ޖަރުމަނުގެ މަޖައްލާއެއްކަމަށްވާ ކޮނޮސުއާ ސާކަލް އިން ހޮވާ "ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އެވޯޑު" ރާއްޖެއަށް ލިބިއްޖެއެެވެ.

މިއީ "ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އެވޯޑު" އެވޯޑް ރާއްޖެއަށް ލިބުނު ދެވަނަ ފަހަރެވެ. މި އެވޯޑްގެ އިތުރުންވެސް ކޮނޮސުއާ ސާކަލްއިން ހޮވާ އެހެން އެވޯޑުތަކެއްވެސް ރާއްޖެއަށް ވަނީ ލިބިފައެވެ.

ކޮނޮސުއާ ސާކަލްއާކީ ލަގްޒަރީ ހޮޓަލްތަކާއި ދުނިޔޭގެ އެކި މަތީ ފަންތީގެ މަންޒިލްތަކުގައި ލިބެން ހުންނަ ހިދުމަތްތައް ޖަރުމަނުވިލާތު، ސްވިޓްޒަލޭންޑް އަދި އޮސްޓްރިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް އިޝްތިހާރު ކުރާ މަޖައްލާއެކެވެ.

ކޮނޮސުއާ ސާކަލް އިން ހޮވާ "ބެސްޓް ލަގްޒަރީ ޑެސްޓިނޭޝަން އެވޯޑު" ރާއްޖެއަށް ލިބިފައިވާއިރު، ކޮނޮސުއާ ސާކަލްއާއެކު ރާއްޖެ އިޝްތިހާރުކުރުމަށް ޑިޖިޓަލް މީޑިއާ ކެންޕެއިނެއްވެސް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިފަހުން ވަނީ ފަށާފައެވެ.

މި ކެންޕެއިން ހިންގަމުންދާނީ މި ހިނގާ ޖުލައި މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުވަރީ މަހުގެ ނިޔަލަށެވެ. މި ކެންޕެއިންގެ މައިގަނޑު އަމާޒަކީ މަތީ ފަންތީގެ ޖަރުމަން ބަސް ބޭނުންކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގެ ރީތިކަމާ ހިތްގައިމުކަން ދައްކައި ދިނުންކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނީ، މިކެންޕެއިންގެ ސަބަބުން ގާތްގަނޑަކައް 30،000 ކޮންސިއުމަރުންނަށް ނޫސްލެޓާރގެ ޒަރިއްޔާއިން ފޯރުމަށާއި ކުންފުނީގެ ވެބްސައިޓަށް މަހަކު 21،000 ވިޒިޓް ގެނައުމަށް އުންމީދުކުރާ ކަމަށެވެ. މި ކެންޕެއިންގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ ފޭސްބުކް ފޮލޮވާސް 14،000 އަށް އަރާނެ ކަމަށާއި އިންސްޓަގްރާމް ފޮލޮވާސް 29،500އަށް އަރާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 900،808 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މީގެތެރެއިން 73،118 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޖަރުމަނުންނެވެ.