އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަލީ ނަސީރުގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހެއް އެހެން ފިރިހެނަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

އެމައްސަލާގައި ނަސީރު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ އެމައްސަލާގައި ހައްޔަރުކޮށްފައިވާ އުމުރުން 28 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހާދީފައިވާ ކަމަށެވެ.

ނަސީރު ކަމަށް ތުހުމަތުކުރެވޭ މީހަކު އެހެން ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ ނަސީރު އާއި އެކީ އެއްޖިންސުން ގުޅުން ހިންގާފައިވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކަމަށް ބުނެފައެވެ. ނަމަވެސް އެވާހަކަތައް ދޮގުކޮށް، ބައެއް މީޑިއާތަކުން އެޚަބަރު އެގޮތަށް ގެނެސްދިނުމާއި ގުޅިގެން މެމްބަރު ސަލީމް ވަނީ އަބުރުގެ ދައުވާ ވެސް ކޮށްފައެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.

ޖޫން މަހުގެ 24 ވަނަ ދުވަހު އެންމެ ފުރަތަމަ ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައިވަނީ މަޝްހޫރު ގާނޫނީ ވަކީލް އަދި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުކަމަށް ތުހުމަތުކުރެވޭ މީހެކެވެ. ނާޒިމް ސައްތާރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްވެސް ވަނީ ލީކްވެފައެވެ.

މީސްމީޑިއާގައި އެންމެ ފަހުން އާންމުވެފައި ވަނީ ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކު އަލަގިރީގެ ކޮޓަރިއަށް ގޮސްއުޅޭ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އަދި، ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ 30 މިނެޓުގެ ދިގު ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.

މި މައްސަލާގައި އަލަމްގީރްގެ އިތުރުން ނާޒިމް ސައްތާރާއި، ކާނަލް، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު ވެސް ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ. އެ އެންމެންނަށް ވެސް ކޯޓުން މިހާރު ވަނީ މުއްދަތު ޖަހާފައެވެ.