އިނގިރޭސިވިލާތުގެ ބާމިންގްހަމުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސް 2022 ގެ ހުރިހާ އިވެންޓެއްވެސް، ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ބެލޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ފާއިތުވީ ހަފްތާގައި ފެށި "ބާމިންގހަމް 2022 ކޮމަންވެލްތް ގޭމްސް" ކުރިއަށްދާނީ މިފެށޭ އޮގަސްޓޫ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ގޭމްސްގައި، އެތުލީޓުންނާއި އޮފިޝަލުން ހިމެނޭހެން ރާއްޖެއިން ޖުމްލަ 46 މެމްބަރުން ބައިވެރިވާނެއެވެ. މިއީ މިހާތަނަށްް މި ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އެންމެ ބޮޑު ޑެލިގޭޝަނެވެ.

އިނގިރޭސިވިލާތުގެ ބާމިންގހަމުގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗްވޮލީބޯޅަ އަދި ބެޑްމިންޓަން އެވެ.

ކޮމަންވެލްތު ގޭމްސްގެ އިވެންޓުތަކުގެ ލައިވް ބްރޯޑްކާސްޓް ފެންނާނީ ދިރާގު ޓީވީ އަދި ދިރާގު ޕްލޭގެ މޯބައިލް އެޕް މެދުވެރިކޮށް، ސޮނީ ސިކްސް އެސްޑީ އަދި އެޗްޑީ އާއި ސޮނީ ޓެން 2 އެސްޑީ އަދި އެޗްޑީގެ އިތުރުން ސޮނީ ޓެން 4 ސެސްޑީ އަދި އެޗްޑީ އަދި ޓެން ސްޕޯޓްސް ޕާކިސްތާން ޗެނަލް އިންނެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ދިރާގު ޓީވީ ކަސްޓަމަރުންނަށް، 350 ރުފިޔާގެ ބޭސިކް ޕެކޭޖު އެކްޓިވޭޓު ކޮށްލައިގެން މި ގޭމްސްގެ އިވެންޓުތައް އަދި މީގެއިތުރުންވެސް އެންޓަޓެއިންމަންޓް ޗެނަލް ތަކާއި ވީޑިއޯ އޮން ޑިމާންޑު އެޗްޑީ ކޮލިޓީގައި ބަލާލެވޭނެއެވެ. އަދި މޯބައިލް ކަސްޓަމަރުންނަށް ދިރާގު ޕްލޭއަށް ސަބްސްކްރައިބް ކޮށްލައިގެން އެންމެ 65 ރުފިޔާއަށް މި ގޭމްސްގެ އިވެންޓުތައް ބަލާލެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ވައިފައި މެދުވެރިކޮށް އިތުރު ޗާޖަކާއި ނުލާ ސްޓްރީމް ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅިއެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅުން އެއީ ރައީސް ސޯލިހްގެ ރިޔާސީ އެއް ވައުދަށްވާއިރު، އެކަން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައެވެ. ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ.