ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހ ފުލުހުންގެ ހިދުމަތައް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ، ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލަން ގޮވާލައި، ޕީޕީއެމް އިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ކަންތައްތައް ކުރި ގޮތާ މެދު ހިންހަމަނުޖެހިގެންނެވެ.

މި މައްސަލައާ ގުޅިގެން ޝުޖާއު ފުލުހުން ޓެގްކުރައްވާ ކުރެއްވި ޓްވީޓްގައި ވަނީ، މާތްاللهގެ ވާގިފުޅާއެކު ރައީސް ޔާމިން ކުރައްވާ ވެރިކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތައް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

އަދި މިއަދު މިފެންނަނީ ދިވެހި ފުލުހުން ލައްވައި ރައްޔިތުންނާ ދޭތެރޭ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މަންޒަރު ކަމަށް ޝުޖާއު ވިދާޅުވެއެވެ.

ޕީޕީއެމް އިން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފާއިވާއިރު، ހައްޔަރުކުރީ ކިތައް މީހުން ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ޕީޕީއެމް އޮފީސް ކައިރީގައި ރޭ 21:00 ކަންހާއިރު މުޒާހަރާ ފެށުމާއިއެކު ފުލުހުންގެ ފައުޖެއް ވަނީ މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ވަދެގަނެ އެތަނުގައި ހުރި ސްޓޭޖް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ސްޓޭޖް ގެންދިއުމުން މުޒާހަރާގެ ބައިވެރިން ހޫނުވެ، ފުލުހުންނާއި ކުރިމަތިލާފައިވެއެވެ. ފުލުހުން ވަނީ އެމީހުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ.

މުޒާހަރާ ކުރިއަށް ދިޔައީ ގިނަ އަދަދެއްގެ އެސްއޯ ފުލުހުން މުޒާހަރާ ކުރާ މީހުން ވަށައިގެން ޝީލްޑާއިއެކު އެތުރިގެން ތިއްބައެވެ.

އަދި ފުލުހުން ވަނީ މުޒާހަރާ ކުރި މީހުން ކުރިއަށް ޖެހެން މަސައްކަތް ކުރުމުން ޕެޕަ ސްޕްރޭ ޖަހައި، އޭގެ އިތުރަށް ވެސް ބާރުގެ ބޭނުން ކޮށްފައެވެ.

މުޒާހަރާގައި ބައިވެރިވަމުންދާ އަންހެނުން ދުރަށް ޖެއްސުމުގައި ފިރިހެން ފުލުހުން ބާރުގެ ބޭނުންކޮށް އަންހެނުންނާއި ކުރިމަތިލަމުންދިޔަ މަންޒަރު ފެނިފައި ވެއެވެ.

ސުޖާއުގެ ޓްވީޓަށް ރައްދުދީ ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވަނީ ޓްވީޓް ކުރައްވާފައެވެ. މި ޓްވީޓުގައި ވަނީ ރައީސް ޔާމިނުގެ ވެރިކަމުގައި ފުލުހުންގެ ޚިދުމަތް ބޭނުންކުރައްވާފަވަނީ މީހުން ފުރޭމް ކުރުމަށާއި ޤާނޫނީ އިމުން ބޭރުން މީހުން ހިފާ ހައްޔަރުކުރުމުގައި ކަމަށެވެ.

އަދި މުޅި މުއައްސަސާ އޮތީ ބޮއްސުންލާފަ ކަމަށް ރިޔާޒްް ވިދާޅުވިއެވެ.

މީގެ އިތުރުން ރައިސް ޔާމީންގެ ދައުރުގައި ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކޮށްދެއްވި ކަމެއްނެތް ކަމަށާ ދެވަނަ ދައުރެއް ޔާމިނަށް ދީފިނަމަ އަނިޔާވެރިކަން އިތުރުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.