ހިޖްރައިގެ ޒިކުރާ އައުކުރާއިރު، އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، ހިތްތަކުގައިވާ އިސްލާމް ދީނުގެ މަތިވެރި އަގީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާގާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖުރީ އައު އަހަރު ފެށުމުގެ މުނާޞަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަޙުނިޔާގެ ޚިޠާބުގައެވެ.

މިފެށުނު 1444 ވަނަ އަހަރުގެ މުނާޞަބާގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ތަޙުނިޔާ ފޮނުއްވާ ރައީސް ޞާލިހް ދެއްވި ޚިޠާބުގައި ވިދާޅުވީ ހިޖުރައިގެ ޒިކުރާއާ ގުޅިފައިވާ ސަނަތެއްގެ ފެށުން، ހަނދާނަށް ގެނެސްދެނީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ނަބަވީ ހިޖުރައިން އިންސާނީ ތާރީޚަށް ގެނުވި އިންޤިލާބީ ބަދަލުތައްކަމަށާއި، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ސަބަބުން އިންސާނީ ޙަޔާތް އާރާސްތުވެގެން ދިޔަ ގޮތާއި، އިސްލާމީ ހިދާޔަތުން އިންސާނީ ޙަޔާތް އުޖާލާވެގެން ދިޔަ ގޮތްކަމަށެވެ.

މިފަދަ ޒިކުރާތައް އައުކުރާ އިރު، ޢަޒުމަކަށް ހަދަންވީ، ހިޖުރައިގެ މަތިވެރި ޒިކުރާއިން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން ޙަޔާތުގެ އާބާތުރަ ފިލުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ، ހިޖުރައިގެ މަތިވެރި ދަތުރުފުޅާ ވިދިގެން އުފަންވި އިސްލާމީ އުންމަތް، އޭރު ދުނިޔޭގައި އޮތް އެހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދި ގޮތަކީ، ދައުލަތެއް ކުރިއަރައި ދިއުމަށް ބޭނުންވާނެ އެންމެހައި ސިފަތަކާއި ނަމޫނާތައް ދައްކައިދޭ ވަރަށް އަގުހުރި މިސާލުތަކެއް ކަމަށެވެ.

ހިޖްރައިގެ މަތިވެރި ދަތުރުފުޅާ ވިދިގެން އުފަންވި އިސްލާމީ އުންމަތް، އޭރު ދުނިޔޭގައި އޮތް އެހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދި ގޮތަކީ، ދައުލަތެއް ކުރިއަރައި ދިއުމަށް ބޭނުންވާނެ އެންމެހައި ސިފަތަކާއި ނަމޫނާތައް ދައްކައިދޭ ވަރަށް އަގުހުރި މިސާލުތަކެއް. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް، ހަމަ ކޮންމެ ބަޔަކުވެސް ނަމޫނާއަކަށް ބަލަންވީ ފުރިހަމަ މިސާލުތަކެއް. ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައި ވިޔަސް، ތަހުޛީބާއި ތަމައްދުނުގެ މައިދާނުގައި ކުރިއަރައިދާން އެދޭ ބަޔަކަށް ފެންނާނެ އެންމެ ރީތި މިސާލުތައް، އިސްލާމީ އުންމަތް އުފެދި ކުރިއަރައިގެން އައި ގޮތުގައި އެކުލެވިފައިވޭ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

އަދި އެއީ އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް، ހަމަ ކޮންމެ ބަޔަކުވެސް ނަމޫނާއަކަށް ބަލަންވީ ފުރިހަމަ މިސާލުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ މުހިންމު ކަމަކީ އިންސާނުންގެ މެދުގައި އޮންނަންވީ ގުޅުމުގެ ބަދަހިކަން އާލާކުރުންކަން ފާހަގަކުރައްވާ ރައީސް ވަނީ ވެރިންނާއި ރައްޔިތުންނާ ދެމެދުގައި އޮންނަންވީ ގުޅުމާއި، ދައުލަތުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި، ދޭދޭ ރައްޔިތުންގެ މެދުގައި ހަރުދަނާ ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން، ނަބަވީ ތާރީޚުގެ ޞަފްޙާތަކުން ފެންނަން ހުރިކަން ފާހަގަކުރައްވާފައެވެ.

ހަމައެފަދައިން ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި، މުޖުތަމަޢުގެ ތެރޭގައި ރައްޔިތުން އަދާކުރަންޖެހޭ މުހިންމު ދައުރުވެސް، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތް ކަމަށްވެސް ރައީސްގެ ޚިތާބުގައިވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައި ވިޔަސް، ތަހުޒީބާއި ތަމައްދުންގެ މައިދާނުގައި ކުރިއަރައިދާން އެދޭ ބަޔަކަށް ފެންނާނެ އެންމެ ރީތި މިސާލުތައް، އިސްލާމީ އުންމަތް އުފެދި ކުރިއަރައިގެން އައި ގޮތުގައި އެކުލެވިފައިވާ ކަމަށެވެ.