއް މައްސަލައާ ގުޅިގެން، އޮގަސްޓް އެކެއްގައި ގޮޓަބާޔަ ރާޖަޕަކްސަ ކޯޓަށް ހާޟިރުވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުނީ އިއްޔެގައި ކަމަށް، ސުޕްރީމް ކޯޓުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާއިން ބުނެފައި ވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގައި ގޮޓަބާޔަ ރާޖަޕަކްސަގެ އިތުރުން، އޭނާގެ އެއްބަނޑު އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި، ކޮއްކޯފުޅު އަދި ކުރީގެ ފިނޭންސް މިނިސްޓަރ ބަސިލް ރާޖަޕަކްސަވެސް ހިމެނިވަޑައި ގަންނަވައެވެ.

މަހިންދަ ރާޖަޕަކްސައާއި، ބަސިލް ސްރީލަންކާއިން ފުރުން ސުޕްރީމް ކޯޓުން މަނާކުރުމުގެ ސަބަބުން އެބޭފުޅުން އަދި ތިއްބެވީ ސްރީލަންކާއެވެ. ނަމަވެސް ގޮޓަބާޔަ ރާޖަޕަކްސަ މިވަގުތު ހުންނެވީ ސިންގަޕޫރުގައެވެ.

ސްރީލަންކާގެ އާންމުން ރިޔާސީ ގަނޑުވަރު ވަށާލުމުން، ސްރީލަންކާ ސިފައިންގެ އެހީގައި އަސްކަރީ ޖެޓެއްގައި ދިވެހިރާއްޖެ ވަޑައިގަތުމަށްފަހު ސައުދީ އެއަރލައިންގެ މަތިންދާ ބޯޓެއްގައި ގޮޓަބާޔަ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގެންފައިވަނީ މި ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ސްރީލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ ސިންގަޕޫރަށް ވަޑައިގަތުމަށްފަހުގައެވެ.

ގޮޓަބާޔަ ރާޖަޕަކްސަގެ "ޝޯޓް-ޓާރމް ވިޒިޓް ޕާސް" ގެ މުއްދަތަށް ސިންގަޕޫރު ސަރުކާރުން 14 ދުވަސް އިތުރުކޮށްދިނީ އިއްޔެއެވެ. އެއީ، ގޮޓަބާޔަ އެކަމަށް އެދިވަޑައިގަތުމާއި، އެކަމުގައި އަމަލުކުރާ އުސޫލުގައި މުއްދަތު އިތުރުކޮށްދިނުން އޮންނާތީ ހަމަޖައްސައި ދެވުނު ފުރުސަތެއް ކަމަށް ސިންގަޕޫރުން ބުނެފައި ވެއެވެ.

ސްރީލަންކާގެ ކެބިނެޓުގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ، ގޮޓަބާޔަ ރާޖަޕަކްސަ، ސިންގަޕޫރުން އެނބުރި ވަޑައިގަންނަވާނީ ސްރީލަންކާއަށް ކަމަށް ބެލެވޭ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ގޮޓަބާޔަ ރާޖަޕަކްސަ ހުންނެވީ "ފިއްލަވައިގެން" ނޫން ކަމަށާއި، އޭނާ އެނބުރި ވަޑައިގެންފިނަމަ، އަމަލުކުރެވޭނީ ކުރީގެ ރައީސުންނާމެދު އަމަލުކުރަން އޮންނަ އުސޫލުން ކަމަށެވެ.