ކްރޮއޭޝިއާގެ ދެކުނުގެ ސަރަހައްދުގައި ބްރިޖެއް ބިނާކުރުމަކީ ކްރޮއޭޝިޔާ ރައްޔިތުންގެ އެތައް ދުވަހެއްގެ ދިގު އިންތިޒާރީއެކެވެ. އެ ދިގު އިންތިޒާރީއަށް އިއްޔެ ވަނީ ނިމުން އައިސްފައެވެ.

ކްރޮއޭޝިޔާގެ ދެކުނުގެ އައްސޭރި ފަށަށްވާ ގޮތަށް ވަކިން އޮންނަ އެގައުމުގެ ޕެނިންސޫލާއާއި، މުޅި ކްރޮއޭޝިޔާ ގުޅުވައިދޭ ގޮތަށް ބިނާކުރި ބްރިޖް އިއްޔެގައިވަނީ ހުޅުވާފައެވެ.

މީގެކުރިން، ކްރޮއޭޝިޔާގެ އެއްގަމާ ވަކިން އޮންނަ އެ ދެ ސަރަހައްދަށް ކްރޮއޭޝިޔާ ރައްޔިތުން ގޮސްއުޅެނީ ބޮސްނިއާ އެންޑް ހަޒްގޮވީނާއަށް އެއްގަމު މަގުން ގޮސްގެންނެވެ.

އަލަށް ބިނާކުރި ބްރިޖުން ފަސޭހައިން ދަތުރުކުރެވޭގޮތް ހަމަޖެހުނު ޑަބްރޮނިކް ސިޓީއަކީ، ކްރޮއޭޝިޔާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް، އެތައްހާސް ފަތުރުވެރިން ކޮންމެ ދުވަހަކު ޒިޔާރަތްކުރާ ރީތި ރަށް ހިމެނޭ ސިޓީއެކެވެ. އެއީ، ޔުނެސްކޯގެ ލިސްޓުގައިވެސް ހިމެނޭ ސިޓީއެކެވެ.

މިސިޓީއާއި، ކްރޮއޭޝިޔާގެ ދެކުނުން އޮންނަ ޕެނިންސޫލާއަށް ފަސޭހައިން ދަތުރުކުރެވޭގޮތް ވެގެންދިޔައީ، އެ ދެމެދުގައި ބިނާކުރި 2.4 ކިލޯމީޓަރު ދިގު، ރީތި ބްރިޖްގެ ސަބަބުންނެވެ.

މި ބްރިޖް ބިނާކޮށްފައިވަނީ ޗައިނާ ސަރުކާރުގެ، ދަ ޗައިނާ ރޯޑް އެންޑް ބްރިޖް ކޯޕަރޭޝަނުންނެވެ. އިންޓަރނޭޝަނަލް ޓެންޑަރަށް ލުމަށްފަހު، ޓެންޑަރ ކާމިޔާބުކޮށްގެން ޗައިނާ ކުންފުންޏާއި ބްރިޖް ހެދުން ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

ބްރިޖް ބިނާކުރުމަށް 526 މިލިއަން ޔޫރޯ ޚަރަދުވިއިރު، މީގެތެރެއިން 357 މިލިއަން ޔޫރޯ ދީފައިވަނީ ޔޫރަޕިއަން ޔޫނިއަނުންނެވެ.

ބްރިޖް ހުޅުވުމަށް ހަވާ އެރުވުމާއެކު، މުޅި ދުވަހު ވަރަށް ކުލަގަދަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. މި ހަރަކާތްތަކުގައި ކްރޮއޭޝިޔާގެ ވެރިންނާއި، އާންމުންގެ އިތުރުން، ފަތުރުވެރިންވެސް ބައިވެރިވިއެވެ.

ހަވާ އެރުވުމާއި، ހަރަކާތްތައް ކުރިއަށް ދިޔައިރު، ބްރިޖްގެ ދަށުން ކްރޮއޭޝިޔާގެ ގައުމީ ދިދަ ޖަހާފައިވާ ކުދި އުޅަނދުތައް ބްރިޖްގެ ދަށުން ދުއްވުމުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ބޮޑުވަޒީރު ލީ ކެކިއަންގްގެ ވީޑިއޯ މެސެޖެއް އިއްވުން އޮތެވެ. މެސެޖްގައި ޗައިނާގެ ބޮޑުވަޒީރު ވިދާޅުވީ، މި ބްރިޖަކީ، ޗައިނާއާއި ކްރޮއޭޝިޔާ، ޚާއްސަކޮށް ޗައިނާ-އީޔޫގެ އެކުވެރި ގުޅުން ރަމްޒުކޮށްދޭ ބްރިޖެއް ކަމަށެވެ.

ރަސްމިއްޔާތުގައި ކްރޮއޭޝިޔާގެ ބޮޑުވަޒީރު އެންޑްރޭ ޕްލެންކޮވިޗް ވިދާޅުވީ "މިއަދަކީ ކޮރޮއޭޝިޔާ އެއްބައިވަންތަވި" ދުވަސް ކަމަށެވެ.