ފާއިތުވި ޖޫން މަހު ގްރީން ފަންޑުން 38 މަޝްރޫއަކަށް 52 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިފިޔަ މަހު ޖުމްލަ 70،834،704 ރުފިޔާގެ ގްރީން ފަންޑަށް ލިބިފައިވެއެވެ. އޭގެތެރެއިން 51،879 ރުފިޔާ ވަނީ 38 މަޝްރޫއަކަށް ހޭދަކޮށްފައެވެ.

ގްރީން ފަންޑުން ހޭދަކޮށްގެން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރޭގައި އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއާއި، ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއު ހިމެނެއެވެ. މިއީ އެންމެ ބޮޑު ހަރަދެއް ކޮށްފައިވާ 2 މަޝްރޫއެވެ. އެގޮތުން ހަންޏާމީދޫގެ ފެނުގެ މަޝްރޫއަށް 7،2225،829 ރުފިޔާ، މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށް 6،727،343 ރުފިޔާ ހޭދަކޮށްފައިވެއެވެ.

އަދި، މ. ނާލާފުށި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަށް 6،361،769 ރުފިޔާ، ތ. ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަށް 5،495،686 ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެއިތުރުން ނ. ޅޮހި، ރ. ވާދ، ރ. ރަސްގެތީމު، ބ. ހިތާދޫ، އދ. ކުނބުރުދޫ، ތ. ގާދިއްފުށި، ގއ. ކަނޑުހުޅުދޫ، ށ. ކޮމަންޑޫ، ހދ. ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް ގްރީން ފަންޑުން ވަނީ ހޭދަކޮށްފައެވެ. އަދި، ގދ. މަޑަވެއްޔާއި އއ. މަތިވެރި އާއި ގއ. ގަމަނަފުއްޓާއި ރ. އިންނަމާދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތާއި ނ. ހޮޅުދޫ އާއި ތ. ދިޔަމިގިއްޔާއި ފ. ނިލަންދޫ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަށާއި، ހއ. ދިއްދޫ އާއި އދ. ކުނބުރުދޫ އާއި ވ. ރަކީދޫ އާއި ނ. ހެނބަދޫ އާއި ބ. ކެންދޫ އާއި ބ. ދަރަވަންދޫ އަދި ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށްވެސް ގްރީން ފަންޑުން މިދިޔަ މަހު ހޭދަކޮށްފައިވެއެވެ.

ގްރީން ޓެކުހަކީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންނާއި، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުންނަގާ ޓެކުހެކެވެ. ގްރީން ޓެކްސް އެންމެ ފުރަތަމަ ނަގަން ފަށާފައިވަނީ އޮކްޓޯބަރު 2016 އިން ފެށިގެނެވެ.

ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.