ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން، ހާއްސަކޮށް ވޮލީގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތް ކަމުގައިވާ، އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތް އޮގަސްޓު މަހު ބާއްވަން ނިންމައިފިއެވެ.

ގާތްގަނޑަކަށް ދެއަހަރުގެ މެދުކެނޑުމަކަށްފަހު މުބާރާތް ބާއްވާއިރު، މުބާރާތް ފަށާނީ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުއެވެ. މިފަހަރުގެ މުބާރާތަކީ މި މުބާރާތުގެ 25 ވަނަ އެޑިޝަނެވެ.

އެންމެފަހުން ރިސޯޓު ވޮލީބޯޅަ މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ކާމިޔާބު ކުރީ ބަނޑޮސް އައިލެންޑް ރިސޯޓެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަކީވެސް ބަނޑޮސް އެވެ.

ފާއިތުވީ ދެއަހަރު މި މުބާރާތް ނުބޭއްވީ، ކޮވިޑުގެ ގޮންޖެހުންތަކުގެ ސަބަބުންނެވެ. އެންމެފަހުން ކުޅުނު ދެ މުބާރާތްވެސް ކާމިޔާބު ކޮށްފައިވާ ބަނޑޮސް އިން މިފަހަރުގެ މުބާރާތަށް ނުކުންނާނީ ތަށި މިލްކު ކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

މިފަހަރުގެ އެޑިޝަން ވެސް ކުރިއަށް ގެންދާނީ ކުރީ އަހަރުތަކެކޭ އެއްފަދައިންނެވެ. އެގޮތުން ފުރަތަމަ ކުޅޭނީ ޒޯން ބުރެވެ. އެއަށްފަހު ދެން އޮންނާނީ ޒޯން ތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުރިއަށްދާ ބުރެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްގައިވެސް ވޮލީ ގައުމީ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިއަކު ހިމެނޭނެއެވެ.