އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތުތަކެއް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އިސަތަށިފުޅުގައި އެޅުވުން އެއީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަން ކުށްވެރިކުރާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ރައީސް ޞާލިޙް އާއި ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެން، ޖުމްހޫރީ ޕާޓީން މިކަމުގައި ދެކޭގޮތް ހާމަކުރައްވާ ވީނިއުސް އަށް މައުލޫމާތުދެއްވަމުން އެ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، ރައީސްގެ ބޮލުގައި ރައީސް ނަޝީދު އަޅުއްވާފައިވާ ތުހުމަތުތައް، ރަސްމީ ނިޒާމުގެ ތެރެއިން އެކަން އޮންނަގޮތުގެ މަތީން އެމަނިކުފާނު ދޮގުކުރައްވާފައިވާ ކަމަށާއި، އެހެންކަމުން ޖުމްހޫރީ ޕާޓީން ދެކޭގޮތުގައި މިކަމުގެ ހަގީގަތް މިވަނީ ސާފުވެފަ ކަމަށެވެ. އަދި ރައީސް ޞާލިޙް އަކީ އުސޫލުތަކުގެ ތެރެއިން ކަންކުރައްވާނެ ބޭފުޅެއް ކަމަށާއި، ބައެއް ފަރާތްތަކުން ދޭދޭ ފަރާތްތަކުގެ މެދުގައި ދެކެވޭ ވާހަކައެއްގެ ބީދައިން މީސްމީޑިއާގެ މަންސަތަކުގައި މިފަދަ ވާހަކަތަކެއް ދެއްކެވިޔަސް، ރައީސް ޞާލިޙް އެގޮތަށް ކަންކުރައްވާ މިފަދަ ވާހަކަތަކަށް ރައްދު ނުދެއްވާނެކަން އަލީ ޞާލިޙް ފާހަގަކުރެއްވިއެވެ.

"ގިނަ ބައެއްގެ ސަމާލުކަން މިވަނީ ރައީސް ޞާލިޙް އާއި ގުޅުވައިގެން އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދު ދެއްކެވިކަމަށް ބުނާ ވާހަކަތަކަކަށް ހުއްޓިފަ. ރައީސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިވަނީ އެކަމުގެ ހަގީގަތް ހާމަކޮށްދެއްވާ މި ތުހުމަތުތައް ދޮގުކުރައްވާފަ. އެހެންކަމުން ޖުމްހޫރީ ޕާޓީން ދެކޭގޮތުގައި މިކަމުގެ ހަގީގަތް މިވަނީ ހާމަވެފަ. ދެން ރައީސްގެ އިސްތަށިފުޅުގަ އަޅުވާފަ އެދެއްކެވި ވާހަކަތައް މިއީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން. ރައީސްގެ މަގާމުގަ ހުންނަވާ ބޭފުޅަކު މިފަދަ ކަންކަމާވެގެން އުޅުއްވާނީކީ ޓުވިޓާގައި މަޖާކުރަން ނޫނީ ސަކަރާތްޖަހަން އުޅުއްވާ ބޭފުޅުން ކަންކުރައްވާ އުސޫލަކުން ނޫން. ރައީސް އެކަން ކުރައްވާނީ ވަރަށް ބޮޑަށް އެކަމަކީ ކިހާވަރެއްގެ ކަމެއްކަން އެނގިގެން. ޓުވިޓާގައި ދޭދޭ ފަރުދުންގެ ދެމެދުގަ ކުރާ ޒުވާބެއްހެން ކަން ކުރައްވާކަށް ރައީސް ނޫޅުއްވާނެ. އެކަން އޮންނަ ހަމަތަކަކާއި އުސޫލެއްގެ ތެރެއިން ރަސްމީ ނިޒާމުގެ ތެރެއިން ރައީސް އެވަނީ ތަރުޖަމާނު މެދުވެރިކުރައްވާ އެކަން ދޮޮގުކުރައްވާފަ".
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް

އަލީ ޞާލިޙް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު ވާންވާނީ އެހެން ފަރާތްތަކަށް މިސާލު ދައްކަވާ ބޭފުޅެއް ކަމުގައި ކަމަށެވެ. އަދި ރައީސްގެ އިސްތަށިފުޅުގައި އަޅުއްވާފައިވާ ތުހުމަތުތަކަށް ބާރުދޭ ހެއްކެއް ނުވަތަ ރައީސް ނަޝީދު އިޝާރާތްކުރެއްވިފަދަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއްވެސް ހުރިނަމަ، އެ ހެކިތައް ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން އޮންނަ އުސޫލުތަކުގެ ތެރެއިން ކުރުމަކީ ޖުމްހޫރީ ޕާޓީން، ކަންކަން އޮންނަން ޖެހޭނެކަމަށް ގަބޫލުކުރާ ގޮތްކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުރެގެން ރައީސް ނަޝީދު ތަހުގީގީ އިދާރާތަކުން ކުރަމުންދާ ތަހުގީގުތަކަށް ހުރަސް އެޅޭނެހެން އަމަލުތައް ގެންގުޅުއްވުމަކީ ޖޭޕީން ބަލައިގަންނާނެކަމެއް ނޫންކަމަށްވެސް އަލީ ޞާލިޙް ވިދާޅުވިއެވެ.

