އިންޑިއާ އިން ދިވެހިރާއްޖެ އަށް މެދުކެނޑުމެއް ނެތި އެއްވެސް ލިމިޓަކާ ނުލައި 9 ޒަރޫރީ ބާވަތެއް އެތެެކުރަން ނިންމައިފިއެވެ.

މީގެ ތެރޭގައި ހިމެނެނީ، ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް، އަލުވި އަދި މުގުގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ތަކެއްޗެވެ. މި ކަމަށް ދެ ޤައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 7460 މެޓްރިކް ޓަނުގެ ހަކުރު އަދި 12،722 މެޓްރިކް ޓަނުގެ ފުއް އެކްސްޕޯޓް ކުރަން ވަނީ ފަހިކޮށްދީފައެވެ.

ފާއިތުވި މޭ އަދި ޖޫންމަހުގައި އިންޑިއާއިން ވަނީ ދުނިޔެއަށް ދިމާވެފައިވާ އިޤްތިސާދީ ހީނަރުކަމުގެ ތެރޭގައި ޤައުމުގެ ތަކެތީގެ އަގު މައްޗަށް ދާތީ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން ހަކުރު އަދި ފުށް އެކްސްޕޯޓްކުރުން ވަނީ ހުއްޓާލައިފައެވެ. ނަމަވެސް، އިންޑިއާއިން، ރާއްޖެއާއިއެކު އޮންނަ ގާތްގުޅުމަށް ބިނާކޮށް އަދި މެދުނުކެނޑި ކާޑުގެ ބާއްވަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ޙާއްސަ ހުއްދައިގެ މަތިން، މި ދެންނެވުނު އަދަދަށް އެތަކެތި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އިމްޕޯޓް ކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަށް ބޭނުންވާ އެކްސްޕޯޓް ކުރުމުގެ ހުއްދަތައް ވަނީ ހަމަޖެހިފައިއެވެ.

މިކަން މިގޮތައް ހަމަޖައްސާފައި ވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބާވަތްތައް ދަތިކަމަކާ ނުލައި ފޯރުކޮށްދިނުމައްޓަކައި އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ދޫކޮށްފައިވާ ޙާއްސަ ކޯޓާގެ ދަށުންނެވެ. މި ނިޒާމުގެ ދަށުން އިންޑިއާއިން ވަނީ ޖުލައި 2021ގައި މި ނުވަ ބާވަތް އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށް އެ ހުއްދަ 2024 ވަނަ އަހަރާއި ހަމައަށް އައު ކޮށްދީފައިއެވެ.

މީގެ އިތުރުން، މި ހުއްދައިގެ ސަބަބުން އެ ޤައުމުން މިހާރު ކަނޑައަޅާފައިވާ މިތަކެތީގެ އެކްސްޕޯޓް ކުރުމުގެ ޤަވައިދަށް ގެންނަ އެންމެހައި ބަދަލުތަކަކުން ބަރީއަވެގެންދެއެވެ.

އިންޑިއާއިން ރާއްޖޭގެ ފުޑް ސެކިއުރިޓ ކަށަވަރުކުރުމަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއެވެ.

މުޅި ދުނިޔެ ބަރޯސާވާ ގޮދަނުގެ ބާވަތްތައް އެކްސްޕޯޓްކުރުން މަޑުޖައްސާލަން އިންޑިއާ އިން ނިންމީ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައިގެ ދަތިކަން އިންތިހާއަށް އިތުރުވެފައި ވާތީ، އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގޮދަނުގެ ބާވަތްތައް ކަށަވަރުކުރުމަށެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ބުނީ ގޮދަނުގެ ބާވަތްތައް އެކްސްޓްކުރުން މި ވަގުތަށް މަނާކުރި ނަމަވެސް، ގޮދަނުގެ ބާވަތްތައް ކޮންމެހެން ބޭނުންވާ ގައުމުތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އެދިއްޖެ ނަމަ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއެކު ބައެއް ގައުމުތަކަށް ކޮންމެހެން ބޭނުންވާ ކާބޯތަކެތި ނުލިބުމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މީގެ ސަބަބަތަކުގެ ތެރޭގައި، ދަނޑުވެރިކަމުގެ އަގުތައް އުފުލެމުން ދިއުމުގެ އިތުރުން، ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މިންވަރު ކަށަވަރުކުރުމަށް އެހެން ގައުމުތަކަށް ކާނާ އެސްޕޯޓްކުރުން ހުއްޓާލުން ހިމެނެއެވެ.

އެގޮތުން، އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓް ކުރުން ހުއްޓުވާފައިވާއިރު، ސާބިއާ އާއި ކަޒަކިސްތާނުން ވަނީ ގޮވާމުގެ ޝިޕްމަންޓްތަކަށް ކޯޓާ ކަނޑައަޅާފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ ގޮވާމާއި ގޮދަނުގެ ބާވަތްތައް އުފައްދަނީ އިންޑިއާގައެވެ. އިންޑިއާ އިން ގޮދަން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.