ދިވެހިރާއްޖޭގެ ގާނޫނޫ ހަދާ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެއްވުމުން އެކަން ތަހުގީގުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އަންހެނަކާއެކު ބަދުއަޚުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުތަކެއްގެ ސްކްރީންޝޮޓް މީސްމީޑިއާގައި އާންމުވެފައިވާއިރު، ރައީސް ނަޝީދު ވަނީ ހިތްޕުޅުހަމަޖެހިވަޑައިނުގެން ރައީސަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު އެކަނި ހައްޔަރުކުރެއްވީ ކީއްވެތޯ ރައީސް ސާލިހް އަރިހުން އައްސަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އަދި، ރައީސް އަންހެނަކާއެކު ބަދުއަހްލާގީ އަމަލު ހިންގާ ހަތަރު ފޮޓޯއެއް އެމަނިކުފާނަށް މީހަކު ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިވާހަކަތަކާއި ގުޅިގެން މެމްބަރު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް، ޔަގީން ކަމާއެކު ދިވެހިރާއްޖޭގެ ވަލިއްޔިލްޢަމުރުގެ މައްޗަށް، އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ފާހިޝް އަމަލެއް ކުރެއްވިކަމުގެ ހެކި ހުރިކަމަށް ވިދާޅުވީމާ އެ މައްސަލަ ތަހުގީގުކުރަންޖެހޭ ކަމަށެވެ.

މެމްބަރު ޝިޔާމް ވަނީ ހޯމް މިނިސްޓްރ އިމްރާން އަބްދުﷲ ފުލުހުން މެދުވެރިކޮށް އެމައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލާފައެވެ.

ރައީސް ނަޝީދުގެ މި މެސެޖުތަކާއެކު އެމްޑީޕީ ތެރޭގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި ގައުމުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.