ގައުމެއްގައި އަމަން އަމާންކަން ކަށަވަރުވެ ހަމަޖެހުމާއި މަސްލަހަތު ގާއިމްވެ ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެމުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަކަމުގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ހއ.ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމައުގައި ބިނާކުރެވިފައިވާ ޝަރުޢީ އަދި ގާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއް ނަމަ އެމުޖުތަމައަކީ ފުރިހަމަ ފާގަތި އަމާން މުޖުތަމައަކަށް ވެގެންދާނެ ކަމަށާއި، އިންސާނީ މުޖުތަމައެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކާއެކު ބަދަހިކޮށް ބޭއްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ފުރިހަމަ އަދި ޝާމިލް ޤާނޫނެއް އޮތުން ކަމަށެވެ. އެއަށްފަހު ފުރިހަމަކޮށް ވަށާޖެހޭ ގޮތަށް އެގާނޫނު ތަންފީޒު ކުރުން ކަމަށް ޤާނޫނީ ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ.

އަދި، އޭގެ މައްޗަށް އެ މުޖުތަމައެއްގެ އަހުލުވެރިން އަހުލުވެރިވެ ހަރުދަނާ ވުން ކަމަށާއި އެގޮތުން ގައުމުތައް ކުރިއަރައި އިންސާނުންނަށް ރަނގަޅު މަގުދައްކައިދޭ ތަންތަނަށް ވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގައުމުގައި އަމަން އަމާންކަން ކަށަވަރުވެ، ހަމަޖެހުމާ މަސްލަހަތު ޤާއިމްވެ، ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެ މުޖުތަމަޢުއެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަކަމުގެ މައްޗަށް. އޭގެ މައްޗަށް މުޖުތަމަޢު ބިނާކުރެވިފައިވާ ޝަރުޢީ އަދި ޤާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ އެ މުޖުތަމައު އަކީ ފުރިހަމަ ފާގަތި މުޖުތަމައެއް.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްކުށަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.

އެކަމަށް ހައްލެއް ގެނައުމަށްޓަކައި 2019 އިން ފެށިގެން ކުރައްވަމުން އަންނަ މަސައްކަތް، އެއް މަސައްކަތުގެ މައްޗަށް އަނެއް މަސައްކަތް ބިނާކުރަމުން ތަރުތީބު ކުރަމުން އައިސް ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކަޑައްތު ކުރާނެ މަރުހަލާތަކުގެ ތެރެއިން ގާތްގަނޑަކަށް ހަތަރުވަނަ މަރުހަލާގެ ގޮތުގައި ބިނާ ކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅިގެންދާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން، ހޯރަފުށީގައި މިއަދު ބިންގާ އެޅިގެންދިޔަ ހާފްވޭ ހައުސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީ ކޮޅު ނިމިގެންދާނެ ކަމަށާއި އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ ހިސާބު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ ވަރަށް ގިނަކަންކަން ފެއިލް ވެގެން. ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ހިފަހައްޓަންޖެހޭ ފަރުދީ އަދި ގާނޫނީ ހަމަތަކެއް ހުންނާނެ. އިންސާނާ އޭނަގެ އުމުރުގެ ތަފާތު ހާލަތްތަކުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން އޭނަގެ އަމިއްލަ ނަފްސު ހަމަތަކުގައި ނުހިފެހެއްޓި ފެއިލްވެއްޖެއްޔާ ފުރަތަމަ ލެވެލް ފަހަނައަޅައި ދިޔައީ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ މިއަދު ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހޯރަފުށީގައި ގާއިމް ކުރުމަށްޓަކައި މިއަދު ބިންގާ އެޅުނު ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.

ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.