ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން އިއްޔެ ހަވީރު ބޭއްވި އިސްރަށްވެހިންގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ރަޙްމަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިމްރާން ދެއްކެވި ފާހަކަފުޅުގައި ކީރިތި ރަސޫލާ محمد صلى الله عليه وسلم ހަދީޘްގެ އަލީގައި ހަގީގީ ރަޙްމަތްތެރިކަމުގެ ސިފަތަކުގެ މައްޗަށް އަލި އަލުއްވާލެއްވިއެވެ.

ރަސޫލާ محمد صلى الله عليه وسلم ހަދީޘް ކުރައްވާފައިވޭ. ތިބާ މީހަކު ދެނެގަންނަން ބޭނުންނަމަ އަސްލު އޭނައަށް ނުބަލާށޭ. ބަލާށޭ އޭނަގެ އެންމެ ގާތް މީހަކީ އެންމެ ރަޙްމަތްތެރިއަކީ ކާކުތޯ. އެހެންވީމަ ރަޙްމަތްތެރިއަކަށްވީމަ މިވާ ގޮތަކީ އެ ދެމީހެއްގެ ހުރިހާ ބަހާތައް އެކައްޗަކަށްވެ އެކަތިގަނޑަކަށް ހަދަނީ. ރަހްމަތްތެރި ކަމަކީ ހިތުގަ އުފެދިގެންދާ ޖަޒުބާތާއި ލޯތްބާއި ކުލުނުގެ ނަތީޖާ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ އިމްރާން ވިދާޅުވީ ރަޙްމަތްތެރި ކަމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު ބާރެއް އެޅިގެންވާ ކަމަށާއި އިސްލާމީ މުޖުތަމައުގައި އުޅޭ ކޮންމެ މީހަކީ އޭނަގެ ގާތް، އެކުވެރި، ރަޙްމަތްތެރިއަކަށް ވުމަށް ބާރު އަޅުއްވާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމައަކީ ރައްކާތެރި، އަމާން ސުލްޙަވެރި މުޖުތަމައަކަށް ވެގެންދާ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހަމައެކަނި ލިބޭ އުފާވެރިކަމުގައި ބައިވެރިވާ ފަރާތަކީ ހަގީގީ ރަޙްމަތްތެރިއެއް ނޫންކަމަށާއި ހަގީގީ ރަޙްމަތްތެރިއަކަށް ވެވެނީ އުފަލާއި ހިތާމައިގަ ބައިވެރިވެ ދަތި ދުވަސްތަކާއި ފާގަތި ދުވަސްތަކުގައިވެސް ބައިވެރި ވުމުން ކަމަށެވެ.

މި އާއިލީ ހަވީރުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު އީސާ ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. ސްޓޭޓް މިނިސްޓަރގެ ވާހަކައިގައި ވިދާޅުވީ އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުން ދަމަހައްޓަންވީ ދުނިޔަވީ ހުރިހާ ނުބައިކަމަކުން ދުރުވުމަށް ކަމަށާއި އެއްވެސް ނުބައި ކަމަކަށް ގާތް ނުވުމަށް ނަސޭހަތްތެރި ވުމަށް ކަމަށެވެ.

ބައިލަންއަގުވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން އިއްުޔެ ހޯރަފުށީގައި ބޭއްވި ހަވީރު ޚާއްސަކޮށްފައިވަނީ އެރަށުގައި ތިބި އިސްރަށްވެހިންނަށެވެ.

އެގޮތުން މިހަވީރުގައި ބައިވެރި އިސްރަށްވެހިންނަށް ހަދިޔާދީ އެފަރާތްތަކާއެކު އެކި ކަހަލަ ކުޅިވަރު ކުޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.