"އެއްޗެއް ހުރިނަމަ، އެ އެއްޗެއް ހުރިތަނަކުން އެ އެއްޗެއް އޮންނަ ރަސްމީ ނިޒާމުގެ ތެރެއަށް ވައްދައިގެން އެކަމެއް ކުރަންވީ. އެއްވެސް ފަރާތަކުން އެއްވެސް ތަހުގީގަކަށް ހުރަސް އަޅައިގެން މަސައްކަތްކުރުމަކަށް ޖޭޕީއަކުން ނޭދޭ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު ވާންވާނީ އެހެން މީހުންނަށް ނަމޫނާ ދައްކަދޭ ފަރާތަކަށް. ކަންކަން އޮންނަން ޖެހޭ އުސޫލުން އެކަންތައްތައް ކުރުމަކީ ޖޭޕީން ގަބޫލުކުރާ އުސޫލު. ޖޭޕީން ގަބޫލުކުރާ ގޮތް".
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް

އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުލްސައްތާރު ހައްޔަރުކުރުމާ ގުޅިގެން، ޖަޒުބާތުގައި ޖެހިވަޑައިގެން ރައީސް ނަޝީދު ވަނީ، ގައުމެއްގެ ޒިންމާދާރު މަގާމެއްގައި ހުރި ބޭފުޅެއްގެ ފަރާތުން ފެނިގެން ނުވާނެފަދަ ދަށުދަރަޖައިގެ ކަންތައްތަކެއް ކުރައްވާފައެވެ. އެގޮތުން ނާޒިމް ހައްޔަރުކުރީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ރުއްސުމަށް ސިޔާސީ މަގްސަދެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެއަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިހް އަންހެނަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުހަށް ހުށަހަޅަންވީތޯ އައްސަވާ އިންޒާރުދެއްވާފައެވެ. މިވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ނުރުހުމާއި ފާޑުކިޔުން ރައީސް ނަޝީދަށް ވަނީ އަމާޒުވެފައެވެ. ގިނަބަޔަކު ތުހުމަތުކުރާ ގޮތުގައި ރައީސް ނަޝީދުގެ މި ވާހަކަތަކަކީ ކޮއްކޯފުޅު ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން އެކަމުން ނާޒިމް ބަރީޢަ ކުރުމަށްޓަކައި ރައީސް ނަޝީދު ދައްކަވާ ވާހަކަތަކެކެވެ.

އަލީ ޞާލިޙް ވިދާޅުވީ، މިފަދައިިން ތަހުގީގުތަކަށް ހުރަސްއަޅަން އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކީ ޖުމްހޫރީ ޕާޓީން އެކަން ކުށްވެރިކުރާނެ ކަމެއް ކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އިސްކުރައްވާ، ރައީސް ނަޝީދު މިފަދައިން އަމަލުކުރެއްވުން ބަލައިނުގަނެވޭނެކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ. މީގެއިތުރުން މިފަހުން އާންމުވެގެން މިއުޅޭ ބަދުއަޚްލާގީ މައްސަލަތައް ބެލުމުގައި ސަރުކާރުންވެސް އަދި ކަމާބެހޭ މުއައްސަސާތަކުންވެސް އެއްވެސް ފަރާތަކަށް ދޫނުދީ، އަދުލުވެރިކަމާ އިންސާފުވެރިކަމާއެކު މި މައްސަލަ ބަލައިދިނުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސް އެދިވަޑައިގެންފައިވާކަން އަލީ ޞާލިހް ފާހަގަކުރެއްވިއެވެ. އަދި ވަކި ބޭފުޅެއްގެ މަސްލަހަތު އޮވެގެން ނުވަތަ ވަކި ބޭފުޅަކު ވިދާޅުވާ ގޮތެއްގެ މައްޗަށް ބިނާކޮށް، އިންސާފުން ބޭރުން ކަންކަން ނުކުރެއްވުމަށް، ސަރުކާރުގެ ކިބައިން ޤާސިމް އެދިވަޑައިގެންފައިވާކަން ފާހަގަކުރެއްވިއެވެ. ނިޒާމުގެ ތެރެއިން، އުސޫލާއި ހަމައިގެ ތެރެއިން ކަންކަން ގެންދިއުމަށް ޖޭޕީން ގޮވާލާ ކަމަށާއި، ނިޒާމު ފުނޑުފުނޑު ކޮށްލަން ބަޔަކު ކުރަމުންދާ މަސައްކަތް ޖޭޕީން ކުށްވެރިކުރާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ވަކީލު ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ނާޒިމް ހައްޔަރުކުރުމަށް ކޯޓުން އަމުރުނެރުނުއިރު އޭނާ ރިސޯޓެއްގައި ފިލާއޮތްއިރު، ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންގޮސްފައިވަނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ކޯޓުން ވަނީ ނާޒިމްގެ ބަންދަށް 10 ދުވަސް ޖަހާދީފައެވެ.

ރައީސް ޞާލިޙް އާއި ގުޅުވައިގެން ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެން، އާންމު ރައްޔިތުންނާއި ސިޔާސީ ލީޑަރުންވެސް ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރަމުން ގެންދާއިރު، މިކަމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި އަނެއްކާވެސް މިވަނީ ހުޅު ރޯވެ، އަރާރުންވުން އުފެދިފައެވެ. އެންމެފަހުން އެމްޑީޕީގެ އެތެރޭގައި މިފަދަ ކަންތައްތަކެއް ހިނގާފައިވަނީ ޕާޓީގެ ޗެއާޕާސަން އިންތިޚާބު ކުރުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިންގެ ތެރެއިންނެވެ. އިންތިޚާބުގެ ތެރެއިން ރައީސް ޞާލިޙްގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެއް އުފެދިގެން ދިޔައިރު، ދެ ފެކްޝަނުންވެސް ވަނީ އިދިކޮޅު ފެކްޝަންގައި ނަގާކިޔާ އުޅޭ ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.