- އެފްރިކާއިން ބޭރުން ފުރަތަމަ މަރުތައް ސްޕެއިނުން
މަންކީޕޮކްސް ބަލީގައި ޔޫރަޕުން އިތުރު މީހުން މަރުވާނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ ޔޫރަޕް އޮފީހުން ލަފާކޮށްފިއެވެ.
ޑަބްލިޔުއެޗްއޯގެ ޔޫރަޕް އޮފީހުން މިގޮތަށް ލަފާކޮށްފައިވަނީ، މަންކީޕޮކްސް ބަލީގައި ޔޫރަޕުން ފުރަތަމަ ފަހަރަށް މީހުން މަރުވުމާ ގުޅިގެންނެވެ.
މަންކީޕޮކްސް ބަލީގައި އިއްޔެއާ ހަމައަށް ދުނިޔެއިން މަރުވެފައިވާ 5 މީހުންވެސް މަރުވެފައިވަނި އެފްރިކާ ބައްރުންނެވެ. އެހެންކަމުން، ޔޫރަޕުން ބަޔަކު މަރުވުން ވެގެންގޮސްފައިވަނީ އެފްރިކާއިން ބޭރުން މަންކީޕޮކްސް ބަލީގައި ބަޔަކު މަރުވި ފުރަތަމަ ފަހަރަށެވެ.
މަންކީޕޮކްސް ބައްޔާ ގުޅުންހުރި މީހަކު އިއްޔެ މަރުވި ކަމަށް ސްޕެއިނުން ރިޕޯޓްކުރުމަށްފަހު، ދެވަނަ މީހަކު މިއަދު މަރުވެފައިވާ ކަމަށް ސްޕެއިންގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައި ވެއެވެ. މަންކީޕޮކްސް ބަލީގައި ބްރެޒީލުންވެސް މީހަކު މަރުވެފައިވެއެވެ.
ދުނިޔޭގައި މިހާރު މަންކީޕޮކްސް ހަލުވި ކަމާއެކު ފެތުރެމުންދާއިރު، އެންމެ ބާރަށް މިބަލި ފެތުރެމުންދަނީ ޔޫރަޕްގެ ގައުމުތަކުގައެވެ.
މިކަމާހެދި، ޑަބްލިޔުއެޗްއޯ ޔޫރަޕް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫރަޕްގައި ބަލި ފެތުރެމުންދާ ބާރުމިނަށް ބަލާއިރު، އިތުރު މީހުން މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޑަބްލިޔުއެޗްއޯ ޔޫރަޕް އޮފީހުގެ ސީނިއަރ އިމަޖެންސީ އޮފިސަރ ކެތަރިން ސްމޯލްވުޑް ވިދާޅުވީ، މަންކީޕޮކްސް ފެތުރުން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅައި، އައުބްރޭކް ހުއްޓުވަންޖެހޭ ކަމަށެވެ.
މަންކީޕޮކްސްޖެހޭ ގިނަމީހުން ފަރުވާއަކާ ނުލައި ބަލިން ފަސޭހަވި ނަމަވެސް، ބަލިޖެހޭ ބައެއް މީހުން ހާލަތު ވަރަށް ގޯސްވެގެންދާކަން ކެތަރިން ފާހަގަކުރައްވާފައި ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ބުނާގޮތުން މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 18،000 އަށްވުރެ ގިނަ މީހުންނަށް މަންކީޕޮކްސް ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ޔޫރަޕުންނެވެ.
މަންކީޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ނުވަތަ ގްލޯބަލް ހެލްތު އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައި އިއުލާންކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.
ގްލޯބަލް ހެލްތު އިމަޖެންސީއަކީ ޑަބްލިޔުއެޗްއޯގެ އެންމެމަތީ އެލަޓް ލެވެލްއެވެ.
ގްލޯބަލް ހެލްތު އިމަޖެންސީ އިއުލާން ކުރައްވަމުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވެފައިވަނީ، މަންކީޕޮކްސްއަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ފެތުރެމުންދާ ބައްޔެއް ކަމުންނާއި، ޚާއްސަކޮށް ގިނަމީހުންނާ ގުޅުންހިންގާ މީހުންނަށް ޖެހެމުންދާ ބައްޔެއްކަމުން، ހަރުދަނާ ސިޔާސަތުތަކާއެކު، އެފަދަ ގުޅުންތައް ހިންގާ މީހުންނަށް އަމާޒުކޮށް ގައުމުތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިއީ، ހުއްޓުވިދާނެ ބައްޔެއް ކަމަށެވެ.