ޗައިނާގެ އަސްކަރީ މަނަވަރެއް ސްރީލަންކާއަށް އަންނަން އުޅޭތީ އެކަމާ އިންޑިއާ ކަންބޮޑުވާން ނުޖެހޭ ކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.

ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ޗައިނާއިން މެރިޓައިމް ހަރަކާތްތައް ހިންގަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެއީ ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ހުރަސްއަޅަން ބަޔަކު މަސައްކަތް ނުކުރާނޭ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

ޗައިނާގެ އަސްކަރީ މަނަވަރެއް ސްރީލަންކާއަށް އަންނަން އުޅޭކަމުގެ ރިޕޯޓާއެކު އިންޑިއާއިން އިއްޔެވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ، ޗައިނާ އަސްކަރީ މަނަވަރުގެ ދަތުރު އިންޑިއާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ހަމަ އެއާއެކު، އިންޑިއާގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތު އިންޑިއާއިން ހިމާޔަތް ކުރާނޭ ކަމުގެ ޔަގީންކަންވެސް ތަރުޖަމާނު ދެއްވިއެވެ.

އިންޑިއާ ސަރުކާރުން މިހާރުވަނީ، މިކަމުގެ ޝަކުވާ އަނގަބަހުން ސްރީލަންކާ ސަރުކާރަށް ހުށަހަޅާފައެވެ.

ސްރީލަންކާއަށް އަންނަން އުޅެނީ ޗައިނާ އަސްކަރިއްޔާގެ "ޔުއާން ވަންގް 5" ނަމަކަށްކިޔާ މަނަވަރެކެވެ. މިއީ، ސެޓެލައިޓާއި، ރޮކެޓް އަދި އިންޓަރނޭޝަނަލް ބެލިސްޓިކް މިސައިލްތަކުގެ ހަރަކާތްތައް ޖައްވުމުގެ ތެރެއިން ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ.

މި މަނަވަރު ސްރީލަންކާގައި ހަފްތާއެއް ހޭދަކުރުމަށް ހަމަޖެހިފައިވެއެވެ. ސްރީލަންކާގެ އިތުރުން، އުތުރުހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮގަސްޓްމަހާއި ސެޕްޓެމްބަރުމަހުގެ ތެރޭގައި ރިސާޗްތަކެއް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ އެންމެ ކަންބޮޑުވަނީ، އިންޑިއާއާ އެންމެ އަވަށްޓެރި ގައުމުގައި ޗައިނާއިން ބިނާކޮށް އަދި ޗައިނާއަށް ކުއްޔަށް ދީފައިވާ ހަމްބަންޓޯޓާ ބިޔަ ކަނޑުގެ ބަނދަރު، ޗައިނާއިން އަސްކަރީ ބޭހަކަށް ހަދާފާނެތީއެވެ.

1.5 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ޗައިނާއިން ހެދި މި ބަނދަރު އޮންނަނީ އާގު ބޯޓުފަހަރު އޭޝިޔާއިން ޔޫރަޕަށް ދަތުރުކުރާ މައި މަގާ ގާތުގައެވެ.

ދަރަނިތައް ނުދެއްކިގެން ސްރީލަންކާ ސަރުކާރުން ހަމްބަންޓޯޓާ ކަނޑުގެ ބަނދަރު، ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފައިވަނީ 2017 ވަނަ އަހަރުއެވެ.

ސްރީލަންކާއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ވެދޭ ގައުމަކީ ޗައިނާއެވެ. ސްރީލަންކާގައި އެއަރޕޯޓްތަކާއި، މަގުތަކާއި، ހައިވޭތަކާއި، ރޭލު މަގުތައް ހެދުމަށް ޗައިނާއިންވަނީ ފަންޑު ދީފައެވެ. މިކަމާހެދި، އިންޑިއާއިން މިހާރު މަސައްކަތް ކުރަނީ ސްރީލަންކާއަށް އެހީތައް ވެދީގެން ޗައިނާއަށްވުރެ ކުރި ހޯދޭތޯއެވެ.