ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ކުޅިވަރު ސިޔާސަތުގެ ދަށުން، ރާއްޖެއިން ކުޅިވަރުގެ ދާއިރާއިން ހޯދަމުންދާ ކާމިޔާބީތަކަށް ކޮމަންވެލްތުން ތައުރީފު ކޮށްފިއެވެ.

10 ވަނަ ކޮމަންވެލްތު ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގެންނެވިއިރު، މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިޙުގެ ވެރިކަމުގައި ކުޅިވަރުގެ ދާއިރާއިން ރާއްޖެ ހޯދަމުންދާ ކާމިޔާބީތަކަށް ކޮމަންވެލްތުގެ ސްޕޯޓްސް މިނިސްޓަރުންނާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލް ޕެޓްރީސިއާ ތައުރީފުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ރާއްޖެއިން ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އެކުލަވާލާފައިވާ ގޮތާއި އަދި ކުޅިވަރުގައި އޮންނަ ޖިންސުގެ ތަފާތު ކުރުން ނައްތާލާފައިވާތީ ކޮމަންވެލްތުން ރާއްޖެއަށް މަރުހަބާ ކިޔާފައިވާކަން މިނިސްޓަރ މަހްލޫފް ހާމަކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ބާމިންގހަމުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗްވޮލީބޯޅަ އަދި ބެޑްމިންޓަން އެވެ.

މި ގޭމްސްގައި އެތުލީޓުންނާއި އޮފިޝަލުން ހިމެނޭހެން ރާއްޖެއިން ޖުމްލަ 46 މެމްބަރުން ބައިވެރިވާނެއެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅިއެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅުން އެއީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދަށްވާއިރު، އެކަން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.