ފާހިޝް އަމަލުތައް ފަތުރައި މުޅި ދައުލަތުގެ އަގު ވައްޓާލާނަމަ އާންމު ފަރުދުން މާދަމާ ދައްކަންޖެހޭ އަގު ބޮޑުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަމީން މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙްގެ މައްޗަށް ތުހުމަތުތަކެއް ކުރައްވައި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއް އާންމުވުމާއި ގުޅިގެންނެވެ.
މިފަހުން މީސްމީޑިއާއަށް ލީކުވި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގައި ސިޔާސީ ގޮތުން ފުންނާބު އުސް ބައެއް ބޭފުޅުން ކަމަށް ތުހުމަތުކުރެވޭ ބޭފުޅުން ފެންނައިރު، އެކަމާ ގުޅިގެން ގައުމުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި އާންމު ރައްޔިތުންގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދި ސަރުކާރަށް ނުރުހުން އަމާޒުވެފައެވެ.
އެކަމާއި ގުޅިގެން އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ އިސްވެރިންގެ މެދުގައި ފެތުރިފައިހުރި ކަމަށް އެމީހުން އަމިއްލައަށް އިޝްތިހާރުކުރާ ލަދުވެތި އަމަލުތަކާއި ފަތުރަމުންދާ ހަސަދައިން ލޯހުޅުވާލަން ނުކެރޭ ހިސާބަށް ކަންކަން ދުއްވާލާފައިވާކަމަށެވެ.
އަދި، އެބީދައިން އަމަލުކޮށް މުޅި ދައުލަތުގެ އަގު ވައްޓާލާނަމަ އާންމު ފަރުދުން މާދަމާ ދައްކަންޖެހޭ އަގު ބޮޑުވާނެ ކަމަށެވެ.
ދިވެހި ގައުމަކީ އެންމެ މީހެއްގެ ނުވަތަ ވަކި ބައެއްގެ މިލްކެއް ނޫންކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، މިގައުމަކީ މިއަދާއި މާދަމާގެ ޖީލްތަކުގެވެސް ހައްގެއް ކަމަށެވެ. މީގެއިތުރުން، ޒާތީ ތައައްސުބާއި އަމިއްލަ އެދުމުގައި ދީނާއި ދައުލަތުގެ ނިޒާމްތަކާއި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި އަގުތަކާއި އިޖްތިމާއީ ފޭރާން ގުރުބާން ނުކުރެވޭނެ ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ އެއަށްފަހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ރައީސް ސާލިހްއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާއިރު، އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންވެސް ގެންދަވޏި އެކަމާ ނުރުހުން ފާޅުކުރައްވަމުންނެވެ.