ޑިމާންޑްތައް ފުރިހަމަ ނުކުރަނީސް ޕާލަމެންޓް އިމާރާތުން ނުނިކުންނާނޭ ކަމަށް، އިރާގުގެ ޕާލަމެންޓް ދެވަނަ ފަހަރަށް މިއަދު ހިސާރުކުރި އާންމުން ބުނެފިއެވެ.

ގްރީން ޒޯނުގައި ޖަހާފައިވާ ކޮންކްރީޓް ހުރަސްތައް ވައްޓާލުމަށްފަހު މުޒާހަރާ ކުރަމުންދިޔަ އެތައްހާސް އާންމުން ގްރީން ޒޯނުގެ ތެރެއަށް ވަދެގަތުމުން، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ.

މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނަށް އޮށްގަލުން ހަމަލާދީފައެވެ. ރައްދުގައި ފުލުހުންވަނީ ކަރުނަގޭހާއި، ސްޓަން ބޮމުން އެމީހުންނަށް ހަމަލާ ދީފައެވެ.

މިކަމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 100 މީހުންނާއި، ފުލުހުންގެ 25 މީހުން ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގްރީން ޒޯން ފޫއަޅުވާލާފައި ވަދެގަތް މީހުން މިހާރުވަނީ ޕާލަމެންޓް އިމާރާތް އެއްކޮށް ހިސާރުކޮށްފައެވެ. ޕާލަމެންޓް އިމާރާތް ހިސާރުކޮށްފައިވަނީ އިރާގުގެ ޝީއީންގެ ނުފޫޒުގަދަ ލީޑަރެއް ކަމަށްވާ މަގްތަދާ އައްސަދުރަށް ތާއީދުކުރާ މީހުންނެވެ.

އެމީހުން އެންމެ ފުރަތަމަ، މިދިޔަ ހަފްތާގެ ބުދަދުވަހު ޕާލަމެންޓް އިމާރާތަށް ވަދެގަތީ، އައު ބޮޑުވަޒީރެއް އައްޔަންކުރަން ޕާލަމެންޓް ޖަލްސާއެއް ބާއްވަމުން ގެންދަނިކޮށެވެ. ޕާލަމެންޓް ހިސާރުކޮށްގެން ތިބި މީހުން ބުނަމުންގެންދަނީ އައު ބޮޑުވަޒީރެއް ނެގިޔަ ނުދޭނޭ ކަމަށެވެ.

ޕާލަމެންޓުން އައު ބޮޑުވަޒީރަކަށް އައްޔަން ކުރަން އުޅޭ މުހަންމަދު ޝީއާ އައްސޫދާނީއާމެދު އެމީހުން ހިތްހަމައެއް ނުޖެހެއެވެ.

މިދިޔަ ބުދަދުވަހު ޕާލަމެންޓް އިމާރާތަށް ވަދެގަނެ ޖަލްސާ ހުއްޓުވުމަށްފަހު ޕާލަމެންޓުން ނުކުތް ނަމަވެސް، މިއަދު ވަދެގަތް މީހުން ބުނަމުންދަނީ އެމީހުންގެ ޑިމާންޑްތައް ފުރިހަމަ ނުކުރަނީސް ނުނިކުންނާނޭ ކަމަށެވެ.

މުޒާހަރާ ކުރާ މީހުން ބުނަމުންގެންދަނީ، އެމީހުން ބޭނުންވަނީ ކޮރަޕްޝަނުން މިންޖުވެފައިވާ ސަރުކާރެއް ގާއިމްކުރަން ކަމަށެވެ.

ޕާލަމެންޓުން އައު ބޮޑުވަޒީރަކަށް އައްޔަންކުރަން އުޅޭ މުހަންމަދު ޝީއާ އައްސޫދާނީއަކީ، ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ނަކަލެއް ކަމަށާއި، ނޫރީ އަލްމާލިކީ އަކީ ކޮރަޕްޝަނުން ތަތްތެޅި، ވެރިކަމުގެ ދެދައުރު މުޅި ގައުމު ސުންނާފަތި ކޮށްލެއްވި ލީޑަރެއް ކަމަށް މުޒާހަރާކުރާ މީހުން ގަބޫލުކުރެއެވެ.

އިރާގުގައި އޮކްޓޫބަރުމަހު ބޭއްވި ޕާލަމެންޓް އިންތިޚާބުން، ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ލިބިފައިވަނީ މުގްތަދާ އައްސަދްރްގެ ޕާޓީއަށެވެ. ނަމަވެސް، އެ ޕާޓީއަށްވެސް ޕާލަމެންޓުގެ އަޣުލަބިއްޔަތު ނެތުމުން ބޮޑުވަޒީރެއް ނެގުމުގެ މައްސަލާގައި ޕާލަމެންޓް މިހާރު އޮތީ މަރުތަޅު އެޅުވިފައެވެ.