އަދުލުވެރިކަމަކީ ހަމައެކަނި ސިޔާސި މަންފާއެއް ހޯދުމުގެ ބޭނުމުގައި ދައްކާ ސިފައަކަށް ވެގެން ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުލުވެރިކަމަކީ މާތްﷲ ގެ ހަޟްރަތުގައި ވަރަށް ބޮޑުވެގެންވާ ކަމެއް ކަމަށާއި، އެއީ އެއްގޮތަކަށްވެސް ސިޔާސީ މަންފާއަކަށްޓަކައި ދައްކަން ޖެހޭ މޫސުމީ ވާހަކައަކަށް ވެގެން ނުވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހައްގު ގޮތުގައި އަދުލުވެރިކަން ގާއިމުކުރުމަކީ މުއްސަންޖެއް ފަގީރެއް ނުވަތަ ތިމާގެ މީހާއާއި އެނޫން ވެސް މީހެއް ބެލުމެއްނެތި އިންސާފު ގާއިމުކުރުން ކަމަށެވެ.

ބެލެވޭގޮތުގައި ޑރ. ޝަހީމް މިވާހަކަތައް ނިސްބަތްކުރައްވާފައި މިވަނީ މިވަގުތު ހަލަބޮލިވެފައިވާ ގައުމުގެ ސިޔާސީ މަސްރަހަށެވެ. އެގޮތުން ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ އަގު ވައްޓާލަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން، ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރު ކަމަށް ތުހުމަތުކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވުމާއި ގުޅިގެން އޭނާ ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އެއަށްފަހު ރައީސް ސާލިހްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދަވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ އެމަނިކުފާނު އެފަދައިން އަމަލުކުރައްވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށެވެ.

ނަމަވެސް، ނާޒިމް ސައްތާރަށް ލިބެންޖެހޭ ހައްގު އަދަބު ނުދޭން ދުވަހަކުވެސް ނުދައްނަވާނެކަމުގައި ރައީސް ނަޝީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.