އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރު ހައްޔަރުކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދް ނާޒިމްގެ ދިފާއުގާ ނިކުތުމުން ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ފާޑުކިޔުން ތަކެއް ރައީސް ނަޝީދަށް އަމާޒުވެއްޖެއެވެ.

ޑރ ޖަމީލް މިފަދަ ފާޑުކިޔުތަކެއް އަމާޒު ކުރެއްވީ، ރައީސް ސާލިހް ޓެގް ކުރައްވައި ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރުކޮށްފައިވާ ކަމަށާއި، ނާޒިމް ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުތަކާ ދެކޮޅަށް ކަމަށެވެ. އަދި، އެއީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ރުއްސުމަށް ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޑރ ޖަމީލް ޓްވީޓްގައި ވަނީ، މި މިއްސަލައާއި މެދު ވާހަކަފުޅު ދައްކަވަން މާލަސްވެއްޖެ ކަމަށާ، ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ނާޒިމް ވަނީ، ރައްޔިތުންގެ ފާޑުކިޔުންތަށް އައުމުގެ ކުރިން މިނިވަން ކަންމަތީގައިކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގައި، ޢިލްމުވެރިން ހައްޔަރުކުރި އިރު އެކާމަށް ނަޝީދް ތާއިދު ކޮއްފައިވާއިރު، ނަޝީދް ކޮއްކޮފުޅުގެ ދިފާއުގާ ވާހަކަ ދައްކަވާ، ސަރުކާރުން ނާޒިމް ހައްޔަރުކުރީ ދީނީ ޕާޓީތައް ރުއްސުމަށް ކަމަށް ބުނުމާ ގުޅިގެން ޑރ ޖަމީލް ވަނީ ފާޑުވިދާޅުވެފައެވެ.

މީސްމީޑިއާއަށް ލީކުކޮށްފައިވާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ފުލުހުން މިއަދު ހައްޔަރުކުރަން ފަށާފައިވާއިރު، ރައީސް ނަޝީދު ވަނީ ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ނާޒިމް ސައްތާރު ވަނީ އއ އަތޮޅުގެ ރިސޯޓަކަށް ގޮސްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރިސޯޓުގައި ހުއްޓައެވެ. ނާޒިމް ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް އާއެކު ނާޒިމް ސައްތާރުކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އެ މައްސަލައާއި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ އެހެން މައްސަލައަކާއި ގުޅިގެން ފުލުހުން ވަނީ ޖޫން މަހުގެ 25 ވަނަ ދުވަހު އޭނާ ގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ.

ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކު އަލަމްގިރީގެ ކޮޓަރިއަށް ގޮސްއުޅޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. އަދި، ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ 30 މިނެޓުގެ ދިގު ވީޑިއޯއެއްވެސް އާންމުވެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ހަވީރު މައުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނީ އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށެވެ.

މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.