އެފްއޭއެމް ދެވަނަ ޑިވިޝަނުގައި ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދާ، ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެ ޓީމުން މުބާރާތުގައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

މިމެޗުގެ ކުރިން ނިއުއިން މުބާރާތުގައި ވަނީ ތިން މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ވަނީ ކުލަބު ޓީނޭޖުގެ މައްޗަށް 1-2 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު އަތުން ނިއު މޮޅުވީ 0-6 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި ނިއުއިން ވަނީ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް "ރަސްވާދަ" މެޗުގައި 1-4 އިން މޮޅުވެފައެވެ.

ދެވަނަ ޑިވިޝަނުގައި މީގެކުރިން ނިއުއިން ކުޅުނު މެޗުތަކެކޭ އެއްފަދައިން ބީޖީއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައިވެސް، މެޗު ބަލަން ނިއުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް ވަދެފައެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ނިއު މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

ނިއުގެ ކުޅުންތެރިންގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީ ނިއުއިންނެވެ. ހާއްސަކޮށް އެހެން މެޗުތަކެކޭ އެއްފަދައިން މިމެޗުގައިވެސް ޓީމުގެ މެދު ތެރެއަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ ވަރުގެ މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނިއުގެ އުޒްބެކިސްތާނު މިޑްފީލްޑަރު ފާރޫގް ޚައިދަރޮވް އާއި އިބްރާހިމް ސިނާހުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްލެވެއެވެ.

މެޗުގައި ނިއުއިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފުރަތަމަ ހާފުގައި މެޗުގެ 33 ވަނަ މިނެޓުގައެވެ. މިއީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިއުގެ އާދަމް ޝަހީމް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ނިއުރޭޑިއަންޓުގެ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މުބާރާތުގައި ކޯފީ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.

ނިއުއާ ބީޖީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މީޑިއާ

މެޗުގައި ނިއުގެ ކުޅުންތެރިން ހުއޓުވުމުގައި ބީޖީގެ ކުޅުންތެރިންގެ މަސައްކަތް ރަނގަޅު ނަމަވެސް، އެޓީމަށް މެޗުގައި ނުރައްކާތެރި މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. ބީޖީން މަދުން ނަމަވެސް މެޗުގައި އުފެއްދި ނުރައްކާތެރި ހަމަލާތަކަށް ނިއުގެ ކީޕަރު މިފްދާދު އަހްމަދު ވަނީ ހުރަސްއަޅާފައެވެ. މުބާރާތުގައި މިހާތަނަސް މިފްދާދު ދައްކާފައިވާ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ. މިމެޗު ހިމަނައިގެން ނިއުއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު ނިއު ކޮޅަށް ޖުމްލަ ވަދެފައިވަނީ ދެލަނޑެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ދެވަނަ ހާފު ފެށިއިރު މިހާފުގައި ނިއުގެ ކުޅުންތެރިން ވަނީ ކުރީކޮޅުގައި ލަނޑެއްޖަހާ ލީޑު ފުޅާކުރަން ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގައި ނިއުއަށް ކާމިޔާބީއެއް ލިބުނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ފާރޫކްގެ އެހީތެރިކަމާއެކު މިލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ލިޔާހް އެވެ.

މި މޮޅާއެކު ނިއުއިން އަނެއްކާވެސް ދެވަނަ ޑިވިޝަނުގައި އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނަ މަގާމަށް ޖެހިލިއިރު މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް 12 ޕޮއިންޓު ވަނީ ހޯދާފައެވެ. ނިއުއިން މި މުބާރާތުގައި މިހާތަތަނަށް 14 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ.

މުބާރާތުގައި ދެން ނިއުރޭޑިއަންޓުން މެޗެއް ކުޅޭނީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުގެ ހަވީރުއެވެ. އެފްއޭއެމް ޓާފް 1 ގައި ކުޅޭ މި މެޗުގައި ނިއުއިން ނުކުންނާނީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ. އަދު ލީގު ބުރުގެ ފަހު މެޗުގައި ނިއުއިން އޮގަސްޓު ފަސްވަނަ ދުވަހު ނުކުންނާނީ އެލްޓީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

ނިއުއިން ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ފުޓުބޯޅައިގެ ރަސްކަމުގެ ތަހުތަށް އިސްވުމަށް ކުރަމުން އަންނަ ދަތުރުގައި ވީޓީވީ އަކީ އެކުލަބުގެ މީޑިއާ ޕާޓްނަރެވެ.