ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ ދުވަހާ ގުޅިގެން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެން ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ، މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ބޭންކުން ދާރުލްއާސާރުގައި ހުރި ތަކެތި ރައްކާތެރިކޮށް އަދާހަމައަށް ބެލެހެއްޓުމާއި އެތަކެތި ޑިސްޕްލޭ ކޮށް އާންމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ކޮންޒަވޭޝަން އެންޑް ޕްރިޒަވޭޝަން ލެބޯޓަރީ ތަރައްގީ ކުރުމާއި ދާރުލްއާސާރަށް ޒިޔާރަތް ކުރާ ފަރާތްތައް ޝައުގުވެރިވާ ފަދަ ތަނަކަށް ދާރުލްއާސާރު ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ، ގައުމީ ދާރުލްއާސާރަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ މުހިންމު އިދާރާއެއް ކަމަށެވެ.

އަދި މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގު ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގޭ 9 ހަރަކާތް ކަމަށާ، މި ހަރަކާތުގެ ސަބަބުން މުޖުތަމައަށް ފައިދާ ކުރުވަނިވި މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް 4 ހަރަކާތެއް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ބީއެމްއެލް ފެހި ޕްރޮޖެކްޓް، އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީއާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން އަދި ސްމޯލް ގްރާންޓްސް ހިމެނެއެވެ.