މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަމެންޓް ފޯރަމް ހޯސްޓް ކުރަނީ ރާއްޖެއިންކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެެންޑީއެފްއިން ބުނެފިއެވެ.
އިންޑޯ ޕެސިފިކް އެންވަޔަރުމަންޓް ސެކިއުރިޓީ ފޯރަމްއަކީ ސަރަޙައްދުގެ ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގެ ތެރެއިން، އަންނަ މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ސަރަޙައްދީގޮތުން އެންމެ މަތީފެންވަރުގެ މަސްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއްފަހަރު އިންޑޯ ޕެސިފިކް ސަރަޙައްދުގެ ކޮންމެވެސް އެއްގައުމެއްގައި ބާއްވަމުންގެންދާ ފޯރަމްއެކެވެ.
އެމްއެންދީއެފުން ބުނީ، ފޯރަމްގައި 21 ޤައުމަކުން 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ކަމަށެވެ.
މިއަހަރު ފޯރަމް ހޯސްޓްކުރާ ގައުމުގެ ހައިސިއްޔަތުން، ރާއްޖޭގެ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކުރެވިފައިވާ 24 ބައިވެރިން ރާއްޖެ ތަމްސީލު ކުރުމަށްޓަކައި މިފޯރަމްގައި ބައިވެރިވާނެ ކަމަށްވެސް ބުނެއެވެ.
އިންޑޯ ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމް މާދަމާ ފެށުމަށް ހަމަޖެހިވާއިރު، ފޯރަމް ފައްޓަވައިދެއްވާނީ ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.
ފޯރަމްގެ ސެޝަންތައް ފަރުމާކުރެވިފައިވާނީ އެދުވަހަކަށް ކަނޑައެޅިފައިވާ ތީމާއި ގުޅޭގޮތަށެވެ.
މިއަހަރުގެ ފޯރަމްގެ ދުވަސްތަކަށް ބަހާލެވިފައިވާ ތީމްތަކުގެ ތެރޭގައި ކްލައިމެޓް ސެކިއުރިޓީ ޗެލެންޖެސް އެންޑް ޑިފެންސް ފޯސެސް، ސްމޯލް އައިލެންޑް ނޭޝަސް ކޮންސާންސް، އޯޝަން އެންޑް ވޯޓަރ ސެކިއުރިޓީ އަދި ކްލައިމެޓް ޗޭންޖް އިމްޕެކްޓް އެންޑް ސޮލިއުޝަންސް ހިމެނެއެވެ.
އޮގަސްޓް މަހުގެ އެކަކުން ހަތަރަކަށް ކުރުނބާ މޯލްޑިވްސްގައި ބާއްވާ މި ފޯރަމްގައި ރާއްޖޭގެ އެކިއެކި ވުޒާރާތަކުގެ ވަޒީރުންނާ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ފޯރަމްގެ ތެރެއިން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހުރި މިންވަރު ދައްކާލުމާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ.
އެގޮތުން ފޯރަމްގެ ބައިވެރިން މާލެއަތޮޅު ހުރާއަށް ޒިޔާރަތްކޮށް، އެރަށުގެ ތިމާވެށީގެ ޙާލަތު ވަޒަންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.
ކޮވިޑުގެ ޚާއްޞަ ހާލަތާ ގުޅިގެން ވޭތުވެދިޔަ ދެއަހަރު މިފޯރަމް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.
ރާއްޖޭގައި އެންމެ ފަހުން މި ފޯރަމް ބޭއްވީ 2014 ވަނަ އަހަރުއެވެ.