ޗައިނާގެ ރޮކެޓެއް އިއްޔެ އިންޑިއާ ކަނޑަށް ވެއްޓިފައިވާ ކަމަށާއި، ނަމަވެސް ރޮކެޓްގެ ބައިތައް ވެއްޓުނު ސީދާ ތަނަކާބެހޭ މައުލޫމާތު ޗައިނާއިން ހާމަކޮށްފައި ނުވާކަމަށް ނާސާއިން ބުނެފިއެވެ.
އެމެރިކާގެ ސްޕޭސް ކޮމާންޑުން ބުނެފައިވަނީ، ޗައިނާއިން ޖައްވަށް ފޮނުވާލި ލޯންގް މާޗް 5ބީ ރޮކެޓް، ޖައްވުން އެނބުރާގެނެސް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކޮންމެވެސް ތަނަކަށް ވައްޓާލާފައިވާ ކަމަށެވެ. ރޮކެޓުގެ ބައިތައް ވައްޓާލި ސަރަހައްދާ ގުޅޭގޮތުން ސްޕޭސް ކޮމާންޑުންވެސް ވަނީ ޗައިނާއާ ސުވާލުތައް ކުރިމަތިކޮށްފައެވެ.
ނާސާގެ އެޑްމިނިސްޓްރޭޓަރ ބިލް ނެލްސަން ވިދާޅުވީ، ޖައްވުން އަނބުރާ ގެންނަ ރޮކެޓްތަކުގެ ބައިތައް ނުވަތަ ކުނިތައް ވައްޓާލުމުގައި މިހާރުވެސް އަމަލު ކުރަމުން އަންނަ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، އެ މައުލޫމާތު، ޖައްވީ މަސައްކަތްތަކުގައި އުޅޭ ހުރިހާ ގައުމަކުންވެސް ދުރާލާ ހިއްސާކުރަން ޖެހޭނޭ ކަމަށެވެ. އެއީ، އެކަމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކަމަށްވެސް ނެލްސަން ވިދާޅުވިއެވެ.
ރޮކެޓް ވެއްޓުނު ތަނަކާ ބެހޭގޮތުން ޗައިނާއިން އެއްޗެއް ނުބުނާއިރު، ޗައިނާއިން މިދިޔަ ހަފްތާގައި ހަމައެކަނި ބުނެފައިވަނީ، ރޮކެޓްގެ ބައިތައް ވައްޓާލާއިރު އެކަން ވަރަށް ގާތުން ބަލާނެ ކަމަށާއި، އޭގެ ސަބަބުން ބިންމަތީގައި ހުންނަ މީހަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތީ "ވަރަށް ކުޑަކޮށް" ކަމަށެވެ.
މެލޭޝިޔާގައި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ގެންދަނީ ރޮކެޓްގެ ބައިތައް މެލޭޝިޔާއާ ދިމާއިން ޖައްވުގެ ސަރަހައްދުން ހުރަސްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޗައިނާއިން ޖައްވުން އަނބުރާ ގެނެސް ކަނޑަށް ވައްޓާލި ރޮކެޓްގެ "މެއިން-ކޯރ-ސްޓޭޖް" ގެ ބަރުދަނުގައި 22.5 ޓަނު ހުންނާނެއެވެ.
އެފަދަ ބަރު އެއްޗެއް، އެއްވެސް ކޮންޓްރޯލެއް ނެތްގޮތަށް ޖައްވުން އަނބުރާ ގެނެސް ކަނޑަށް ވައްޓާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް، އެމެރިކާގެ އޭރޯސްޕޭސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ޗައިނާއިން ލޯންގް މާޗް 5ބީ ރޮކެޓް ޖައްޗަށް އުދުއްސާލީ ޖުލައިމަހުގެ 24 ވަނަ ދުވަހުއެވެ. އެ ރޮކެޓް ޖައްވަށް ދިޔައީ ޗައިނާއިން ޖައްވުގައި ހަދަމުންދާ ޖައްވީ ސްޓޭޝަންގެ އައު ލެބޯޓަރީ މޮޑިއުލް ހިފައިގެންނެވެ.