މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، (އެސްޓީއޯ)އަށް 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް 4.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެކުންފުނިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރުވެފައިވުންކަމަށެވެ.

އެސްޓީއޯއަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، އެކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާއި އާޅާބަލާއިރު 11 މިލިއަން ރުފިޔާ ދަށްވެފައެވެ. މިއީ 2 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން އިތުރުކޮށްފައި ނުވުންކަަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ދަށްވިކަމުގައި ވީނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 217 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މި ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާއަކީ 188 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އާޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މީގެއިތުރުން އެސްޓީއޯގެ ސަބްސިޑަރީތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓް ވަނީ އޭގެ ކުރީ ކުއާޓަރާއި އާޅާބަލާއިރު، 10 އިންސައްތަ ދަށްވެފައެވެ. ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 155 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ އަހަރާއި އާޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.