މިއަދު ފެނިގެންދަނީ ގާނޫނީ ވެރިކަމެއް ނެގެހެއްޓުމަށްޓަކައި ރައީސް ސާލިހް މަސައްކަތް ކުރައްވާ މަންޒަރު ކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހް ވެރިކަމަށް ވަޑައިގަތީ ގާނޫނީ ވެރިކަމެއް ކުރަން ވައުދުވެ ވަޑައިގެން ކަމަށާއި ވަކި މީހެއް ތަފާތުނުކޮށް އެންމެނަށް ހަމަހަމަ ކަންމަތީ ގާނޫނު ހިންގުމަށް ކަމަށެވެ.

މިހާރު ފެނިގެންދަނީ ކުށެއް ކުރީ ކޮއްކޮތޯ ނުވަތަ އެމްޑީޕީ މެމްބަރެއްތޯ އަދި ކޯލިޝަން ބައިވެރިއެއްތޯ ބެލުމެއް ނެތި ރައީސް ސާލިހް ގާނޫނު ހިންގާ ތަން ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

މިއީ ގާނޫނީ ވެރިކަމެއް. ގާނޫނީ ވެރިކަން ނެގެހެއްޓުމަކީ ރައީސްގެ ޒިންމާއެއް. އެކަން މިއަދު އެކުރައްވަނީ."
ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސައުދުﷲ އަހުމަދު

ސައުދު ވިދާޅުވީ ލިވާތު އެންމެން ހިފާ ހައްޔަރުކޮށް މިލޮބުވެރި ވަތަން ސާފުކުރަން ޖެހޭ ކަމަށާއި ފިތުނަ އުފައްދައިގެން ބައިބައި ނުވާނެ ކަމަށެވެ.

ސައުދު މިހެން ވިދާޅުވެފައިމިވަނީ އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ފުލުހުން ހައްޔަރު ކުރުމުން ރައީސް ނަޝީދު އެކަމާ ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތާއި ހިލާފަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރީ ސަރުކާރު ކޯލިޝަންގައި ތިއްބެވި "ހަރުކަށި ފިކުރުގެ" ބޭފުޅުން ހިތްހަމަޖައްސަން ކަމަށެވެ.