ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމަކީ ކިތަންމެ ގަދަ ކަނޑެއްގައި ވެސް އޮޑި ދުއްވުމުގެ ޤާބިލުކަން ހުންނެވި މޮޅު މާލިމީއެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސްތަރުޖަމާނު ޢަލީ ޞާލިހް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައި ވެސް ހުންނެވި ޢަލީ ޞާލިހް މި ފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ ވިދާޅުވުމާއި ގުޅިގެން "ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޖޭޕީގެ އިސްތަރުޖަމާނު ވިދާޅުވީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ދެއްކެވި ވާހަކައަކީ އޭނާގެ އަމިއްލަފުޅު ރަޢުޔުއެއް ކަމަށެވެ. އަދި އެއީ އެއްވެސް ވަރަކަށް ލީޑަރު ޤާސިމަށް ނުވަތަ ޖޭޕީއަށް އެނގިގެން ނުވަތަ އެންޑޯސްކޮށްގެން ދައްކާފައިވާ ވާހަކައެއް ނޫން ކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ.

އެ ފަދަ މަގާމެއް ފުރުއްވަން ޤާސިމް އިބްރާޙިމް ތައްޔާރުތޯ ސުވާލުކުރެއްވުމުން ޢަލީ ޞާލިހް ވިދާޅުވީ، ގައުމަށް ޚިދުމަތް ކުރަން ލިބޭ ކޮންމެ ފުރުސަތަކަށް ވެސް އެމަނިކުފާނު ހުންނަވާނީ ތައްޔާރަށް ކަމަށެވެ. އަދި ޤާސިމް އިބްރާހިމަކީ ޤާނޫނު ހަދާ މަޖިލީހުގައި އެފަދަ މަގާމެއް ފުރުއްވުމަށް ތަޖުރިބާ ހުުންނެވި ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޢަލީ ޞާލިހު ފާހަގަކުރެއްވި ގޮތަށް ޤާސިމް އިބްރާހިމަކީ ގާނޫނު ހަދާ މަޖިލީހުގެ ރިޔާސަތަށް އާ ބޭފުޅަކަށް ނުވާނެއެވެ. މިހާރު އަމަލަުކުރަމުންދާ ފެހި ގާނޫނު އަސާސީ އެއްކޮށް އެކުލަވާލައި ހާއްސަ މަޖިލިސް ނިމެންދެން އެ މަޖިލީހުގެ ރައީސްކަން ކުރެއްވީ އދ. އަތޮޅުގެ އޭރުގެ މެންބަރު ގާސިމް އިބްރާހިމްއެވެ.

އެހެންކަމުން، އާ ގާނޫނުއަސާސީއެއް ރާއްޖެއަށް ގެނައުމުގައި ގާސިމް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. މި މަސައްކަތުގައި ގާސިމްގެ ފަރާތުން ފެނިގެންދިޔައީ ނަމޫނާ ކަމަށް ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުން ފާހަގަކުރައްވައެވެ.

ޤާސިމް ވަނީ 1 ނޮވެންބަރު 2018 އިން 27 މެއި 2019ގެ ނިޔަލަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޤާސިމް ގެންނަން ތާޢިދުކުރާ މޭރުމުން މެމްބަރު ނަޝީދު ވާހަކަދައްކާފައި ވަނީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރުގެ ދިފާޢުގައި އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުގެ އިސްތަށިފުޅުގައި އެއްވެސް އަސާސެއްނެތް ބޮޑެތި ތުޙުމަތުތަކެއް އަޅުއްވައި ދެއްކެވި ވާހަކަތަކުން ނުރުހުންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ދުރުކުރުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އަދި ގިނަ އަދަދެއްގެ އާންމުންވެސް، ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް ގޮވާލާ، މީސްމީޑިއާގައި ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންގޮސް، ޕެޓިޝަނެއްގައި ސޮއިކުރަމުންދާ ދަނޑިވަޅެއްގައިވެސް މެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުކުރަން މަސައްކަތް ކުރަން ނިންމާފައިވަނީ މަޖިލިސް ޖަލްސާތައް ފެށުމާއެކުއެވެ.

މި މަސައްކަތް ފެށްޓެވި ބޭފުޅުންގެ އަމާޒަކީ އެމްޑީޕީ ކޮންގްރެސްގެ ކުރިން ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީީސްގެ މަގާމުން ވަކިކުރުމެވެ. އެއަށްފަހު އެޕާޓީގެ ކޮންގްރެސްގައި ނަޝީދު ޕާޓީގެ ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެއެވެ.

ރައީސް ޞާލިހް އަންހެނަކާއެކު ޒިނޭކުރާ ފޮޓޯތަކެއް ލިބިފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހަށް ފޮނުވަންވީތޯ ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް މުހައްމަދު ނަޝީދު ގިނަ މެސެޖުތަކެއް ފޮނުވުމާއެކު މެންބަރުންގެ ސުވާލުތަކާއި ނުރުހުން ނަޝީދަށް އަމާޒުވިއެވެ.

ޤައުމުގެ ވަލީއުލްއަމުރުގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތުތަކެއް އެޅުވުމާއެކު އެމްޑީޕީގެ މަތީފަޑީގައި ތިއްބެވި ބޭފުޅުން ވަނީ އެކަމުގެ ތެދުދޮގު ހާމަކޮށްދިނުމަށް ނަޝީދު އަރިހުގައި އެދިފައެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ފަހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.