- 80 ގައުމުން 22،000 މީހުންނަށް މަންކީޕޮކްސްބަލި ޖެހިއްޖެ
މަންކީޕޮކްސްގެ ހާލަތު ގޯސްވެ އެމެރިކާގެ ނިއުޔޯކް ސިޓީގައި އާންމު ސިއްހަތުގެ އިމަޖެންސީ ހިންގައިފިއެވެ.
މިކަން އިއުލާންކުރެއްވީ، ނިއުޔޯކް ސިޓީގެ މޭޔަރ އެރިކް އެޑަމްސްއާއި، ހެލްތު ކޮމިޝަނަރ އަޝްވިން ވަސަންއެވެ. އެ ދެބޭފުޅުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިމަޖެންސީ ހާލަތު ހިންގެވީ ބަލީ ފެތުރޭ މިންވަރުގެ ސީރިއަސްކަން ބޮޑުކަމުން ކަމަށެވެ.
އިމަޖެންސީ ހިންގުމުގެ ސަބަބުން، ނިއުޔޯކް ސިޓީގެ ހެލްތު ކޯޑުގެ ދަށުން، ސިއްހީ އިމަޖެންސީ އަމުރުތައް ނެރުމާއި، ބަލި ފެތުރުން މަޑުޖައްސަން ޚާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ސިޓީގެ ކަމާބެހޭ އޮފިޝަލުންނަށް ލިބިގެންދާނެއެވެ.
މަންކީޕޮކްސް ހަލުވިކަމާއެކު ފެތުރެމުންދާތީ ނިއުޔޯކްގެ ގަވަރްނަރ ކެތީ ހޮޗުލް، ވޭތުވެދިޔަ ދެދުވަހު އޮތީ ސްޓޭޓް ޑިޒާސްޓަރ އިމަޖެންސީ ޑިކްލަރޭޝަނެއް ނެރުއްވާފައެވެ.
ނިއުޔޯކް ސްޓޭޓްގައި މަންކީޕޮކްސް ފެތުރޭ މައި މަރުކަޒަކީ ނިއުޔޯކް ސިޓީކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ސިއްހީ ކުއްލި އިމަޖެންސީ އެ ސިޓީގައި ހިންގީ އެހެންވެގެންނެވެ.
މުޅި ނިއުޔޯކަށް ބަލާއިރު، މިދިޔަ ހުކުރު ދުވަހާ ހަމައަށް 1،345 މީހުންނަށް މަންކީޕޮކްސް ޖެހިފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ކެލިފޯނިއާއިންނެވެ. އެއީ، 799 މީހުންނެވެ.
މަންކީޕޮކްސް ހަލުވިކަމާއެކު ފެތުރި، މުޅި ދުނިޔޭގައި ކަންބޮޑުވުންތައް އުފެދުމާ ގުޅިގެން، މި ބައްޔަކީ ގްލޯބަލް ހެލްތު އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައި އިއުލާންކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.
ޔޫރަޕާއި، އުތުރު އެމެރިކާގެ ގައުމުތަކުގައި މަންކީޕޮކްސް ފެތުރޭން ފަށާފައިވަނީ މިއަހަރުގެ މެއިމަހުން ފެށިގެންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން އެންމެފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، މިއަދާ ހަމައަށް ދުނިޔޭގެ 80 ގައުމުން 22،000 އަށްވުރެ ގިނަ މީހުންނަށް މަންކީޕޮކްސް ޖެހިފައިވާ ކަމަށެވެ.
މަންކީޕޮކްސް ކަމަށް ތުހުމަތުކުރެވޭ 75 މަރު، އެފްރިކާގެ ގައުމުތަކުން ރިޕޯޓްކޮށްފައި ވާއިރު، ގިނަ މަރުތައް ރިޕޯޓްކޮށްފައިވަނީ ނައިޖީރިއާ އަދި ކޮންގޯއިންނެވެ.
އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް، ބްރެޒިލް އަދި ސްޕެއިނުންވަނީ، މަންކީޕޮކްސްއާ ގުޅުންހުރި މަރުތައް ހުކުރު ދުވަހު ރިޕޯޓްކޮށްފައެވެ. މަންކީޕޮކްސްގެ ދެވަނަ މަރެއް ސްޕެއިނުން އިއްޔެވަނީ ރިޕޯޓްކޮށްފައެވެ.